އަންހެނުންގެ ދުވަސް- ޝާހިދު ގޮވާލެއްވި ތިލަފަތުގެ ހިތްވަރުގަދަ އަންހެނުންނަށް ވޯޓު ދިނުމަށް

އަންހެނުންގެ ދުވަސް- ޝާހިދު ގޮވާލެއްވި ތިލަފަތުގެ ހިތްވަރުގަދަ އަންހެނުންނަށް ވޯޓު ދިނުމަށް

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވަނީ އެ ޕާޓީގެ ފަރާތުން އިންތިޚާބުތަކަށް ކުރިމަތިލައްވާފައިވާ ހިތްވަރުގަދަ އަންހެން ކަނބަލުންނަށް ވޯޓު ދެއްވުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.

މިއަދުގެ މުނާސަބާތުގައި ދެއްވި މެސެޖެއްގައި ޝާހިދު ވިދާޅުވީ، އަންހެނުންނަކީ އަބަދުވެސް ހިތްވަރުގަދަ، ކަންކުރަން ކެރޭ ބައެއް ކަމަށެވެ. އަދި މިއަދު އެ ޖޯޝާއި ހިތްވަރު ސިޔާސީ މައިދާނުގައި އަންހެން ކަނބަލުން ދައްކަވަމުން ގެންދަވަނީ، ޕީއެންސީގެ ސަރުކާރުން ބިރުދެއްކުމާއި، އިންޒާރު ދިނުމާއި، ރިޝްވަތުގެ ހުތުރު ޢަމަލުތަކުން މާޙައުލު ޚަރާބުކޮށްފައިވާ ދަނޑިވަޅެއްގައި ކަން ޝާހިދު ފާހަގަ ކުރެއްވިއެވެ.

މިފަދަ ނުރައްކާތެރި މާޙައުލެއްގައިވެސް އަންހެން ކަނބަލުން ނުކުމެވަޑައިގެން ތިއްބެވީ ޢަދުލު އިންސާފާއި، ހެޔޮވެރިކަމާއި، ހަމަހަމަކަމާއި، ތަރައްޤީގެ އިތުރުން ލާމަރުކަޒީ ނިޒާމަކީ މިވަގުތު ޤައުމަށް އެންމެ ބޭނުންތެރި ކަންކަން ކަމަށް ޤަބޫލު ކުރައްވާތީ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ސިޔާސީ ތާރީޚުގައި މިހާތަނަށް ކުރިމަތިލީ އެންމެ ހަގު ސިޔާސީ ކެންޑިޑޭޓް އެމްޑީޕީގެ ޓިކެޓުގައި ހުންނެވިކަމީ ޕާޓީއެއްގެ ގޮތުން ފަޚުރުވެރިވާ ކަމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. ރާއްޖޭގައި ހިންގާ ހުރިހާ ސިޔާސީ ޙަރަކާތްތަކެއްގެ އެންމެ ކުރީ ސަފުގައި ހަޤީޤަތުގައި ތިއްބަވަނީ އަންހެން ބޭފުޅުންކަން ފާހަގަ ކުރައްވަމުން، އެމްޑީޕީގެ ސަރުކާރުން ލޯކަލް ކައުންސިލްތަކުގެ ތިންބައިކުޅަ އެއްބައި އަންހެނުންނަށް ޚާއްޞަކޮށް ޤާނޫނަށް ގެނައި ބަދަލަކީ އަންހެނުން ބާރުވެރި ކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، އަންހެން ކަނބަލުންގެ އަޑު އަހަންޖެހޭ ކަމަށާއި، އެކަނބަލުންގެ ތަފާތު ވިސްނުންތަކާއި ޚިޔާލުތަކަކީ ސިޔާސީ މައިދާނަށް ނުހަނު ބޭނުންތެރި އެއްޗެއް ކަމަށެވެ.

ރާއްޖޭގެ ތާރީޚަށް ބަލާއިރުވެސް، ވެރިކަން ހިންގުމުގައާއި، އިޤްތިޞާދު ބިނާކުރުމުގައި އަދި ޞަޤާފަތް ރައްކާތެރި ކުރުމުގައި އަންހެނުން އަދާކުރި އިސް ދައުރު ފާހަގަކުރެވޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ސަރުކާރަށް ފާޑުކިޔުން އަމާޒު ކުރައްވައި ޝާހިދު ވިދާޅުވީ، ޕީއެންސީއަށް ކައުންސިލްތައް ލިބިއްޖެނަމަ، ކައުންސިލްތަކުގެ ބާރުތައް ދާނީ "ރިމޯޓެއްގެ" ދަށަށް ކަމަށާއި، ކަންކަން ހިނގާނީ މަތީ ފަޑީގެ އިރުޝާދާއި ލަފާގެ މަތިން ކަމަށެވެ.

އަދި ފެންނަ ނުފެންނަ ވޯޓު ނެގުމާއި، ދެ އިންތިޚާބު އެއްކޮށްލަން ސަރުކާރުން ކުރާ މަސައްކަތަކީ ރައްޔިތުންގެ ބާރު ކަނޑުވާލުމަށް ކުރާ ކަމެއްގެ ގޮތުގައި ސިފަ ކުރެއްވިއެވެ. ދެ ފުރުޞަތު އެއް ފުރުޞަތަކަށް ބަދަލު ކޮށްލުމަކީ ރައްޔިތުންގެ އަޑު އިވުމަށް ހުރަސްއެޅުން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މެސެޖު ނިންމަވާލައްވަމުން ޝާހިދު ވަނީ، ކުރިއަށް އޮތް އިންތިޚާބުގައި އަންހެން ކަނބަލުންގެ ބައިވެރިވުން އިތުރުކޮށް، "ތިލަފަތުގެ" ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ތަކުރާރުކޮށް ގޮވާލައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *