ޤާނޫނު ފުރިހަމަ ވާއިރަށް މަރުގެ އަދަބު ތަންފީޒު ކުރާނަން: ރައީސް

ޤާނޫނު ފުރިހަމަ ވާއިރަށް މަރުގެ އަދަބު ތަންފީޒު ކުރާނަން: ރައީސް

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުމަށް ވަކި ހާއްސަ ގާނޫނެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅަން ނިންމާފައިވާ ކަމަށާއި އެ ގާނޫނު ފުރިހަމަ ވާއިރަށް ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރައްވާނެ ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ޝަރުއީ ހުރިހާ މަރުހަލާއެއް ނިމިފައި ތިބި އެތައް ބަޔަކު އެބަތިބި ކަމަށެވެ. ކުރީ ސަރުކާރުތަކުންވެސް މި އަދަބު ތަންފީޒު ކުރާނެ ކަމަށް ބުނި ނަމަވެސް، މިހާތަނަށް އެކަން ކުރެވިފައިނުވާ ކަމަށާއި ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި އެފަދަ ކަމެއްގައި ދޫ ދިނުމަކީ ދައުލަތުގެ އެންމެ އިސް ފަރާތަށްވެސް އޮތް ޗޮއިސެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަރުގެ އަދަބު ތަންފީޒު ކުރުން ގާނޫނީ ފްރޭމްވަރކްގެ ތެރޭގައި ހިމެނަންޖެހޭ ކަމަށާއި ބަންޑާރަ ނައިބުގެ އޮފީހުން މިހާރު އެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރުގެ ތެރޭގައި މަރުގެ އަދަބާ ގުޅޭ ބިލެއް ހުށަހެޅުއްވުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަރުގެ އަދަބު ތަންފީޒު ކުރުމާ ގުޅޭ ހާއްސަ ޤާނޫނެއް ހެދުމަކީ ރާއްޖޭގައި އަދުލު އިންސާފު ގާއިމު ކުރުމަށާއި، ސޯޝަލް ޖަސްޓިސް ގާއިމު ކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *