500 މިލިއަން ޑޮލަރުގެ ސުކޫކު ދައްކައި ހަލާސްކޮށްފި

500 މިލިއަން ޑޮލަރުގެ ސުކޫކު ދައްކައި ހަލާސްކޮށްފި

ކުރީ ސަރުކާރުގައި 2021 ވަނަ އަހަރު ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ވިއްކާފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު ދިވެހި ސަރުކާރުން ދައްކައި ހަލާސްކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ފައިސާ ދެއްކުމުގައި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވްގައި ހުރި ފައިސާ ބޭނުންކޮށްފައިވާނެ ކަމަށާއި އެގޮތުން، ސުކޫކަށް ދައްކަންޖެހޭ އަދަދު ކަމަށްވާ 500 މިލިއަން އެމެރިކާ ޑޮލަރާއި، އޭގެ ފައިދާގެ ރޭޓަށްވާ 24.68 މިލިއަން އެމެރިކާ ޑޮލަރާއެކު ޖުމުލަ 524.68 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން މިހާރު ދައްކައި ހަލާސްކޮށްފައިވާ ކަމަށެވެ. އޭގެ ސަބަބުން ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނީގެ މިންވަރު ކުޑަވެގެންދާނެ ކަމަށް ފިނޭންސުން ބުންޏެވެ.

އޭރުގެ ސަރުކާރުން 2021 ވަނަ އަހަރު އެ ސުކޫކު ވިއްކާފައިވަނީ އޭގެ ކުރީގެ ސަރުކާރުން ނަގާފައި 250 މިލިއަން އެމެރިކާ ޑޮލަރުގެ ”ސަނީ ސައިޑް“ ބޮންޑު އަދާކުރުމަށެވެ.

”ދުނިޔެއާއި ރާއްޖޭގެ އިގުތިސާދަށް ހީނަރުކަން ކުރިމަތިވެފައި އޮތް ދަނޑިވަޅެއްގައި، އޭރުގެ މާލީ ބާޒާރުގެ އަގުތަކާއި އަޅައިބަލާއިރު ބޮޑު އަގެއްގައި މި ސުކޫކު ވިއްކާފައިވަނީ، އަނބުރާ ދެއްކުމުގެ ހަރުދަނާ ސިޔާސަތެއް ނެތިއެވެ. ނަމަވެސް 2023 ވަނަ އަހަރު މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، ރާއްޖޭގެ އިގުތިސާދަށާއި މާލިއްޔާއަށް ބުރަބޮޑު ނުވާނެގޮތަށް ސުކޫކު އަނބުރާ ދެއްކުމުގެ މުހިންމު ފިޔަވަޅުތަކެއް ތަންފީޒުކުރަން ވަނީ ފަށައިފައެވެ،“ ފިނޭންސުން ނެރުނު ބަޔާނުގައި ބުންޏެވެ.

ފިނޭންސުން ބުނީ ދައުލަތުގެ ދަރަނި އަދާކުރުމަށް އުފައްދާފައިވާ އެސްޑީއެފްއަށް ބޭރު ފައިސާ ޖަމާކުރަން ފެށުމަކީ މި ސަރުކާރުން އެންމެ ފުރަތަމަ ތަންފީޒުކުރި އެއް ސިޔާސަތު ކަމަށާއި އޭގެ އިތުރުން، އެސްޑީއެފްއަށް ޖަމާކުރާ އެއާޕޯޓް ތަރައްގީކުރުމަށް ނެގޭ ފީގެ ރޭޓު ވަނީ، 2024 ވަނަ އަހަރު ބޮޑުކޮށްފައި ކަމަށެވެ. އަދި އެ ބަދަލު ގެނެސްފައިވަނީ އެއާޕޯޓުން ދަތުރުކުރާ ދިވެހި ފަސިންޖަރުންނަށް އަސަރު ނުކުރާނެ ގޮތަށް ކަމަށް ފިނޭންސުން ބުންޏެވެ.

ސަރުކާރުން އަޅާފައިވާ ހަރުދަނާ ސިޔާސަތުތަކާއެކު، އެސްޑީއެފްގެ ބޭރު ފައިސާގެ ބެލެންސް ވަނީ ފުރަތަމަ ފަހަރަށް 350 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރުވެފައި ކަމަށާއި އަދި ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ މިދިޔަ މަސް ނިމުނުއިރު ރެކޯޑް މިންވަރަކަށް މައްޗަށް ގޮސް، 1.3 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރުވެފައި ކަމަށެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް ދައުލަތުގެ ރަސްމީ ރިޒާވް މި މިންވަރަށް އިތުރުވި ފުރަތަމަ ފަހަރުކަން ފިނޭންސުން ފާހަގަކުރެއެވެ.

ފިނޭންސުން ބުނީ ސުކޫކު އަނބުރާ ދެއްކުމަށްފަހު، ދިވެހި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް މިވަގުތު ދެނީ ރާއްޖެއަށް ބޭނުންވާ ތެލާއި އެހެނިހެން އަސާސީ ހިދުމަތްތަކާއި ތަކެތި މެދުކެނޑުމެއްނެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށާއި، އިގުތިސާދީ ހަރަކާތްތައް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ.

”އެގޮތުން ބައިނަލްއަގުވާމީ މާލީ އިދާރާތަކާއެކު މިހާތަނަށް ކުރެވިފައިވާ މަސައްކަތުގެ ތެރެއިން، މިކަމަށް ބޭނުންވާ މާލީ އެހީތެރިކަން ދަނީ ހަމަޖެހެމުންނެވެ. އަދި މި މަހުގެ ނިޔަލަށް އަދާކުރަންޖެހޭ 100 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑު ރޯލްއޯވާ ކުރުމަށް އަބޫދާބީ ފަންޑާއެކު ކުރެވިފައިވާ މަސައްކަތްތައް މިހާރު ވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައެވެ،“ ފިނޭންސުން ބުންޏެވެ.

ފިނޭންސުން ބުނީ ދުނިޔޭގެ އިގުތިސާދަށް އަންނަ ބަދަލުތަކާއެކު، ރާއްޖޭގެ މާލީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ފިސްކަލް އަދި އިގުތިސާދީ ހަމަޖެހުން ދެމެހެއްޓުމުގައި ސަރުކާރުން ދެމިއޮންނާނެ ކަމަށާއި އޭގެ އިތުރުން މެދުރާސްތާގައި ޖީޑީޕީގެ ނިސްބަތުން ދަރަނި ދަށަށްދާނެ މިސްރާބަކަށް ރާއްޖޭގެ މާލިއްޔާ ގެންދިއުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ.

 

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *