ދައުލަތުގެ އިހުމާލުގެ ސަބަބުން އެތައް ފުރާނައެއް ގެއްލި ދިއުމުގެ ބިރު އެބައޮތް ކަމަށް އެމްޑީޕީން ބުނެފި އެވެ.
ދައުލަތުގެ އިހުމާލުން ކުޑަކުއްޖަކު މަރުވިކަމަށް ބުނެ ސޯޝަލް މީޑިއާގައި މިހާރު ދަނީ ވާހަކަތަކެއް ދެކެވެމުންނެވެ. އެ މައްސަލަ ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން މިހާރުވަނީ ތަހުގީގު ކުރަން ފަށައިފައެވެ.
އެ މައްސަލައަކީ މ. ޗީޒް އިބްރާހިމް އަޛާން ސުހައިލް ނަމަކަށް ކިޔާ ކުއްޖަކު ކެއިންބުއިމަށް ބޭނުންވާ ފީޑިން ޓިއުބެއް، ބޭނުންވި މުއްދަތަށް ނުލިބި ލަސްވި މައްސަލައެކެވެ.
އެމްޑީޕީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ގަސްތުގައި އިހުމާލުވުމުގެ މި މައްސަލައިގައި، ފުރިހަމަ މިނިވަން ތަހުގީގެއް ހިންގައި އެ ތަހުގީގު އާންމުކުރުމަށް ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް ގޮވައިލަމެވެ. މި ތަހުގީގުތަކުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅުތައް އެޅުމަށް ވެސް ހުރިހާ އިދާރާއަކަށް މި ގޮވާލަ ކަމަށް އެމްޑީޕީން ބުންޏެވެ.
މިހާރަކަށް އައިސް، ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ޚިދުމަތް ހޯދުމަށް ދާ ދިވެހި ރައްޔިތުން ޑޮކްޓަރަށް ދެއްކުމަށާއި ޓެސްޓްތައް ހެދުމަށް ލިބެމުންއައި އާސަންދަގެ ޚިދުމަތް ދިނުން ހުއްޓައިލަމުންދާތީ އާއި، ބޭސްސިޓީއަށް ބޭސްދޫކުރުމުގައި ލިބެމުންއައި އާސަންދަގެ ޚިދުމަތް ނުލިބި، މި ކަންކަމަށް އަމިއްލަ އަތުން ޙަރަދުކުރަންޖެހުމުގެ ކަންބޮޑުވުމާއި ޝަކުވާ ރައްޔިތުންގެ ފަރާތުން އިންތިހާއަށް ދަނީ ލިބެމުން ކަމަށް އެމްޑީޕީން ބުންޏެވެ.
"މިކަން މި މި ދިމާވަނީ، ބޭސް އެތެރެކުރުމުގެ މުއާމަލާތްތަކުން ކޮރަޕްޝަން ހިންގައި، ނާޖައިޒް ފައިދާ ނެގުމަށް މި ސަރުކާރުން އެންސްޕާ އާއި އެސްޓީއޯގެ އުސޫލުތަކަށް ބަދަލުގެނެސްގެން ބޭހާއި މެޑިކަލް ސާމާނު ވަކި ބަޔަކު އަތުން ގަތުމަށް ރާވައިފައިވުމުން ކަމަށް މައުލޫމާތު ލިބެއެވެ." އެމްޑީޕީން ބުންޏެވެ.
"ބޭސް ނުލިބުމުގެ ދަތިތައް ތަހައްމަލުކުރަމުންދާ އެތަކެއް އާއިލާތަކެއް ތިބިކަމަށް މި ޕާޓީއަށް ގަބޫލުކުރެވޭއިރު، އިހުމާލުގެ ސަބަބުންނާއި ފަރުވާ ލަސްވުމުގެ ސަބަބުން އެތަކެއް ފުރާނަތަކެއް ގެއްލިގެން ދިއުމުގެ ބިރު އެބައޮތް"
އެމްޑީޕީން ބުނީ ތަކެތީގެ އަގުބޮޑުވުމާއެކު ދިރިއުޅުމުގެ ހަރަދުތައް އުފުލެމުންދާ އަދި ރައްޔިތުންގެ އަތްމަތި ދަތިވެފައިވާ މި ފަދަ ދަނޑިވަޅެއްގައި، ރައްޔިތުންނަށް ބަރުދާސްތުނުކުރެވޭނެ ވަރުގެ އިތުރު ތަކުލީފެއް، ސަރުކާރުގެ ނާގާބިލުކަމާއި އިހުމާލުގެ ސަބަބުން ކުރިމަތިވުމަކީ މި ޕާޓީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
ސަރުކާރުން ދައުލަތުގެ ފައިސާ އިސްރާފުކުރުމުގެ ބަދަލުގައި، ރައްޔިތުންގެ ރައްކާތެރިކަމާއި ސިއްހީ ދުޅަހެޔޮކަމަށް ހޭދަކުރުމަށް ގޮވާލާކަމަށް އެމްޑީޕީން ބުންޏެވެ.





