މިއަހަރުގެ ފުރަތަމަ ދެމަސްދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިންކަމް ޓެކްސްގެ ގޮތުގައި 1.3 ބިލިޔަން ރުފިޔާ ދައުލަތަށް ލިބިފައިވާކަމަށް މޯލްޑިވްސް އިންލޭންޑް ރެވިނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.
މިއީ މިދިިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު އިތުރު އަދަދެކެވެ.
މީރާގެ ތަފާސްހިސާބު ތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ދެ މަސްދުވަހު އިންކަމް ޓެކުހުގެ ގޮތުގައި ދައުލަތަށް 1.37 ބިލިޔަން ރުފިޔާ ލިބިފައިވާއިރި، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 975.5 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު 41.1 ޕަސެންޓްގެ އިތުރު ވުމެކެވެ.
އިންކަމް ޓެކުހުގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ އަތުން ނަގާ ޓެކުހުގެ ގޮތުގައެވެ.
މިދިޔަ ދެ މަހު ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ އަތުން ނަގާ ޓެކުހުގެ ގޮތުގައި ދައުލަތަށް 635.7 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރު ލިބިފައިވަނީ 684.1 މިލިޔަން ރުފިޔާއެވެ.
ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ އަތުން ނަގާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވެފައިވީނަމަވެސް ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކާއި ވަގުތީގޮތުން ރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތަކުގެ އަތުން ނަގާ ޓެކުހުގެ އާމްދަނީ ވަނީ އިތުރުވެފައެވެ.
އަހަރުގެ ފުރަތަމަ ދެ މަސްދުވަހު މިބައިން ލިބުނު އާމްދަނީ 181.1 މިލިޔަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާއި އަޅާ ބަލާއިރު ގާތްގަނޑަކަށް 200 ޕަސެންޓްގެ އިތުރު އަދަދެކެވެ.





