ރެފެރެންޑަމް ހުއްޓުވުމުގެ އަޑުއެހުން މިއަދުން މިއަދަށް ނިންމާލައިފި، ދެން އިއްވާނީ ހުކުމް

ރެފެރެންޑަމް ހުއްޓުވުމުގެ އަޑުއެހުން މިއަދުން މިއަދަށް ނިންމާލައިފި، ދެން އިއްވާނީ ހުކުމް

އަންނަ މަހުގެ 4 ވަނަ ދުވަހު ބާއްވާ ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓާއެކު ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން ނަގަން ނިންމާފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ހިމަނާފައިވާ ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށްބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި މިއަދު ފަށައި ނިންމާލައިފިއެވެ.

ފެންނަ ނުފެންނަ ވޯޓުގައި އަހަން ހަމަޖެހިފައިވާ ސުވާލަކީ، "ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާން ކުރުމަށްޓަކައި މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމަށް ފެނޭ ހެއްޔެވެ؟"

މި ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އަހުމަދު އައިކް އީސާ އާއި އިބްރާހީމް ޝިޔާމްއެވެ.

ސުޕްރީމް ކޯޓުގައި މިއަދު އޮތް މި މައްސަލައިގެ އަޑުއެހުމުގައި، އެޓާނީ ޖެނެރަލްގެ އޮފީހާއި، ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް އާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މައްޗަށް މި މައްސަލަ ހުށަހަޅުއްވަމުން އިބްރާހީމް ޝިޔާމް ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލާގޮތަށް، ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލުގައި، ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ އިމުގެ ބޭރުންވެސް ކަންކަން ހިމަނާފައިވާ ކަމަށެވެ.

އެހެންކަމުން މުޅި ބިލު ތަސްދީގު ކުރަން ފެނޭތޯ އެހުމަކީ ގާނޫނުއަސާސީއަށް ގެނެވޭ ހަގީގީ ބަދަލު ރައްޔިތުންނަށް ވަންހަނާވެގެންދާ ގޮތަށް ފަރުމާކޮށްފައިވާ ސުވާލެއް ކަމަށެވެ.

އެކަމާ ގުޅިގެން ވޯޓުގައި ކުރަން ހިމަނާފައިވާ ސުވާލަކީ ގާނޫ އަސާސީގެ 262 ވަނަ މާއްދާގެ (ށ) އިން (އާއްމު ވޯޓު ނެގުމަށް) ލާޒިމުކުރާ އުސޫލުތަކުގެ ތެރެއިން ފަރުމާކޮށްފައިވާ ސުވާލަކަށް ނުވާތީ އެ ސުވާލުގެ މައްޗަށް ބިނާކޮށް އޭޕްރީލް މަހުގެ ހަތަރުވަަނަ ދުވަހު ބާއްވާ ހިޔާލު ހޯދުމުގެ އާއްމު ވޯޓު ބާއްވައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ހުށަހެޅުން އަޅުގަނޑުމެން ހުށަހަޅާ ގާނުނީ އަދި ޝަރުއީ ސަބަބު ތަކަކީ، 262 ވަނަ މައްދާގެ ދަށުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަންވާނީ އެ މާއްދާގެ (ށ)ގައި ލިސްޓު ކުރެވިފައިވާ މައްދާއަކަށް ގެންނަ ބަދަލުތަކާމެދު ރައްޔިތުން ރުހޭތޯ، ނުވަތަ ނޫންތޯ ކަމަށް ބަޔާންކޮސްފައިވާއިރު އޭޕްރީލް ހަތަރެއްގައި ބައްވާ އާއްމު ހިޔާލު ހޯދުމުގެ ވޯޓުގެ ސުވާލު ފަރުމާކޮށްފައިއޮތީ ގާނޫނުއަސާސީއަށް ގެނެވޭ ހަގީގީ ބަދަލު ރައްޔިތުންނަށް ވަންހަނާވާ ގޮތަށް، އެއީ 262 ވަނަ މާއްދާއާ ހިލާފްކަމެއް،"

ޝިޔާމް ވިދާޅުވީ، އަސާސީގެ 262 މައްދާގައި ލިސްޓްކޮށްފައިވާ އެއްވެސް މާއްދާއަކަށް ގެންނަ އިސްލާހެއް ރައީސް ތަސްދީގު ކުރައްވަންވާނީ އެ އިސްލާހެއް ގެންނަން ރައްޔިތުން ރުހެތޯބަލަންއަހާ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓެއްގައި އަގުލަބިއްޔަތު ލިބިގެންކަމަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލުގައި، ދެ އިންތިހާޞު އެއްކޮށްލަން، ގާނޫނު އަސާސީގެ 79 ވަނަ މާއްދާއަށް ގެނައި އިސްލާހުގެ އިތުރުން އެހެން ބައެއް މާއްދާތަކަށް ބެދަލުގެނަސްފައިވާކަން އެ ބިލުން ފެންނަން އޮންނަ ކަމަށްވެސް އޭނާ ވިދާާޅުވިއެވެ.

"އެގޮތުން އެ ބިލުގެ ހަތަރުވަނަ މާއްދާގެ (ށ) އިން ގެނަސްފައިވާ އިސްލާހުގައި އޮންނަގޮތުން މިހާރު ފަސް އަހަރުގެ ދައުރަކަށް އިންތިހާބުވެފައޮތް ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމުގެކުރިން އެ މަޖިލިސް އުވާލެވޭ، އެބިލްގެ ތިން ވަނަ މާއްދާއިން ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ނ)އަށް ގެންނަ ބަދަލު އޮތްގޮތުން މަޖިލީހުގެ ދައުރު ފެށޭނެ މީލާދީ ތާރީހެއްވެސް ކަނޑައަޅާ ބަޔާންކޮށްފައިވޭ އަދި އެބިލުގެ އެއްވަނަ މައްދާއިން ގާނޫނުއަސާސީގެ 72 ވަނަ މައްދާގެ (ނ) އަށް ގެންނަ ބަދަލުގައި އޮތީ މަޖިލީހުގެ އިންތިހާބު ބާއްވަންވާނީ ރިޔާސީ އިންތިހާބާ އެކުގައި ކަމަށް،"

މި ބަދަލުތައް ބިލުން ގެނަސްފައިވީނަމަވެސް ހިޔާލު ހޯދުމުވޯޓުނެގުމަށް ރައީސް ނެރުއްވާފައިވާ ގަރާރާއި އީސީން އާއްމުކޮށްފައިވާ އިންތިހާބުގެ ސުވާލުގައި ބުނެފައިވަނީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި، މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާން ކުރުމުގެ ވާހަކަ ކަމަށްވެސް ވިދާޅުވިއެވެ.

"މިހާރު ސުވާލު ފަރުމާކޮށްފައި އޮތްގޮތުން، އެ ބިލުން ގެންނަ ބަދަލުތައް ރައްޔިތުންނަށް ދައްކައިދެނީ ދެކަމެއް، ފުރަތަމަ ކަމަކަށް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބާއްވާކަން، ދެވަނަ ކަމަކަށް އެބިލުން ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫކު ބަޔާންކުރާކަން، މި ތަފްސީލްތައް ދިނުމަށްފަހު ކުރާ ސުވާލަކީ އެބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީު ކުރަން ފެނޭ ހެއްޔޭ،"

ޝިޔާމް ވިދާޅުވީ، ވޯޓުގައި ސުވާލު ކުރަންވާނީ ބިލު ތަސްދީގު ކުރުމަށް ފެނޭތޯއެއްނޫންނެވެ. ސުވާލުގައި ހިމަނަންވާނީ، ގާނޫނު އަސާސީގެ 262 ވަނަ މާއްދާގައި ލިސްޓް ކޮށްފައިވާ މާއްދާއަކަށް ގެންނަ ބަދަލު ގެނައުމަށް ރުހޭތޯ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން އެ ބިލުން ގާނޫނުއަސާދީގެ 79 ވަނަ މާއްދާގައި، މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ފަސް އަހަރަށްވުރެން ކުރު ކުރުމަށް ހިމަނާފައިވާތީ، މަޖިލީހުގެ އުމުރު ކުރުކުރަން ފެނޭތޯ އާއްމު ވޯޓުގައި އަހަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ޝިޔާމު ވިދާޅުވީ، މަޖިލިސް ދައުރު ކުރުވާކަން ރައްޔިތުންނަށް ވަންހަނާވާގޮތަށް މިހާރު ފަރުމާކޮށްފައިވާ ސުވާލާކީ ގާނޫނު އަސާސީގެ 262 ވަނަ މާއްދާގެ އިމުގެ ތެރެއިން ފަރުމާކޮށްފައިވާ ސުވާލެއްނޫން ކަމަށެވެ.

ރައީސް ތަސްދީގު ކުރަން ފެނޭތޯ ނަގާ ވޯޓުގައި ހިމެނޭ، ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ގާނޫނަކީ ރާއްޖޭގެ އިންތިހާބީ އޮނިގަނޑު ދާއިމަށް ބަދަލުކޮށްލާނެ އިސްލާހެއް ކަމަށާއި އެ ބަދަލުގެ ސަބަބުން، ރައްޖޭގައި އިންތިހާބުތައް ބާއްވާގޮތާއި ސިޔާސީ ޕާޓީތަކުގެ އިންތިޒާމް ތަކަށް ބަދަލު އަންނާނެތީ، އެ ބަދަލުގެ އަސަރު ރައްދުވާނީ ދިވެހި ރައްޔިތުންނަށް ކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލައިގައި އެ ފަރާތުން އެދޭގޮތަކީ ރައްޔިތުންގެ ހިޔާލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ގަރާރާއި އީސީން އާއްމުކޮށްފައިވާ، އާއްމު ވޯޓުގެ އިއުލާންގައިވާ ސުވާލަކީ ގާނޫނުއަސާސީގެ 262 (ށ)އިން ލާޒިމުކުރާ އުސޫކުތަކުގެ ތެރެއިން ފަރުމާކޮށްފައިވާ ސުވާލަކަށްނުވާތީ އެސުވާލުގެ މައްޗަށްބިނާކޮށް އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމުވޯޓު ބާއްވައިގެންނުވާނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ދިނުން ކަމަށް ޝިޔާމު ވިދާޅުވިއެވެ.

މި މައްސަލައިގައި ޖަވާބުދާރީވުމަށް އިލެކްޝަންސް ކޮމިޝަނާއި، އެޓާނީ ޖެނެރަލްގެ އޮފީހަށް ފުރުސަތު ދެއްވުމަށްފަހު، ސުޕްރީމް ކޯޓިގެ ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު އަބްދުލް ގަނީ މުހައްމަދު ވިދާޅުވީ، މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި، އިތުރަށް ކަމެއް އޮޅުންފިލުވަން ނެތްނަަމަ ދެން އޮންނާނީ މައްސަައިގެ ހުކުމް ކުރުން ކަމަށެވެ.

މި މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވީ އުއްތަމަ ފަނޑިޠާރުގެ އިތުރުން، ފަނޑިޔާރު އަލީ ރަޝީދު ހުސައިން، އާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް، އާއި ފަނޑިޔާރު ހުސައިން ޝަހީދު، އާއި ފަނޑިޔާރު އަބްދުﷲ ހަމީދުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *