ސްރީ ލަންކާގެ ކޮލޮމްބޯގައި ހުންނަ ކިންގްސް ހޮސްޕިޓަލުން އާސަންދައިގެ ދަށުން ހިދުމަތް ދޭން ފަށައިފިއެވެ.
ދައުލަތުގެ މީޑިއާއަށް ދިން އިންޓަވިއެއްގައި އާސަންދައިން ބުނީ މިދިޔަ މަހުން ފެށިގެން ލަންކާގެ ވެރިރަށް ކޮލޮމްބޯގައި ހުންނަ ކިންގްސް ހޮސްޕިޓަލުން އާސަންދައިގެ ދަށުން ބަލިމީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވާ ކަމަށެވެ.
ލަންކާގެ އިތުރު ހޮސްޕިޓަލަކަށް އާސަންދައިގެ ޚިދުމަތް މި ފުޅާކުރީ، ދިވެހިންގެ މެދުގައި މަގުބޫލު ލަންކާ ހޮސްޕިޓަލްއިން އާސަންދަ ދިނުން ދާދި ފަހުން މެދުކަނޑާލާފައިވާ ދަނޑިވަޅެއްގައެވެ.
އާސަންދައިން ބުނީ، ލަންކާ ހޮސްޕިޓަލުން އާސަންދަ މެދުކަނޑާލުމާ ގުޅިގެން އެ ޤައުމުގައި ދިރިއުޅޭ ގިނަ ދިވެހިންގެ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ކިންގްސް ހޮސްޕިޓަލުން އަލަށް މި ޚިދުމަތް ދޭން ފެށުމަކީ ދިވެހިންނަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
އަދި މިއީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށާއި ބޭސްފަރުވާއަށް އެ ގައުމަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދިޔަ ބޮޑު ލުޔެއް ކަމަށް އާސަންދައިން ފާހަގަކުރެއެވެ.





