ސަނީ ޢުމަރުގެ މައްޗަށް ފަސް ދަޢުވާ އުފުލައިފި، 44 އަހަރުގެ ޖަލު ހުކުމެއް އައިސްދާނެ

ސަނީ ޢުމަރުގެ މައްޗަށް ފަސް ދަޢުވާ އުފުލައިފި، 44 އަހަރުގެ ޖަލު ހުކުމެއް އައިސްދާނެ

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ގ. މާވަނި، ޙުސައިން ސަނީ ޢުމަރުގެ މައްޗަށް ދަޢުވާ ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

ޕީޖީ އޮފީހުން ބުނީ ސަނީ ޢުމަރުގެ މައްޗަށް ފަސް ދަޢުވާއެއް އުފުލާފައިވާ ކަމަށެވެ. އޭގެ ތެރެއިން ތިން ދަޢުވާ އަކީ ކުޑަކުންދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން އުފުލާފައިވާ ދައުވާތަކެކެވެ.

އެގޮތުން ކުޑަކުއްޖެއްގެ ހަށިގަނޑުގެ ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ތިން ދަޢުވާ އެއް ވަނީ އުފުލާފަ އެވެ.

އެ ދަޢުވާތައް އުފުލީ ކުޑަ ކުއްޖެއްގެ ޢުމުރުން 7 އަހަރު ވުމުގެ ކުރިން ފެށިގެން 2025 އޮގަސްޓު މަހާ ހަމައަށް، އެކި ދުވަސް މަތިން، އެކި ތަންތަނުގައި އެ ކުއްޖާއަށް ޖިންސީ ގޯނާކޮށް، އެ ކުއްޖާގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލާފައިވާތީ އާއި ކުޑަ ކުއްޖެއްގެ ޢުމުރުން 10 ނުވަތަ 11 އަހަރުގައި އެކުއްޖާ ގައިގާ ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލާފައިވާތީ އެވެ.

މި ތިން ދައުވާ ސާބިތުވެއްޖެނަމަ ކޮންމެ ދަޢުވާއަކާއި ގުޅިގެން 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ޙުކުމް ކުރާނެ އެވެ. އަދި އަނެއް ދަޢުވާ ސާބިތުވެއްޖެ ނަމަ

މީގެ އިތުރުން ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ ވެސް ވަނީ އުފުލާފަ އެވެ.

އެ ދަޢުވާ އުފުލީ ޙުސައިން ސަނީ ޢުމަރުގެ ފޯނުގައި މައްސަލައާ ގުޅޭ ހެކި ޤަރީނާ ހުރިކަމަށް ތުހުމަތުކުރެވިގެން، ކްރިމިނަލް ކޯޓުން މީނާގެ ފޯނު ފުލުހުންނާ ހަވާލުކުރުމަށް އަމުރުކޮށްފައިވަނިކޮށް، މީނާގެ ފޯނު ގެއްލިފައިވާކަމަށް ބުނެ އެ ފޯނު ފުލުހުންނާ ހަވާލުކޮށްފައިނުވާތީ އެވެ.

މި ދަޢުވާގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.

ޕީޖީ އޮފީހުން ބުނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދަޢުވާ ވެސް ސަނީ އުމަރުގެ މައްޗަށް އުފުލާފައިވާ ކަމަށެވެ. އެ ދައުވާ އުފުލީ ޙުސައިން ސަނީ ޢުމަރު ގެންގުޅުނުކަމަށް ބެލެވޭ ފޯނުގައި ބޭނުންކުރާ ސިމް ނަންބަރާއި ސިމްގެ ބާވަތާ ގުޅޭގޮތުން ފުލުހުންނަށް ދޮގު މަޢުލޫމާތު ދީފައިވާތީ އެވެ.

މި ދަޢުވާގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހަށް ޖަލަށްލުމެވެ.

މި މައްސަލާގައި ކޮށްފައިވާ ދަޢުވާތައް ސާބިތުވާ ޙާލަތުގައި ޤާނޫނުގައި ކުށަށް ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބު ކަނޑައަޅުއްވައިދެއްވުމަށް ޕީޖީ އޮފީހުން ކޯޓުގައި އެދޭނެ ކަމަށް ބުންޏެވެ. އެ ޙާލަތުގައި އޭނާގެ މައްޗަށް މަދުވެގެން 44 އަހަރުގެ ޖަލު އަދަބެށް ކަނޑައެޅޭނެ އެވެ.

މި މައްސަލައާ ގުޅިގެން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާ އާއި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޙުސައިން ސަނީ ޢުމަރު ހުރީ ޝަރީޢަތް ނިމެންދެން ބަންދުގަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *