ހަނގުރާމައިގެ ސަބަބުން އިމާރަތް ކުރުމުގެ ދާއިރާއަށް ދިމާވާ ދަތިތައް ހައްލުކުރަން އެބަ މަސައްކަތް ކުރަން: ހަލީލް

ހަނގުރާމައިގެ ސަބަބުން އިމާރަތް ކުރުމުގެ ދާއިރާއަށް ދިމާވާ ދަތިތައް ހައްލުކުރަން އެބަ މަސައްކަތް ކުރަން: ހަލީލް

މެދުއިރިމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އިމާރަތް ކުރުމުގެ ދާއިރާއަށް ދިމާވާ ދަތިތައް ހައްލުކުރަން މަސައްކަތް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރައްވާ މަސައްކަތްތަކުގެ އަދާހަމަ މަޢުލޫމާތު ދެއްވުމަށް މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަލީލް ވިދާޅުވީ ރާއްޖެއަށް ކާބޯތަކެއްޗާއި ތެލާއި ބޭސްފަދަ ޒަރޫރީ ޚިދުމަތްތައް ފަސޭހަކަމާއެކު މެދުނުކެނޑި ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް އިތުރު މަގުތައް ހޯދުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ބައެއް ޤައުމުތަކާއެކު ރަސްމީ މަޝްވަރާތައް ފަށާފައިވާ ކަމަށެވެ.

އެގޮތުން އެކަމަށް ޚާއްސަ ޓީމެއް ދާދިފަހުން ސްރީލަންކާގެ ކޮލަމްބޯއަށް ގޮސް ބައެއް މަޝްވަރާތައް ކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ، އިޤްތިޞާދަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ޚަރަދު ކުޑަކުރުމުގެ ގޮތުން އިސްކަންދޭ ދާއިރާތަކަށް މުހިއްމުކަންދީ، ޚަރަދުތައް ރިވިއުކޮށް ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ސަރުކާރުން މިހާރުވެސް އަޅަންފަށާފައިވާކަން ފާހަގަކުރައްވާފައެވެ.

"ގަލަފް ސަރަޙައްދުގެ ވައިގެ ސަރަޙައްދު ބަންދުކުރުމާ ގުޅިގެން ދިމާވާ މައްސަލަތައް ދެނެގަނެ އެކަމުގެ ފިޔަވަޅުތައް އަޅަމުންދަނީ. ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރިމަތިވާ ގޮންޖެހުންތަކުގެ އިތުރުން ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާއަށް ބޭނުންވާ ބައެއް ސާމާނުތައް ލިބުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް އަވަސް ޙައްލެއް ހޯދައިދިނުމުގެ މަސައްކަތްތައްވެސް ދަނީ ކުރަމުން." ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.

ޚަރިޖީ ވަޒީރު ވަނީ، ހަނގުރާމަ ފެށުނު ދުވަހުން ފެށިގެން މެދުއިރުމަތީގައި ދިރިއުޅޭ ދިވެހިންގެ މަޢުލޫމާތު އެއްކޮށް އެމީހުންގެ ހާލަތު ކޮންމެ ދުވަހަކުވެސް ބަލުމުންދާކަން ފާހަގަކުރައްވާފައެވެ. ޚާއްސަކޮށް އެ ސަރަހައްދުތަކުގެ ޤައުމުތަކުގައި ހުރި ދިވެހި އެމްބަސީތަކުން މުހިއްމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވަނީ، މެދުއިރުމަތީގެ ހަމަލާތަކާ ގުޅިގެން ހަމާލާތައް އައިސްދާނެ ކަމަށް ބެލެވޭ ސަރަޙައްދުތަކުގައި އުޅޭ ދިވެހިން އެހެން ސަރަޙައްދުތަކަށް ބަދަލުކޮށްފައިވާކަންވެސް ފާހަގަކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *