ކުޑަގިރިން މަރާލާ ކޮންމެ މީދަލަކަށް 50 ރުފިޔާ ދޭން ނިންމުމުން މަކަރު ހެދި ދެ މުވައްޒަފުން ވަކިކުރީ ރަނގަޅަށް

ކުޑަގިރިން މަރާލާ ކޮންމެ މީދަލަކަށް 50 ރުފިޔާ ދޭން ނިންމުމުން މަކަރު ހެދި ދެ މުވައްޒަފުން ވަކިކުރީ ރަނގަޅަށް

މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރުދާން ހާއްސަކޮށް ތައްޔާރު ކޮށްފައިވާ ކުޑަގިރި ޕިކްނިކް އައިލެންޑުން މީދާ މަރާ މުވައްޒަފުންނަށް ދޭން ކަނޑައެޅި ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ދެ މުވައްޒަފަކު ވަކިކޮށްފައި ވަނީ ރަނގަޅަށް ކަމަށް ވަޒީފާއާބެޙޭ ޓްރައިބިއުނަލުން ނިންމައިފިއެވެ.

ކުޑަގިރީގައި މީދާ މަރާ މުވައްޒަފުންނަށް، އެމީހަކު މަރާ ކޮންމެ މީދަލަކަަށް 50 ރުފިޔާގެ މަގުން ފައިސާ ދިނުމަށް ކަނޑައެޅި ޕޮލިސީގެ ދަށުން މީދާ މަރާ މުވައްޒަފުންނަށް ޕެޓީކޭޝް އިން ހަރަދު ކޮށްފައިވާ ފައިސާއަށް ހިޔާނާތްތެރިވުމާއި، މީދާ މެރިކަމުުގެ ޑޮކިއުމެންޓް ތަކެއް ފޯޖުކުރި މައްސަލަ އާއި، މީދާ މެރި މުވައްޒަފުންނަށް ފައިސާ ދޫކުރުމުގެ ނަމުގައި އަސްލެއް ނެތް ލިއުން ތަކެއް އުފެއްދުމާއި، އަމިއްލަ ބޭނުމަށް ޕެޓީކޭޝް ހަރަދު ކޮށްފައިވާ މައްސަލައިގައި ވަޒީފާއިން ވަކިކޮށްފައި ވަނީ ކުޑަ ގިރީގެ އެސިސްޑެންޓް މެނޭޖަރު ކަމުގެ މަގާމުގައި ހުރި ތ. ބުރުނި ގުލްހަޒާރުގެ އިބްރާހިމް ޝާހިރު އާއި، ކުޑަގިރީގައި އެސިސްޓަންޓް އެކައުންޓެންޓް އޮފިސަރުގެ މަގާމު އަދާކުރަމުން ދިޔަ ގދ. ހޯނޑެއްދޫ ގުލްބަކާގެ އަޒުވީނު މުހައްމަދެވެ.

މި ދެމީހުން ވަޒީފާއިން ވަކި ކުރުމާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ. މީގެ ތެެރެއިން ޝާހިރު ހުށަހެޅި މައްސަލައިގައި އެދިފައިވަނީ، އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ގޯސްކޮށް ކަމަށް ކަނޑައަޅައި، އޭނާ އަދާކުރަމުން ދިޔަ މަގާމަށް އަލުން ރުޖޫއަކޮށް ދިނުމަށާއި، އޭނާއަކީ އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމަށް ނުބެލުމަށާއި، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން މައްސަލަ ނިމޭ ދުވަހާއި ހަމައަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބެންޖެހޭ ފައިސާ ލިބިދިނުމަށެވެ.

ކުޑަގިރީގައި އަދާކުރަމުން ދިޔަ ވަޒީފާއިން އަޒުވީނު ވަކިކޮށްފައިވަނީ ކޮންޓްރެކްޓް ހަމަނުވަނީސް، ހަގީގަތާ ހިލާފް ތުހުމަތެއްކޮށް، ގާނޫނާހިލާފަށް ކަމަށްބުނެ، އެކަމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ވަޒީފާ އާއި މުސާރަ އިއާދަ ކުރުމަށާއި، އެކަމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ލިބިދިނުމަށް އެޗްޑީސީގެ މައްޗަށް އަމުރު ކޮށްދިނުމަށް އޭނާ ވަނީ ޓްރައި ބިއުނަލްގައި އެދިފައެވެ.

މީގެ އިތުރުން މި މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ވަކީލުން އައްޔަން ކޮށްދޭ ފީގެ ގޮތުގައި 25،000 ރުފިޔާ ނަގައި ދިނުމަށާއި، ހިޔާނާތުގެ ތުހުމަތު ކޮށްފައިވާތީ، އަބުރަށް ލިބިފައިވާ ގެއްލުމާއި، އެކަމުގެ ސަބަބުން އެހެން ތަނަކުންވެސް ވަޒީފާ ހޯދަން ދަތިތަކެއް ކުރިމަތި ވެފައިވުމުން ބަދަލެއްގެ ގޮތުގައި 30،000 ރުފިޔާ ނަގައި ދިނުމަށާއި، ވަޒީފާގެ އެއްބަސްވުން ނިމުމަކަށް ނާންނަނީސް ބޮޑެތި ތުހުމަތު ތަކެއްކޮށް ދެވަނަ ފުރުސަތެއް ނުދީ ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފައި ވާތީ، ލިބިފައިވާ ނަފްސާނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 30،000 ރުފިޔާ ނަގައިދިނުމަށްވެސް އެދިފައިވެއެވެ.

މި މައްސަލައިގައި ދެފަރާތުންގެ ހުށަހެޅުންތަކާއި ހެކިންގެ ހެކިބަހަށް ބުރަވެ، ޓްރައިބިއުންނަލުން މި މައްސަލަ ނިންމާފައި ވަނީ، އެ ދެމީހުން ވަޒީފާއިން ވަކިކޮށްފައިވަނީ، ވަޒީފާއާބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާފަދަ އެކަށީގެންވާ ސަބަބެއް މެދުވެރިވެ، ޖަވާބުދާރީ ވުމުގެ ފުރުސަތު ދީ، އަދުލުވެރި އިޖުރާއަތެއްގެ ދަށުން ކަމަށް ބުރަވެވޭ ކަމަށެވެ.

އެހެން ކަމުން އިބްރާހިމް ޝާހިރު އާއި، އަޒުވީނު މުހައްމަދު ވަޒީފާއިން ވަކި ކުރުމުގައި މައުލޫއީ އަދުލުވެރިކަން އަދި އިޖުރާއީ އަދުލުވެރިކަން ގާއިމް ވާކަމަށް ކަޑައަޅައި، އެ ދެ މީހުން އެދިފައިވާ ފަދަ އެއްވެސް އަމުރެއް އެޗްޑިސީގެ މައްޗަށް ކުރާނެ ގާނޫނީ ހަމައެއް ނެތްކަމަށް ގަނޑައަޅައި މައްސަލަ ނިންމާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *