ކިންގް ޕެންގުއިން ތަކަށް މޫސުމީ ބަދަލުތަކުގެ ފައިދާ ކުރަނީ

ކިންގް ޕެންގުއިން ތަކަށް މޫސުމީ ބަދަލުތަކުގެ ފައިދާ ކުރަނީ

ދުނިޔެ ހޫނުވުމުގެ ސަބަބުން ގިނަ ދިރޭތަކެއްޗަށް ނޭދެވޭ އަސަރު ތަކެއް ކުރަމުން ދިޔަ ނަމަވެސް، 'ކިންގް ޕެންގުއިން' ތަކަށް މި ބަދަލުގެ ސަބަބުން ފައިދާތަކެއް ކުރަމުން ދާކަން އާ ދިރާސާ އަކުން ދައްކައިފިއެވެ.

ސައިންސް އެންޑް އެޑްވާންސް ޖާނަލްގައި ބުދަ ދުވަހު ޝާއިއުކުރި މި ދިރާސާގައި ބުނާގޮތުން، އެންޓާކްޓިކާ ކައިރީގައިވާ ރަށްތަކެއްގައި ދިރިއުޅޭ 19،000 ކިންގް ޕެންގުއިންގެ އާބާދީއެއް ބެލިބެލުމުން، އެތަކެތި މިހާރު ދަރިމައިވާން ފަށަނީ 2000 ވަނަ އަހަރާ އަޅާބަލާއިރު 19 ދުވަސް ކުރިންނެވެ.

މިގޮތަށް އަވަހަށް ދަރިމައިވާން ފެށުމުގެ ސަބަބުން، އެތަކެތީގެ އާބާދީ އިތުރުވާ މިންވަރު 40 އިންސައްތަ މައްޗަށް ގޮސްފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

މިއީ އާދަޔާ ހިލާފު ކަމެކެވެ. ސަބަބަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ގިނަ ފަހަރަށް ދިރޭތަކެތީގެ ދިިރިއުޅުމުގެ ބަދަލުތައް އަންނަނީ އެއްޗެއް އަނެއް އެއްޗަކާ ނުބައްދަލު ގޮތަކަށެވެ. މިސާލަކަށް، މަލެއް އަވަހަށް ފޮޅުނު ނަމަވެސް އެ ކާނާގެ ގޮތުގައި ބޭނުންކުރާ މާބުރުތައް އަންނަނީ މާ ލަހުންނެވެ.

ނަމަވެސް ކިންގް ޕެންގުއިންތަކަކީ ކާނާއާއި ދަރިމައިވުމުގެ ކަންކަމުގައި ވަރަށް ބޮޑަށް މޫސުމަށް ހޭނުމުގެ ގާބިލުކަން ހުރި ތަކެތި ކަމަށް ސައިންސްވެރިން ބުނެއެވެ.

ދިރާސާގައި ބައިވެރިވި ފްރެންޗް ސައިންސް އެޖެންސީގެ އިކޮލޮޖިސްޓެއް ކަމަށްވާ ސެލީން ލެ ބޮހެކް ވިދާޅުވީ، ކިންގް ޕެންގުއިންތަކަށް އޮކްޓޯބަރުން ފެށިގެން މާރިޗު މަހާ ހަމައަށް ދަރިމައިވުމުގެ ފުރުސަތު އޮންނަ ކަމަށާއި، މި ބަދަލުވަމުންދާ މޫސުމުގެ ފައިދާ އެތަކެތި ހޯދަމުންދާ ކަމަށެވެ.

މީގެ އިތުރުން، ކަނޑުގެ ލޮނުގަނޑު ހޫނުވަމުން ދިޔަ ނަމަވެސް، ކާނާ ހޯދުމަށް ދާންޖެހޭ ސަރަހައްދުތައް ބަދަލުކޮށްލުމުގެ ގާބިލުކަންވެސް އެތަކެއްޗަށް ލިބިގެންވެއެވެ.

އެހެންނަމަވެސް، ސައިންސްވެރިން އިންޒާރު ދެނީ މިއީ ވަގުތީ ފައިދާއަކަށް ވެދާނެ ކަމަށެވެ. މޫސުމީ ބަދަލުތައް އަންނަނީ ވަރަށް ބާރު މިނެއްގައި ކަމަށްވާތީ، މުސްތަގުބަލުގައި ކަނޑުގެ އޮއިވަރާއި ފިނިހޫނުމިނަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރު ލިބެމުންދާ ކުރިއެރުންތައް ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތެވެ.

"މިވަގުތަށް މި ވައްތަރުގެ ޕެންގުއިންތަކަކީ މޫސުމީ ބަދަލުތަކުން މޮޅުވި ބައެއް. އެކަމަކު މިކަން މިގޮތުގައި ދެމިއޮންނާނީ ކިހާ ދުވަހަކަށް ކަމެއް ނޭނގޭ،" ދިރާސާގެ ލީޑް އޮތަރ ގައެލް ބާޑަން ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *