ސަޢުދީން ހަދިޔާކުރި 15 ޓަނުގެ ކަދުރު ބަހައިފި

ސަޢުދީން ހަދިޔާކުރި 15 ޓަނުގެ ކަދުރު ބަހައިފި

ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް،' ދަޢުވާ އެންޑް ގައިޑެންސްއިން' ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ހަދިޔާކުރި 15 ޓަނުގެ ކަދުރު ރާއްޖޭގެ އެކި މުއައްސަސާތަކަށާއި، ކޮލެޖުތަކަށާއި ދީނީ ދާއިރާގެ އެކި ތަންތަނަށް ބަހައިފިއެވެ.

މި ކަދުރު ރަސްމީކޮށް ޙަވާލު ކުރުމަށްޓަކައި އިސްލާމީ މަރުކަޒުގައި މިއަދު ވަނީ، ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ސަޢުދީ ޢަރަބިއްޔާގެ ފަރާތުން ކަދުރު ޙަވާލު ކޮށްދެއްވީ، އެ ޤައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ތަކެއްޗާ ޙަވާލުވެލެއްވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަނަތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ، ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒާއި، ވަލީއަޙްދު މުޙައްމަދު ބިން ސަލްމާން އަދި ސަޢުދީ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއާއި މެދު ބަހައްޓަވާ ގާތްކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ސަޢުދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް، ދަޢުވާ އެންޑް ގައިޑެންސް ޝައިޚް ޑރ. ޢަބްދުލްލަޠީފް ބިން ޢަބްދުލް ޢަޒީޒް އާލްޝައިޚް ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރައްވައި، އެމަނިކުފާނަށް ތަޢުރީފް ކުރެއްވިއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީން ދެ ޤައުމުގެ ގުޅުން ބަދަހި ކުރުމަށް ކުރަމުންދާ މަސައްކަތްތައްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ކަދުރު ހަދިޔާ ކުރުމުގެ އިތުރުން ސަޢުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަޒީޒް އަލް ސަޢުދުގެ ފަރާތްޕުޅުން ދެއްވާ ރޯދަ ވީއްލުމުގެ ޕްރޮގްރާމް މިއަހަރު ރާއްޖޭގައި ވަނީ ފަށާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *