ވޯޓުލުމުގެ ހައްގު 294،876 މީހުންނަށް

ވޯޓުލުމުގެ ހައްގު 294،876 މީހުންނަށް

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިހާބު އަދި މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ހިޔާލު ހޯދުމުގެ ވޯޓަށް ރަޖިސްޓްރީ ވެފައިވާ މީހުންގެ ދާއިމީ ލިސްޓް އާންމު ކޮށްފިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިހާބުގައި ވޯޓުލާތަން ބަދަލު ކުރަން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ ދިހަ ވަނަ ދުވަހުއެވެ.

ދެ އިންތިހާބު އެއްކޮށްލާ ވޯޓަށް ރީ-ރަޖިސްޓާ ވާން ހުޅުވާލީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. ރީރެޖިސްޓްރޭޝަންގެ މުއްދަތު ހަމަވެފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަނުން ރޭ އިއުލާންކުރި ލިސްޓްގައި ވާގޮތުން އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބެނީ 294،876 މީހުންނަށެވެ. މިއީ ވަގުތީ ލިސްޓުގައި ހިމެނި އަދަދަށްވުރެ 61 މީހުންގެ މަދު އަދަދެކެވެ. މި ބަދަލުތައް ގެނެސްފައިވަނީ އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި ފުރުސަތުގައި ލިބުނު ޝަކުވާ ތަކަށް ރިއާޔަތް ކުރުމަށްފަހުއެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާން ކުރުމަށްޓަކައި، މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކޮށްފައިވާ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު" ތަސްދީގުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން ނިންމެވީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނަގާނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *