ދެ އިންތިހާބު އެކުގައި ބާއްވަން ނަގާ ފެންނަ ނުފެންނަ ވޯޓު ނުހުއްޓުވަން ހުކުމްކޮށްފި

ދެ އިންތިހާބު އެކުގައި ބާއްވަން ނަގާ ފެންނަ ނުފެންނަ ވޯޓު ނުހުއްޓުވަން ހުކުމްކޮށްފި

އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓާއެކު ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން ނަގަން ނިންމާފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ހިމަނާފައިވާ ސުވާލު ގާނޫނުއަސާސީއާ ހިލާފު ނޫން ކަމަށް ކަނޑައަޅައި، އެ ވޯޓުނެގުން ހުއްޓުވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ދެންމެ ހުކުމް ކޮށްފިއެވެ.

ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުން ކުރެން އަހަން ހިމަނާފައިވާ ސުވާލަކީ، "ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާން ކުރުމަށްޓަކައި މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމަށް ފެނޭ ހެއްޔެވެ؟"

މި ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ދުްތޫރީ މައްސަލައެއް ހުށަހެޅުއްވީ އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އަހުމަދު އައިކް އީސާ އާއި އިބްރާހީމް ޝިޔާމްއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހާއި، ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މައްޗަށް ހުށަހެޅި މި މައްސަލައިގައި ބުނެފައިވަނީ، ދެ އިންތިހާބު އެއްކޮށްލާގޮތަށް، ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލުގައި، ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ އިމުގެ ބޭރުންވެސް ކަންކަން ހިމަނާފައިވާ ކަމަށެވެ.

އެހެންކަމުން މުޅި ބިލު ތަސްދީގުކުރަން ފެނޭތޯ އެހުމަކީ ގާނޫނުއަސާސީއަށް ގެނެވޭ ހަގީގީ ބަދަލު ރައްޔިތުންނަށް ވަންހަނާވެގެންދާ ގޮތަށް ފަރުމާކޮށްފައިވާ ސުވާލެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ވޯޓުގައި ކުރަން ހިމަނާފައިވާ ސުވާލަކީ ގާނޫ އަސާސީގެ 262 ވަނަ މާއްދާގެ (ށ) އިން (އާއްމު ވޯޓު ނެގުމަށް) ލާޒިމުކުރާ އުސޫލުތަކުގެ ތެރެއިން ފަރުމާކޮށްފައިވާ ސުވާލަކަށް ނުވާތީ އެ ސުވާލުގެ މައްޗަށް ބިނާކޮށް އޭޕްރީލް މަހުގެ ހަތަރުވަަނަ ދުވަހު ބާއްވާ ހިޔާލު ހޯދުމުގެ އާއްމު ވޯޓު ބާއްވައިގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

"މި ހުށަހެޅުން އަޅުގަނޑުމެން ހުށަހަޅާ ގާނުނީ އަދި ޝަރުއީ ސަބަބުތަކަކީ، 262 ވަނަ މައްދާގެ ދަށުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަންވާނީ އެ މާއްދާގެ (ށ)ގައި ލިސްޓު ކުރެވިފައިވާ މައްދާއަކަށް ގެންނަ ބަދަލުތަކާ މެދު ރައްޔިތުން ރުހޭތޯ، ނުވަތަ ނޫންތޯ ކަމަށް ބަޔާން ކޮށްފައިވާއިރު އޭޕްރީލް ހަތަރެއްގައި ބައްވާ އާއްމު ހިޔާލު ހޯދުމުގެ ވޯޓުގެ ސުވާލު ފަރުމާކޮށްފައިއޮތީ ގާނޫނުއަސާސީއަށް ގެނެވޭ ހަގީގީ ބަދަލު ރައްޔިތުންނަށް ވަންހަނާވާ ގޮތަށް، އެއީ 262 ވަނަ މާއްދާއާ ހިލާފު ކަމެއް،" ވޯޓު ހުއްޓުވަން ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ.

ގާނޫނު އަސާސީގެ 262 މައްދާގައި ލިސްޓުކޮށްފައިވާ އެއްވެސް މާއްދާއަކަށް ގެންނަ އިސްލާހެއް ރައީސް ތަސްދީގު ކުރައްވަންވާނީ އެ އިސްލާހެއް ގެންނަން ރައްޔިތުން ރުހޭތޯ ބަލަން އަހާ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓެއްގައި އަގުލަބިއްޔަތު ލިބިގެންކަމަށް ސާފުކޮށް ބަޔާންކޮށްފައި ވާއިރު، ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލުގައި، ދެ އިންތިހާބު އެއްކޮށްލަން، ގާނޫނު އަސާސީގެ 79 ވަނަ މާއްދާއަށް ގެނައި އިސްލާހުގެ އިތުރުން އެހެން ބައެއް މާއްދާތަކަށް ބަދަލު ގެނަސްފައިވާކަން އެ ބިލުން ފެންނަން އޮންނަ ކަމަށްވެސް ބުނެފައިވެއެވެ.

"އެގޮތުން އެ ބިލުގެ ހަތަރު ވަނަ މާއްދާގެ (ށ) އިން ގެނެސްފައިވާ އިސްލާހުގައި އޮންނަ ގޮތުން މިހާރު ފަސް އަހަރުގެ ދައުރަކަށް އިންތިހާބުވެފައި އޮތް ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމުގެ ކުރިން އެ މަޖިލިސް އުވާލެވޭ، އެ ބިލްގެ ތިން ވަނަ މާއްދާއިން ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ނ)އަށް ގެންނަ ބަދަލު އޮތްގޮތުން މަޖިލީހުގެ ދައުރު ފެށޭނެ މީލާދީ ތާރީހެއްވެސް ކަނޑައަޅާ ބަޔާން ކޮށްފައިވޭ އަދި އެ ބިލުގެ އެއްވަނަ މައްދާއިން ގާނޫނުއަސާސީގެ 72 ވަނަ މައްދާގެ (ނ) އަށް ގެންނަ ބަދަލުގައި އޮތީ މަޖިލީހުގެ އިންތިހާބު ބާއްވަންވާނީ ރިޔާސީ އިންތިހާބާ އެކުގައި ކަމަށް،" އެ މައްސަަލައިގައި ވެއެވެ.

މި ބަދަލުތައް ބިލުން ގެނަސްފައިވީ ނަމަވެސް ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ރައީސް ނެރުއްވާފައިވާ ގަރާރާއި އީސީން އާއްމުކޮށްފައިވާ އިންތިހާބުގެ ސުވާލުގައި ބުނެފައިވަނީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި، މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާން ކުރުމުގެ ވާހަކަ ކަމަށްވެސް ބުނެފައިވެއެވެ.

"މިހާރު ސުވާލު ފަރުމާކޮށްފައި އޮތްގޮތުން، އެ ބިލުން ގެންނަ ބަދަލުތައް ރައްޔިތުންނަށް ދައްކައިދެނީ ދެކަމެއް، ފުރަތަމަ ކަމަކަށް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބާއްވާކަން، ދެވަނަ ކަމަކަށް އެ ބިލުން ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާން ކުރާކަން، މި ތަފްސީލުތައް ދިނުމަށްފަހު ކުރާ ސުވާލަކީ އެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރަން ފެނޭ ހެއްޔޭ،" މައްސަލައިގައ ވެއެވެ.

އެ މައްސަލައިގައި ބުނެފައިވަނީ، ވޯޓުގައި ސުވާލު ކުރަންވާނީ ބިލު ތަސްދީގު ކުރުމަށް ފެނޭތޯއެއް ނޫން ކަމަށެވެ. ސުވާލުގައި ހިމަނަންވާނީ، ގާނޫނު އަސާސީގެ 262 ވަނަ މާއްދާގައި ލިސްޓް ކޮށްފައިވާ މާއްދާއަކަށް ގެންނަ ބަދަލު ގެނައުމަށް ރުހޭތޯ ކަމަށެވެ.

މަޖިލިސް ދައުރު ކުރުވާކަން ރައްޔިތުންނަށް ވަންހަނާވާ ގޮތަށް މިހާރު ފަރުމާކޮށްފައިވާ ސުވާލާކީ ގާނޫނު އަސާސީގެ 262 ވަނަ މާއްދާގެ އިމުގެ ތެރެއިން ފަރުމާ ކޮށްފައިވާ ސުވާލެއް ނޫން ކަމަށާއި، ރައީސް ތަސްދީގު ކުރަން ފެނޭތޯ ނަގާ ވޯޓުގައި ހިމެނޭ، ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ގާނޫނަކީ ރާއްޖޭގެ އިންތިހާބީ އޮނިގަނޑު ދާއިމަށް ބަދަލު ކޮށްލާނެ އިސްލާހެއް ކަމަށާއި އެ ބަދަލުގެ ސަބަބުން، ރާއްޖޭގައި އިންތިހާބުތައް ބާއްވާގޮތާއި ސިޔާސީ ޕާޓީތަކުގެ އިންތިޒާމު ތަކަށް ބަދަލު އަންނާނެތީ، އެ ބަދަލުގެ އަސަރު ރައްދުވާނީ ދިވެހި ރައްޔިތުންނަށް ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލައިގައި އެ ފަރާތުން އެދޭގޮތަކީ ރައްޔިތުންގެ ހިޔާލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ގަރާރާއި އީސީން އާއްމު ކޮށްފައިވާ، އާއްމު ވޯޓުގެ އިއުލާންގައިވާ ސުވާލަކީ ގާނޫނުއަސާސީގެ 262 (ށ)އިން ލާޒިމުކުރާ އުސޫލު ތަކުގެ ތެރެއިން ފަރުމާކޮށްފައިވާ ސުވާލަކަށް ނުވާތީ އެ ސުވާލުގެ މައްޗަށް ބިނާކޮށް އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓު ބާއްވައިގެން ނުވާނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ދިނުން ކަމަށް ޝިޔާމާއި އައިކު ހުށަހެޅި މައްސަލައިގައި އެދިފައިވެއެވެ.

މި މައްސަލަައަށް ޖަވާބުދާރީ ވަމުން ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު ވިދާޅުވީ ސުވާލު އޮންނަންވީ ވަކި ގޮތެއް ގާނޫނުއަސާސީގައި ކަނޑައަޅާފައިނުވާ ކަމަށާއި އެއީ ރައީސުލްޖުމްހޫރިއްޔާއަށް ދޫކޮށްލާފައިވާ ކަމެއް ކަމަށެވެ.

އެހެން ކަމުން އާންމު ވޯޓުގެ ސުވާލު މިހާރު ފަރުމާކޮށްފައި އޮތީ، ގާނޫނުއަސާސީގެ 262 ވަނަ މާއްދާއާ ހިލާފަށް ނޫން ކަމަށްވެސް ވިދާޅުވެފއިވެއެވެ.

ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އަކީ ސުވާލުގެ އިބާރާތް އޮންނަންވީ ގޮތާއި ސުވާލު ފަރުމާކުރަންވީ ގޮތް ބަޔާންކުރާ މާއްދާއެއް ނޫން ކަމަށާއި، އެ މާއްދާއަކީ ގާނޫނުއަސާސީއަށް ގެންނަ ވަކި ބަދަލުތައް ރައީސަށް ތަސްދީގު ކުރެވޭނީ ހިޔާލު ހޯދުމުގެ ވޯޓަކުން ރައްޔިތުންގެ އަގުލަބިއްޔަތު ލިބިގެންކަން ބަޔާންކުރާ މާއްދާއެއް ކަމަށްވެސް ބުނެފައިވެއެވެ.

އާންމު ވޯޓުގެ ސުވާލު އޮންނަންވީ ގޮތް ކަނޑައަޅަން ދޫކޮށްލާފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަަމަށާއި އެކަމުގައި ރައީސް އަމަލު ކުރައްވަންޖެހޭ އިޖުރާއަތު ހިޔާލު ހޯދުމުގެ ވޯޓު ނަގާ ގާނޫނުގައި ބަޔާންކުރާ ކަމަށާއި، އަދި ގާނޫނުގައިވާ ގޮތުން ސުވާލު ކަނޑައަޅަން ޖެހޭނީ ރައީސް ނެރުއްވާ ގަރާރަކުން ކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުން އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދު މި މައްސަލައިގެ ހުކުމް އިއްވަވަމުން މިއަދު ވިދާޅުވީ،  ފެންނަ ނުފެންނަ ވޯޓެއްގެ ސުވާލު ހިމަނަންޖެހޭ ވަކި ގޮތެއް ގާނޫނު އަސާސީ އާއި ގާނޫނުތަކުން ބަޔާންކޮށްފައި ނެތް ކަމަށެވެ.

ގާނޫނު އަސާސީއަށް ގެންނަ އެފަދަ ބަދަލަކާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓެއްގައި ގާނޫނު އަސާސީއަށް ގެނެވޭ މުޅި އިސްލާހުގައި ހިމެނޭ ހުރިހާ ކަމަކާ މެދު ފެންނަ ނުފެންނަ ވޯޓުގައި ސުވާލު ކުރަން ޖެހޭއިރު މިހާރު ސުވާލު އޮތީ މަޖިލީހުން ފާސްކުރި އިސްލާހުގައި ހިމެނޭ ކަންކަން ހިމެނޭ ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ފެންނަ ނުފެންނަ ވޯޓުގެ ސުވާލު މިހާރު އޮތީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބެލެވެން ނެތަތީ، ފެންނަ ނުފެންނަ ވޯޓު ހުއްޓުވެން ނެތް ކަމަށް ހުކުމް ކުރާ ކަމަށް ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރުގެ ހުކުމަށް ދެން ތިއްބެވި ފަނޑިޔާރުން ތާއީދު ކުރައްވާފައިވާތީ، މި ހުކުމް ކޮށްފައިވަނީ މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

މި މައްސަލަ ބެއްލެވި ބެންޗުގައި ތިއްބެވީ، އުއްތަމަ ފަނޑިޔާރުގެ އިތުރުން، ފަނޑިޔާރު އަލީ ރަޝީދު ހުސައިން އާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމާއި ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *