ރެފެރެންޑަމް ހުއްޓުވާ މައްސަލައިގަ މާދަމާ ހުކުމް އިއްވަނީ

ރެފެރެންޑަމް ހުއްޓުވާ މައްސަލައިގަ މާދަމާ ހުކުމް އިއްވަނީ

އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓާއެކު ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން ނަގަން ނިންމާފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ހިމަނާފައިވާ ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށްބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް ކުރުން މާދަމާއަށް ތާވަލްކޮށްފިއެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލައިގެ ހުކުމް އިއްވުމަށް ތާވަލް ކޮށްފައިވަނީ މެންދުރު 12:45 އަށެވެ. މި މައްސަލަ މިމަހުގެ 26 ވަނަ ދުވަހު ފަށައި ހަމަ އެދުވަހު އަޑުއެހުންތައް ވަނީ ނިންމާލައިފައެވެ.

ފެންނަ ނުފެންނަ ވޯޓުގައި އަހަން ހަމަޖެހިފައިވާ ސުވާލަކީ، "ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމަށް ފެނޭ ހެއްޔެވެ؟"

މި ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އަހުމަދު އައިކް އީސާ އާއި އިބްރާހީމް ޝިޔާމްއެވެ.

ސުޕްރީމް ކޯޓުގައި އެދުވަހު އޮތް މި މައްސަލައިގެ އަޑުއެހުމުގައި، އެޓާނީ ޖެނެރަލްގެ އޮފީހާއި، ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މައްޗަށް މި މައްސަލަ ހުށަހަޅުއްވަމުން އިބްރާހީމް ޝިޔާމް ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލާގޮތަށް، ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލުގައި، ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ އިމުގެ ބޭރުންވެސް ކަންކަން ހިމަނާފައިވާ ކަމަށެވެ.

އެހެންކަމުން މުޅި ބިލު ތަސްދީގުކުރަން ފެނޭތޯ އެހުމަކީ ގާނޫނުއަސާސީއަށް ގެނެވޭ ހަގީގީ ބަދަލު ރައްޔިތުންނަށް ވަންހަނާވެގެންދާ ގޮތަށް ފަރުމާކޮށްފައިވާ ސުވާލެއް ކަމަށެވެ.

އެކަމާ ގުޅިގެން ވޯޓުގައި ކުރަން ހިމަނާފައިވާ ސުވާލަކީ ގާނޫ އަސާސީގެ 262 ވަނަ މާއްދާގެ (ށ) އިން (އާއްމު ވޯޓު ނެގުމަށް) ލާޒިމުކުރާ އުސޫލުތަކުގެ ތެރެއިން ފަރުމާކޮށްފައިވާ ސުވާލަކަށް ނުވާތީ އެ ސުވާލުގެ މައްޗަށް ބިނާކޮށް އޭޕްރީލް މަހުގެ ހަތަރުވަަނަ ދުވަހު ބާއްވާ ހިޔާލު ހޯދުމުގެ އާއްމު ވޯޓު ބާއްވައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ހުށަހެޅުން އަޅުގަނޑުމެން ހުށަހަޅާ ގާނުނީ އަދި ޝަރުއީ ސަބަބުތަކަކީ، 262 ވަނަ މައްދާގެ ދަށުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަންވާނީ އެ މާއްދާގެ (ށ)ގައި ލިސްޓު ކުރެވިފައިވާ މައްދާއަކަށް ގެންނަ ބަދަލުތަކާ މެދު ރައްޔިތުން ރުހޭތޯ، ނުވަތަ ނޫންތޯ ކަމަށް ބަޔާންކޮށްފައިވާއިރު އޭޕްރީލް ހަތަރެއްގައި ބައްވާ އާއްމު ހިޔާލު ހޯދުމުގެ ވޯޓުގެ ސުވާލު ފަރުމާކޮށްފައިއޮތީ ގާނޫނުއަސާސީއަށް ގެނެވޭ ހަގީގީ ބަދަލު ރައްޔިތުންނަށް ވަންހަނާވާގޮތަށް، އެއީ 262 ވަނަ މާއްދާއާ ހިލާފުކަމެއް،"

ޝިޔާމް ވިދާޅުވީ، ގާނޫނު އަސާސީގެ 262 މައްދާގައި ލިސްޓުކޮށްފައިވާ އެއްވެސް މާއްދާއަކަށް ގެންނަ އިސްލާހެއް ރައީސް ތަސްދީގު ކުރައްވަންވާނީ އެ އިސްލާހެއް ގެންނަން ރައްޔިތުން ރުހޭތޯ ބަލަން އަހާ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓެއްގައި އަގުލަބިއްޔަތު ލިބިގެންކަމަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލުގައި، ދެ އިންތިހާބު އެއްކޮށްލަން، ގާނޫނު އަސާސީގެ 79 ވަނަ މާއްދާއަށް ގެނައި އިސްލާހުގެ އިތުރުން އެހެން ބައެއް މާއްދާތަކަށް ބެދަލު ގެނަސްފައިވާކަން އެ ބިލުން ފެންނަން އޮންނަ ކަމަށްވެސް އޭނާ ވިދާާޅުވިއެވެ.

"އެގޮތުން އެ ބިލުގެ ހަތަރުވަނަ މާއްދާގެ (ށ) އިން ގެނަސްފައިވާ އިސްލާހުގައި އޮންނަގޮތުން މިހާރު ފަސް އަހަރުގެ ދައުރަކަށް އިންތިހާބުވެފައި އޮތް ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމުގެ ކުރިން އެ މަޖިލިސް އުވާލެވޭ، އެ ބިލްގެ ތިން ވަނަ މާއްދާއިން ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ނ)އަށް ގެންނަ ބަދަލު އޮތްގޮތުން މަޖިލީހުގެ ދައުރު ފެށޭނެ މީލާދީ ތާރީހެއްވެސް ކަނޑައަޅާ ބަޔާންކޮށްފައިވޭ އަދި އެ ބިލުގެ އެއްވަނަ މައްދާއިން ގާނޫނުއަސާސީގެ 72 ވަނަ މައްދާގެ (ނ) އަށް ގެންނަ ބަދަލުގައި އޮތީ މަޖިލީހުގެ އިންތިހާބު ބާއްވަންވާނީ ރިޔާސީ އިންތިހާބާ އެކުގައި ކަމަށް،"

މި ބަދަލުތައް ބިލުން ގެނަސްފައިވީ ނަމަވެސް ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ރައީސް ނެރުއްވާފައިވާ ގަރާރާއި އީސީން އާއްމުކޮށްފައިވާ އިންތިހާބުގެ ސުވާލުގައި ބުނެފައިވަނީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި، މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމުގެ ވާހަކަ ކަމަށްވެސް ވިދާޅުވިއެވެ.

"މިހާރު ސުވާލު ފަރުމާކޮށްފައި އޮތްގޮތުން، އެ ބިލުން ގެންނަ ބަދަލުތައް ރައްޔިތުންނަށް ދައްކައިދެނީ ދެކަމެއް، ފުރަތަމަ ކަމަކަށް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބާއްވާކަން، ދެވަނަ ކަމަކަށް އެ ބިލުން ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރާކަން، މި ތަފްސީލުތައް ދިނުމަށްފަހު ކުރާ ސުވާލަކީ އެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރަން ފެނޭ ހެއްޔޭ،"

ޝިޔާމް ވިދާޅުވީ، ވޯޓުގައި ސުވާލު ކުރަންވާނީ ބިލު ތަސްދީގު ކުރުމަށް ފެނޭތޯއެއް ނޫން ކަމަށެވެ. ސުވާލުގައި ހިމަނަންވާނީ، ގާނޫނު އަސާސީގެ 262 ވަނަ މާއްދާގައި ލިސްޓް ކޮށްފައިވާ މާއްދާއަކަށް ގެންނަ ބަދަލު ގެނައުމަށް ރުހޭތޯ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން އެ ބިލުން ގާނޫނުއަސާދީގެ 79 ވަނަ މާއްދާގައި، މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ފަސް އަހަރަށްވުރެ ކުރު ކުރުމަށް ހިމަނާފައިވާތީ، މަޖިލީހުގެ އުމުރު ކުރުކުރަން ފެނޭތޯ އާއްމު ވޯޓުގައި އަހަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ޝިޔާމު ވިދާޅުވީ، މަޖިލިސް ދައުރު ކުރުވާކަން ރައްޔިތުންނަށް ވަންހަނާވާގޮތަށް މިހާރު ފަރުމާކޮށްފައިވާ ސުވާލާކީ ގާނޫނު އަސާސީގެ 262 ވަނަ މާއްދާގެ އިމުގެ ތެރެއިން ފަރުމާކޮށްފައިވާ ސުވާލެއް ނޫން ކަމަށެވެ.

ރައީސް ތަސްދީގުކުރަން ފެނޭތޯ ނަގާ ވޯޓުގައި ހިމެނޭ، ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ގާނޫނަކީ ރާއްޖޭގެ އިންތިހާބީ އޮނިގަނޑު ދާއިމަށް ބަދަލުކޮށްލާނެ އިސްލާހެއް ކަމަށާއި އެ ބަދަލުގެ ސަބަބުން، ރައްޖޭގައި އިންތިހާބުތައް ބާއްވާގޮތާއި ސިޔާސީ ޕާޓީތަކުގެ އިންތިޒާމުތަކަށް ބަދަލު އަންނާނެތީ، އެ ބަދަލުގެ އަސަރު ރައްދުވާނީ ދިވެހި ރައްޔިތުންނަށް ކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލައިގައި އެ ފަރާތުން އެދޭގޮތަކީ ރައްޔިތުންގެ ހިޔާލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ގަރާރާއި އީސީން އާއްމުކޮށްފައިވާ، އާއްމު ވޯޓުގެ އިއުލާންގައިވާ ސުވާލަކީ ގާނޫނުއަސާސީގެ 262 (ށ)އިން ލާޒިމުކުރާ އުސޫކުތަކުގެ ތެރެއިން ފަރުމާކޮށްފައިވާ ސުވާލަކަށްނުވާތީ އެ ސުވާލުގެ މައްޗަށް ބިނާކޮށް އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓު ބާއްވައިގެންނުވާނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ދިނުން ކަމަށް ޝިޔާމު ވިދާޅުވިއެވެ.

މި މައްސަލަައަށް ޖަވާބުދާރީވަމުން އެ ދުވަހުގެ އަޑުއެހުމުގައި ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު ހައްވާ ސަނާ ވިދާޅުވީ ސުވާލު އޮންނަންވީ ވަކި ގޮތެއް ގާނޫނުއަސާސީގައި ކަނޑައަޅާފައިނުވާ ކަމަށާއި އެއީ ރައީސުލްޖުމްހޫރިއްޔާއަށް ދޫކޮށްލާފައިވާ ކަމެއް ކަމަށެވެ.

އެހެންކަމުން ސަނާ ވިދާޅުވީ އާންމު ވޯޓުގެ ސުވާލު މިހާރު ފަރުމާކޮށްފައި އޮތީ، ގާނޫނުއަސާސީގެ 262 ވަނަ މާއްދާއާ ހިލާފަށް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ، ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އަކީ ސުވާލުގެ އިބާރާތް އޮންނަންވީ ގޮތާއި ސުވާލު ފަރުމާކުރަންވީ ގޮތް ބަޔާންކުރާ މާއްދާއެއް ނޫން ކަމަށެވެ. އެ މާއްދާއަކީ ގާނޫނުއަސާސީއަށް ގެންނަ ވަކި ބަދަލުތައް ރައީސަށް ތަސްދީގުކުރެވޭނީ ހިޔާލު ހޯދުމުގެ ވޯޓަކުން ރައްޔިތުންގެ އަގުލަބިއްޔަތު ލިބިގެންކަން ބަޔާންކުރާ މާއްދާއެއް ކަމަށެވެ.

ސަނާ ވިދާޅުވީ އާންމު ވޯޓުގެ ސުވާލު އޮންނަންވީ ގޮތް ކަނޑައަޅަން ދޫކޮށްލާފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަަމަށާއި އެކަމުގައި ރައީސް އަމަލުކުރައްވަން ޖެހޭ އިޖުރާއަތު ހިޔާލު ހޯދުމުގެ ވޯޓު ނަގާ ގާނޫނުގައި ބަޔާންކުރާ ކަމަށެވެ. އަދި ގާނޫނުގައިވާ ގޮތުން ސުވާލު ކަނޑައަޅަން ޖެހޭނީ ރައީސް ނެރުއްވާ ގަރާރަކުން ކަމަށް ސަނާ ވިދާޅުވިއެވެ.

މި މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވީ އުއްތަމަ ފަނޑިޠާރުގެ އިތުރުން، ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމާއި ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *