އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތަކުގައި އޮބްޒާވަރުންގެ ގޮތުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އިންތިހާބުގައި އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އިތުރު މުއްދަތެއް ދިނުމަށް އެދި ސިޔާސީ ޕާޓީތަކުން އީސީއަށް ހުށަހަޅާފައިވާތީ، އަންނަ މަހު 14 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ފެށިގެން 15 ވާ އާދީއްތަ ދުވަހުގެ ރޭގަނޑު 12:00 އަށް އިތުރު މުއްދަތެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ކައުންސިލްތަކާއި ޑަބްލިއުޑީސީ ތަކުގެ އިންތިޚާބާ އެކު އިތުރު ވޯޓެއްވެސް އެދުވަހު އޮންނާނެއެވެ. އެއީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިޚާބު އެކުގައި ބާއްވަން ނަގާ ފެންނަ ނުފެންނަ ވޯޓެވެ.





