އަންނަ މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓާއެކު ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން ނަގަން ނިންމާފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި އަހަންޖެހޭނީ، މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ އުމުރު ކުރުކުރަން ފެނޭތޯ، ކަމަށް، އެ ވޯޓު ހުއްޓުވުމަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ ހުށަހެޅުއްވި ގާނޫނީ ވަކީލު އިބްރާހީމް ޝިޔާމް ވިދާޅުވެއްޖެއެވެ.
ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލުގެ ގޮތުގައި މިދިޔަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެކުގައި ބާއްވަން ގާނޫނުއަސާސީގެ 72 ވަނަ މާއްދާއަށް ބަދަލުގެނެސް، 2029 ވަނަ އަހަރަށް ނިނޭގޮތަށް މިހާރު އޮތް، ރައްޔިތުންގެ މަޖިލީހުގެ ދައުރު 2028 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހަށް ހަމަވާގޮތަށް، މަޖިލީހުގެ ދައުރު ކުރުކޮށް، އެތާރީހުގެ ފަހުން މިހާރުއޮތް މަޖިލިސް އުވުނީ ކަަމަށާއި، އަލަށް އިންތިހާބުކުރާ މަޖިލީހުގެ ފުރަތަމަ ޖަލްސާ ޑިސެންބަރު މަހުގެ އެއްވަނަ ދުވަހު ބާއްވަން ޖެހޭނެ ކަމަށް 79 ވަނަ މާއްދާ އަށް ބަދަލު ގެނަސްފައެވެ.
ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ހ) ގައި ބުނަނީ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް މަޖިލީހުން ފާސްކުރާ ބިލެއް ގާނޫނަކަށް ވާނީ ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަސްދީގު ކުރެއްވުމުން ކަމަށެވެ.
ނަމަވެސް ހަމަ އެ މާއްދާގެ (ށ) ގައި ބުނަނީ މި މާއްދާގެ (ހ) އެހެން އޮތްނަަމަވެސް ގާނޫނުއަސާސީގެ ދެވަނަ ބާބު ކަމަށްވާ "އަސާސީ ހައްގުތަކާއި މިނިވަންކަން" ބާބުގައި ހިމެނޭ އެއްވެސް މާއްދާއަކަށް، އަދި 79 ވަނަ މާއްދާގައި ބަޔާންކުރާ މަޖިލީހުގެ އުމުރާއި، 107 ވަނަ މާއްދާގައި ބުނާމ ރިޔާސަތުގެ ދައުރާއި، 108 ވަނަ މާއްދާގައި ބުނާ ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތާއި، ތިން ވަނަ މާއްދާގައި ބުނާ ދިވެހިރާއްޖޭގެ ސަރަހައްދާބެހޭ ގޮތުން މަޖިލީހުން ފާސްކުރާ އެއްވެސް ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރަންވާނީ އެއިސްލާހެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ހިޔާލުހޯދުމުގެ އާންމު ވޯޓެއްގައ،ި އެ އިސްލާހެއް ގެނައުމަށ،ް ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ ކަމަށެވެ.
އެ އިސްލާހެއް ގެނައުމަށ،ް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ނުލިބިއްޖެނަމަ އެ ބިލެއް ބާތިލްވީ ކަމަށްވެސް ބުނެފައިވެއެވެ.
އަންނަ އޭޕްރީލް މަހުުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލްތަކުގެ އިންތިހާބާއެކު، ގާނޫނުއަސާސީ އަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރަން ފެނޭތޯ ބެލުމަށްޓަކައި، އާއްމު ވޯޓެއް ނަގަން ނިންމާފައިވަނީ އެ ސަބަބައްޓަކައެވެ.
އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރުން ފެންނަ ނުފެންނަ ވޯޓުގައި އަހަން ހަމަޖެހިފައިވާ ސުވާލަކީ، "ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާން ކުރުމަށްޓަކައި މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމަށް ފެނޭ ހެއްޔެވެ؟" މި ސުވާލެވެ.
މި ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އަހުމަދު އައިކް އީސާ އާއި އިބްރާހީމް ޝިޔާމްއެވެ.
ސުޕްރީމް ކޯޓުގައި މިއަދު އޮތް މި މައްސަލައިގެ އަޑުއެހުމުގައި، އެޓާނީ ޖެނެރަލްގެ އޮފީހާއި، ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް އާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މައްޗަށް މި މައްސަލަ ހުށަހަޅުއްވަމުން އިބްރާހީމް ޝިޔާމް ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލާ ގޮތަށް، ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލުގައި، ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ އިމުގެ ބޭރުންވެސް ކަންކަން ހިމަނާފައިވާ ކަމަށެވެ.
އެހެންކަމުން މުޅި ބިލު ތަސްދީގު ކުރަން ފެނޭތޯ އެހުމަކީ ގާނޫނުއަސާސީއަށް ގެނެވޭ ހަގީގީ ބަދަލު ރައްޔިތުންނަށް ވަންހަނާ ވެގެންދާ ގޮތަށް ފަރުމާކޮށްފައިވާ ސުވާލެއް ކަމަށެވެ.
އެކަމާ ގުޅިގެން ވޯޓުގައި ކުރަން ހިމަނާފައިވާ ސުވާލަކީ ގާނޫ އަސާސީގެ 262 ވަނަ މާއްދާގެ (ށ) އިން (އާއްމު ވޯޓު ނެގުމަށް) ލާޒިމުކުރާ އުސޫލުތަކުގެ ތެރެއިން ފަރުމާކޮށްފައިވާ ސުވާލަކަށް ނުވާތީ އެ ސުވާލުގެ މައްޗަށް ބިނާކޮށް އޭޕްރީލް މަހުގެ ހަތަރު ވަަނަ ދުވަހު ބާއްވާ ހިޔާލު ހޯދުމުގެ އާއްމު ވޯޓު ބާއްވައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ހުށަހެޅުން އަޅުގަނޑުމެން ހުށަހަޅާ ގާނުނީ އަދި ޝަރުއީ ސަބަބު ތަކަކީ، 262 ވަނަ މައްދާގެ ދަށުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަންވާނީ އެ މާއްދާގެ (ށ)ގައި ލިސްޓު ކުރެވިފައިވާ މައްދާއަކަށް ގެންނަ ބަދަލުތަކާމެދު ރައްޔިތުން ރުހޭތޯ، ނުވަތަ ނޫންތޯ ކަމަށް ބަޔާން ކޮށްފައިވާއިރު އޭޕްރީލް ހަތަރެއްގައި ބައްވާ އާއްމު ހިޔާލު ހޯދުމުގެ ވޯޓުގެ ސުވާލު ފަރުމާކޮށްފައި އޮތީ ގާނޫނުއަސާސީއަށް ގެނެވޭ ހަގީގީ ބަދަލު ރައްޔިތުންނަށް ވަންހަނާވާ ގޮތަށް، އެއީ 262 ވަނަ މާއްދާއާ ހިލާފްކަމެއް،"
ޝިޔާމް ވިދާޅުވީ، އަސާސީގެ 262 މައްދާގައި ލިސްޓްކޮށްފައިވާ އެއްވެސް މާއްދާއަކަށް ގެންނަ އިސްލާހެއް ރައީސް ތަސްދީގު ކުރައްވަން ވާނީ އެ އިސްލާހެއް ގެންނަން ރައްޔިތުން ރުހޭތޯ ބަލަންއަހާ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓެއްގައި އަޣުލަބިއްޔަތު ލިބިގެން ކަމަށް ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ.
ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލުގައި، ދެ އިންތިހާޞު އެއްކޮށްލަން، ގާނޫނު އަސާސީގެ 79 ވަނަ މާއްދާއަށް ގެނައި އިސްލާހުގެ އިތުރުން އެހެން ބައެއް މާއްދާތަކަށް ބެދަލު ގެނެސްފައިވާކަން އެ ބިލުން ފެންނަން އޮންނަ ކަމަށްވެސް އޭނާ ވިދާާޅުވިއެވެ.
މަޖިލީހުގެ އުމުރު ކުރުވާކަން އަދި ކުރުވަނީ ކިހާ މުއްދަތައްކަން ރައްޔިތުންނަށް ސާފުވާންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
"އެގޮތުން އެ ބިލުގެ ހަތަރުވަނަ މާއްދާގެ (ށ) އިން ގެނަސްފައިވާ އިސްލާހުގައި އޮންނަ ގޮތުން މިހާރު ފަސް އަހަރުގެ ދައުރަކަށް އިންތިހާބު ވެފައޮތް ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމުގެ ކުރިން އެ މަޖިލިސް އުވާލެވޭ، އެބިލްގެ ތިން ވަނަ މާއްދާއިން ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ނ)އަށް ގެންނަ ބަދަލު އޮތްގޮތުން މަޖިލީހުގެ ދައުރު ފެށޭނެ މީލާދީ ތާރީހެއްވެސް ކަނޑައަޅާ ބަޔާންކޮށްފައިވޭ އަދި އެބިލުގެ އެއްވަނަ މައްދާއިން ގާނޫނުއަސާސީގެ 72 ވަނަ މައްދާގެ (ނ) އަށް ގެންނަ ބަދަލުގައި އޮތީ މަޖިލީހުގެ އިންތިހާބު ބާއްވަން ވާނީ ރިޔާސީ އިންތިހާބާ އެކުގައި ކަމަށް،"
މި ބަދަލުތައް ބިލުން ގެނެސްފައިވީ ނަމަވެސް ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ރައީސް ނެރުއްވާފައިވާ ގަރާރާއި އީސީން އާއްމުކޮށްފައިވާ އިންތިހާބުގެ ސުވާލުގައި ބުނެފައިވަނީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި، މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާން ކުރުމުގެ ވާހަކަ ކަމަށްވެސް ވިދާޅުވިއެވެ.
"މިހާރު ސުވާލު ފަރުމާކޮށްފައި އޮތްގޮތުން، އެ ބިލުން ގެންނަ ބަދަލުތައް ރައްޔިތުންނަށް ދައްކައިދެނީ ދެކަމެއް، ފުރަތަމަ ކަމަކަށް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބާއްވާކަން، ދެވަނަ ކަމަކަށް އެބިލުން ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫކު ބަޔާން ކުރާކަން، މި ތަފްސީލްތައް ދިނުމަށްފަހު ކުރާ ސުވާލަކީ އެބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީު ކުރަން ފެނޭ ހެއްޔޭ،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ، ވޯޓުގައި ސުވާލު ކުރަންވާނީ ބިލު ތަސްދީގު ކުރުމަށް ފެނޭތޯއެއް ނޫންނެވެ. ސުވާލުގައި ހިމަނަންވާނީ، ގާނޫނު އަސާސީގެ 262 ވަނަ މާއްދާގައި ލިސްޓް ކޮށްފައިވާ މާއްދާއަކަށް ގެންނަ ބަދަލު ގެނައުމަށް ރުހޭތޯ ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން އެ ބިލުން ގާނޫނުއަސާދީގެ 79 ވަނަ މާއްދާގައި، މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ފަސް އަހަރަށް ވުރެން ކުރު ކުރުމަށް ހިމަނާފައި ވާތީ، މަޖިލީހުގެ އުމުރު ކުރުކުރަން ފެނޭތޯ އާއްމު ވޯޓުގައި އަހަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ޝިޔާމު ވިދާޅުވީ، މަޖިލިސް ދައުރު ކުރުވާކަން ރައްޔިތުންނަށް ވަންހަނާވާ ގޮތަށް މިހާރު ފަރުމާކޮށްފައިވާ ސުވާލާކީ ގާނޫނު އަސާސީގެ 262 ވަނަ މާއްދާގެ އިމުގެ ތެރެއިން ފަރުމާކޮށްފައިވާ ސުވާލެއް ނޫން ކަމަށެވެ.
ރައީސް ތަސްދީގު ކުރަން ފެނޭތޯ ނަގާ ވޯޓުގައި ހިމެނޭ، ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ގާނޫނަކީ ރާއްޖޭގެ އިންތިހާބީ އޮނިގަނޑު ދާއިމަށް ބަދަލުކޮށްލާނެ އިސްލާހެއް ކަމަށާއި އެ ބަދަލުގެ ސަބަބުން، ރައްޖޭގައި އިންތިހާބުތައް ބާއްވާގޮތާއި ސިޔާސީ ޕާޓީތަކުގެ އިންތިޒާމް ތަކަށް ބަދަލު އަންނާނެތީ، އެ ބަދަލުގެ އަސަރު ރައްދުވާނީ ދިވެހި ރައްޔިތުންނަށް ކަމަށްވެސް ވިދާޅުވިއެވެ.
މި މައްސަލައިގައި އެ ފަރާތުން އެދޭގޮތަކީ ރައްޔިތުންގެ ހިޔާލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ގަރާރާއި އީސީން އާއްމުކޮށްފައިވާ، އާއްމު ވޯޓުގެ އިއުލާނުގައިވާ ސުވާލަކީ ގާނޫނުއަސާސީގެ 262 (ށ)އިން ލާޒިމުކުރާ އުސޫލު ތަކުގެ ތެރެއިން ފަރުމާކޮށްފައިވާ ސުވާލަކަށް ނުވާތީ އެސުވާލުގެ މައްޗަށް ބިނާކޮށް އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓު ބާއްވައިގެން ނުވާނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ދިނުން ކަމަށް ޝިޔާމު ވިދާޅުވިއެވެ.
މި މައްސަލައިގައި ޖަވާބުދާރީ ވުމަށް އިލެކްޝަންސް ކޮމިޝަނާއި، އެޓާނީ ޖެނެރަލްގެ އޮފީހަށް ފުރުސަތު ދެއްވުމަށްފަހު، ސުޕްރީމް ކޯޓިގެ ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު އަބްދުލް ގަނީ މުހައްމަދު ވިދާޅުވީ، މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި، އިތުރަށް ކަމެއް އޮޅުންފިލުވަން ނެތް ނަަމަ ދެން އޮންނާނީ މައްސަަލައިގެ ހުކުމް ކުރުން ކަމަށެވެ.
މި މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވީ އުއްތަމަ ފަނޑިޠާރުގެ އިތުރުން، ފަނޑިޔާރު އަލީ ރަޝީދު ހުސައިން، އާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް، އާއި ފަނޑިޔާރު ހުސައިން ޝަހީދު، އާއި ފަނޑިޔާރު އަބްދުﷲ ހަމީދުއެވެ.





