އިޒްރޭލުގެ ޗެނަލް 13 އިން ރިޕޯޓްކޮށްފައިވާ މި ޚަބަރަކީ ހަނގުރާމައެއްގެ ނުތަނަވަސްކަމުގެ ތެރޭގައި ބައެއް ފަރުދުންގެ ކިބައިން ފެނިގެންދާ އަމިއްލަ އެދުން ބޮޑު އަމަލުތަކެއް ހާމަވެގެންދާ ކަމެކެވެ. މިއީ އެ ގައުމުގެ މީޑިއާތަކުންވެސް ފާހަގަ ކޮށްފައިވާ އާދަޔާ ހިލާފު ކަމެކެވެ.
އީރާނުން އިޒްރޭލަށް ދެމުންދާ މިސައިލް ހަމަލާތަކާ ގުޅިގެން މުޅި ގައުމު ބިރުވެރިކަމެއްގެ ތެރޭގައި އޮތްއިރު، މި ނުރައްކާތެރި ހާލަތުގެ ނާޖާއިޒު ފައިދާ ބައެއް މީހުން ނަގަމުންދާ ކަމަށް އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
އިޒްރޭލުގެ ޗެނަލް 13 ގެ ކޮރެސްޕޮންޑެންޓަކު ހާމަކުރި ގޮތުގައި، ބައެއް އިޒްރޭލީން ދަނީ މިސައިލްގެ އިންޒާރުދޭ ސައިރަންގެ އަޑު އިވުމުން އެއީ ބިލް ނުދައްކާ ފިލަން ލިބޭ ފުރުސަތެއްގެ ގޮތުގައި ބޭނުން ކުރަމުންނެވެ.
ރެސްޓޯރެންޓްތަކާއި މޯލްތަކުގައި ހިނގާ އާދަޔާ ހިލާފު ކަންތައްތަކާބެހޭ ރިޕޯޓްތައް ބުނާގޮތުން، ވިޔަފާރި މޯލްތަކާއި ރެސްޓޯރެންޓްތަކުގައި ކައިބޮއެ ހަދަން ތިބޭ ބައެއް މީހުން، ހަމަލާއެއް އަތުވެދާނެ ކަމުގެ ސައިރަން އަޅަންދެން މަޑުކުރެއެވެ.
ސައިރަންގެ އަޑާއެކު އެންމެން ރައްކާތެރިކަމުގެ ހިޔާވަހިކަން ހޯދަން ދުއްވައިގަންނަ ވަގުތަކީ، މި ބުނާ މީހުން ކެއުމަށްފަހު ދައްކަންޖެހޭ ބިލްތަކަށް ފައިސާ ނުދީ ފިލަން ބޭނުންކުރާ ވަގުތެވެ.
މިކަމުގެ ސަބަބުން ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަން ފާހަގަ ކުރެވެއެވެ. ކުއްލި ހާލަތެއްގައި އަމިއްލަ ފުރާނަ ސަލާމަތްކުރުމަށްވުރެ ބޮޑަށް، ބައެއް މީހުންގެ އިސްކަން ހުރީ މިފަދަ ދަށު ދަރަޖައިގެ ވައްކަންތަކަށް ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.
އިޖުތިމާއީ ގޮތުން އުފެދޭ ސުވާލުތައް
މިފަދަ ހާދިސާތަކަކީ އެ ގައުމުގެ މުޖުތަމައުގެ ތެރޭގައި އަޚްލާގީ މިންގަނޑުތައް ހުރި މިންވަރާ މެދު ސުވާލު އުފެދޭ ކަމެކެވެ. ބޮން އެޅުމާއި މިސައިލް ހަމަލާތަކުގެ ބިރުވެރިކަމުގެ ތެރޭގައިވެސް، މީހުންގެ މުދަލަށް އަރައިގަތުމަކީ ބައެއް މީހުންގެ ކިބައިގައި ހުންނަ އާދައެއްކަން މިއިން ހާމަވެއެވެ.
މިއީ ހަމައެކަނި ފައިސާގެ މުއާމަލާތެއް ނޫނެވެ. މިއީ ބިރުވެރިކަމުގެ ހާލަތެއްގައިވެސް ބައެއް މީހުންގެ ކިބައިގައި ހުންނަ ނުބައި ސިފަތައް ހާމަވެގެންދާ ދަނޑިވަޅެކެވެ.





