ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ ސަބްސިޑަރީއެއް ކަމުގައިވާ، ބީ.އެމް.އެލް އެފޯޑަބަލް ލީޒިންގ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ހުޅުމާލެ ފޭސް 2ގައި ޢިމާރާތްކުރާ 1190 ހައުސިންގ ޔުނިޓުގެ ބިންގާ އެޅުމާއި ޢަމަލީ މަސައްކަތް ރޭ ފަށައިފިއެވެ.
ބިންގާ އެޅުމާއި އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު، ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.
މަޝްރޫޢުގެ ކޮންޓްރެކްޓަރ، ބެއިންޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީ.ޔޫ.ސީ.ޖީ) ގެ ހުޅުމާލޭ ފޭސް 2ގެ ސައިޓުގައި މިރޭ ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި، 1190 ހައުސިންގ ޔުނިޓް ހިމެނޭ އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުالله މުއްޠަލިބާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ކޮންގް ޝިންހުއާގެ އިތުރުން ބީ.އެމް.އެލްއާއި ބީ.ޔޫ.ސީޖީގެ އިސްވެރީންނެވެ.
"އެފޯޑަބަލް ހައުސިންގ" މަޝްރޫޢަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ" މެދުވެރިކޮށް ހުޅުމާލެއާއި ވިލިމާލޭގައި ފްލެޓް އެޅުމަށް ހިންގާ މަޝްރޫޢެކެވެ. މިއީ "ލީސް-ޓު-އޯން" މޮޑެލް، ނުވަތަ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ ގޮތަށް ފަހިކޮށްދެއްވާފައިވާ ފުރުސަތެކެވެ. މި މަޝްރޫޢުގެ ދަށުން، ހުޅުމާލޭ ފޭސް 1، ހުޅުމާލޭ ފޭސް 2، އަދި ވިލިމާލޭގައި ޖުމުލަ 3260 ޔުނިޓް ތަރައްޤީ ކުރާނެއެވެ.
ރޭ ފެށި މި މަޝްރޫޢާއެކު، މި ސްކީމްގެ ދަށުން، މިހިނގާ މާރިޗު މަހުގެ ތެރޭގައި 4 މަޝްރޫޢުގެ ބިންގާ އެޅި، ޢަމަލީ މަސައްކަތް މި ވަނީ ފައްޓަވާފައެވެ. އޭގެތެރޭގައި ޗައިނާ މެޝިނަރީ އިންޖިނޭރިންގ ކޯޕަރޭޝަން (ސީ.އެމް.އީ.ސީ)އިން ހުޅުމާލޭ ފޭސް 2 ގައި ތަރައްޤީކުރާ 1224 ހައުސިންގ ޔުނިޓާއި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރް.ސީ.ސީ)އާ ޙަވާލުކުރައްވައިގެން ވިލިމާލޭގައި ތަރައްޤީ ކުރާ 300 ހައުސިންގ ޔުނިޓާއި، އެފް.ޑަބްލިއު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ޙަވާލު ކޮށްގެން ހުޅުމާލޭ ފޭސް 1ގައި ތަރައްޤީކުރައްވާ 182 ހައުސިންގ ޔުނިޓު ހިމެނެއެވެ.
މިއާއެކު މަޝްރޫޢުގެ 2896 ޔުނިޓްގެ ޢަމަލީ މަސައްކަތް ފެށިފައިވާއިރު، މިހާތަނަށް ޢަމަލީ މަސައްކަތް ނުފެށިވާ 364 ޔުނިޓްގެ ބިންގާ އަޅުއްވައި، އަދި ޢަމަލީ މަސައްކަތް، މިރޭ ފަށަން ވަނީ ހަމަޖެހިފައެވެ. ޖުމްލަ 3260 ޔުނިޓު ހިމެނޭ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 2028 ވަނަ އަހަރުގެގެ އޮގަސްޓު މަހުގެ ނިޔަލަށެވެ.





