ޝުކޫރު އަވަހާރަ ވެއްޖެ، ޝަކޫރަކީ ގައުމު އިސްކުރެއްވި އިހުލާސްތެރިއެއް: ރައީސް

ޝުކޫރު އަވަހާރަ ވެއްޖެ، ޝަކޫރަކީ ގައުމު އިސްކުރެއްވި އިހުލާސްތެރިއެއް: ރައީސް

މިއަދު އަވަހާރަވި ޑިޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަޑް) އަބްދުއްޝަކޫރު އަބްދުﷲ އަކީ، މުޅި ހަޔާތްޕުޅުގައިވެސް ގައުމު އިސްކުރެއްވި އިހުލާސްތެރިއެއް ކަމަށް ރައީސުކްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރާއި ދިވެހި ފުލުހުންގެ ހިދުމަތުގައި 43 އަހަރަށް ވުރެ ދިގު މުއްދަތެއްގައި މަސައްކަތް ކުރައްވައި، އެ ދެ މުއައްސަސާގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ، އަބްދުއްޝަކޫރު އަބްދުﷲ އަވަހާރަވުމާ ގުޅިގެން އެކްސް މެދުވެރިކޮށް ފޮނުއްވި ތައުޒިޔާގެ މެސެޖުގައެވެ.

"އަބްދުއްޝަކޫރު އަބްދުﷲ އަވަހާރަވި ހަބަރު އަޅުގަނޑު އަޑުއެހީ ފުން ހިތާމައާއެކު. އެއީ، ނޮވެންބަރު ތިނެއް ގެ އުދުވާނީ ހަމަލާއިން ރާއްޖެ ދިފާއުކުރެއްވުމަށް ހިތްވަރާއެކު ޖިހާދުކުރެއްވި ދިވެހި ސިފައިންގެ ލަޝްކަރުގައި ހިމެނިވަޑައިގަތް، އަދި ރާއްޖޭގެ ޖަލުތަކުގެ ހާލަތާއި އިންތިޒާމުތައް ރަނގަޅު ކުރެއްވުމާއި މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތް ކުރެއްވުމުގެ މަސައްކަތުގައިވެސް އިސް ދައުރެއް އަދާކުރެއްވި ތަޖުރިބާކާރު ހަރުދަނާ ދިވެހި ދަރިއެއް. މުޅި ހަޔާތްޕުޅުގައިވެސް ގައުމު އިސްކުރެއްވި އިހުލާސްތެރިއެއް،" ރައީސް ވިދާޅުވި އެވެ.

ހިތާމައިގެ މި ވަގުތު، އަބްދުއްޝަކޫރު އަބްދުﷲގެ އާއިލާއަށާއި ދިވެހި ސިފައިންނަށާއި ފުލުހުންނަށް ތައުޒިޔާ ދަންނަވާ ކަމަށާއި، އަދި މާތްﷲގެ ތަނަވަސް ރަހްމަތުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރްޙޫމް އަބްދުއްޝަކޫރު އަބްދުﷲ ލެހެއްޓެވުން އެދި ދުއާ ކުރައްވާފައިވެސް ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *