ރާއްޖެއަށް ހަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ތިންމީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ މި ތިން މީހުން ހައްޔަރު ކޮށްފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ކަމަށެވެ. ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކާ އަދި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ، ދިވެއްސަކާއި އިންޑިޔާގެ ދެ މީހުން ކަމަށްވެސް ބުނެޏެވެ.
މި މައްސަލައާ ގުޅިގެން މިމަހުގެ ތިން ވަނަދުވަހު ހައްޔަރުކޮށްފައި ވަނީ ގދ. ގައްދޫ ހިތިލާގެ، އުމުރުން 28 އަހަރުގެ އަލީ އިރުފާނު އާއި އިންޑިޔާގެ ރައްޔިތެއްކަމަށްވާ އުމުރުން 19 އަހަރުގެ ދަނޫޝްކާނދަން ގޯޕާލް އާއި 19 އުމުރުން 21 އަހަރުގެ ކަތިރިވިލް މަނިމަރަންއެވެ.
ފުލުހުން ބުނީ މި ތިން މީހުންނަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ތުުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުން ހިފަހައްޓާ ދިވެހި ފުލުހުންނަށް ހަވާލުކުރި ތިން މީހުން ކަމަށެވެ.
މިމައްސަލައާ ގުޅިގެން މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިމުމަށް ކޯޓަށް ހާޒިރު ކުރުމުން އަލީ އިރުފާނު ޝަރީއަތް ނިމެންދެން އަދި އަނެއް ދެ މީހުން ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރު ކޮށްފައެވެ.





