ދުނިޔޭގެ މަސްރަހު ހަލަބޮލިވެ، މެދުއިރުމަތީގައި އާ ހަނގުރާމައެއްގެ ހުޅުގަނޑު މިވަނީ ފަޅައިގެން ގޮސްފައެވެ. އެމެރިކާ އާއި އިޒްރޭލުން ގުޅިގެން އީރާނަށް ދޭންފެށި ވަރުގަދަ ހަމަލާތަކާއެކު، ސަރަހައްދީ ސުލްހައަށް އޮތް އުންމީދުތައް މިވަނީ އަނދާ އަޅިއަށް ވެފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްވި ތަގުރީރުތަކުން ސާފުވާ އެއް ހަގީގަތަކީ، މިއީ ހަމައެކަނި އަސްކަރީ ކުރިމަތިލުމެއް ނޫން ކަމެވެ. މިއީ އީރާނުގެ "ވެރިކަން ބަދަލުކުރުމަށް" ރޭވިގެން ހިންގާ ބޮޑު އޮޕަރޭޝަނެކެވެ.
މި ހަމަލާތައް ފެށިފައި މިވަނީ ބައިނަލްއަގުވާމީ މެދުވެރިންގެ މަސައްކަތުން، އީރާނާއެކު ކުރެވެމުންދިޔަ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އިއުލާނުކޮށްފައި ވަނިކޮށެވެ. ނަމަވެސް، މި ހަމަލާއާއެކު ހާމަވެގެން ދިޔައީ، މަޝްވަރާގެ މޭޒަކީ ހަމައެކަނި ވަގުތު ހޯދުމަށާއި ހަނގުރާމައިގެ ރޭވުންތައް ފޮރުވުމަށް ބޭނުންކުރި "ދުމުގެ ފަރުދާއެއް" ކަމެވެ. ހަމަލާ ދިން ވަގުތަކީ ޔަހޫދީންގެ "ޕުރީމް" އީދާ ދިމާވާ ވަގުތުކަމުން، މިއީ މީގެ ހަފުތާތަކެއް ކުރިން ވޮޝިންޓަނާއި ތެލް އަވީވުން ރާވާފައިވާ ކަމެއްކަން ވަރަށް ބޮޑަށް ސާފުވެއެވެ.
އިޒްރޭލާއި އެމެރިކާގެ މައިގަނޑު އަމާޒަކީ އީރާނުގެ އިސްވެރިން "ބޯބުރިކޮށްލުން" ނުވަތަ 'Decapitation strikes' އެވެ. އީރާނުގެ ރޫހާނީ ލީޑަރު އަޔާތުالله އަލީ ޚާމަނާއީ އާއި ރައީސް މަސްއޫދު ޕެޒެޝްކިއާންގެ އިތުރުން އަސްކަރީ އިސް ޖެނެރަލުންނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ވަނީ ދީފައެވެ. އިޒްރޭލުން ދަނީ މި އޮޕަރޭޝަނަކީ "ވަރަށް ބޮޑު ކާމިޔާބީއެއް" ކަމަށް ބުނަމުންނެވެ.
ނަމަވެސް، އީރާނުން މި ވާހަކަތައް ދޮގުކުރެއެވެ. އީރާނުގެ މީޑިއާތަކުން ބުނާ ގޮތުގައި އެ ގައުމުގެ ލީޑަރުން ތިއްބެވީ ސަލާމަތުންނެވެ. އަދި އިޒްރޭލުގެ ހަމަލާތައް އަމާޒުވެފައިވަނީ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ކަމަށާއި، މިނާބް ސިޓީގެ އަންހެން ކުދިންގެ ސްކޫލަކަށް ދިން ހަމަލާއެއްގައި 80 އަށްވުރެ ގިނަ ކުދިން ޝަހީދުވެފައިވާ ކަމަށް އީރާނުން ރިޕޯޓްކުރެއެވެ.
މީގެ ކުރިން ހިނގި 12 ދުވަހުގެ ހަނގުރާމައާ ހިލާފަށް، މިފަހަރު އީރާނުން ދިން ރައްދު ހަމަލާތައް މާ ހަލުވިއެވެ. އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އިޒްރޭލުގެ މައި ސިޓީތަކަށް އީރާނުން ވަނީ ވަގުތުން ބެލިސްޓިކް މިސައިލް ހަމަލާތައް ފޮނުވާލާފައެވެ. މީގެއިން ދޭހަވަނީ އީރާނަކީ މިފަދަ ހާލަތަކަށް ކުރީބައިގައި ތައްޔާރުވެ، ރައްދު ދޭނެ ގޮތުގެ ޕްލޭންތައް ފުރިހަމަކޮށްފައިވާ ގައުމެއް ކަމެވެ.
މި ހަނގުރާމައަކީ ރައީސް ޓްރަމްޕަށް ސިޔާސީ ގޮތުން ނުރައްކާތެރި ކަމެކެވެ. އެމެރިކާގެ ރައްޔިތުންގެ ތެރެއިން މި ހަނގުރާމައަށް ތާއީދުކުރަނީ އެންމެ 21 އިންސައްތަ މީހުންނެވެ. ކުރިއަށް އޮތް މިޑްޓާމް އިންތިޚާބާ ދިމާކޮށް، ހަނގުރާމަ ދިގުލައިގެން ގޮސް، ގައުމުގެ އިގްތިސާދާއި މަސްލަހަތަށް ގެއްލުންވާން ފަށައިފިނަމަ، ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް އިންތިޚާބުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިދާނެއެވެ.
އެމެރިކާގެ އުންމީދަކީ އީރާނުގެ ރައްޔިތުން ނުކުމެ އެ ގައުމުގެ ސަރުކާރު ވައްޓާލުމެވެ. ނަމަވެސް، އީރާނުގެ ސަރުކާރުގެ ވަރުގަދަ ބާރުވެރިކަމާއި، ރައްޔިތުންގެ މެދުގައި އޮތް ބިރުވެރިކަމުގެ ސަބަބުން، މިފަދަ އިންގިލާބެއް އައުމަކީ ދުރު ކަމެކެވެ.
އެންމެ ފަހުން މި ހަނގުރާމައިން މޮޅުނުވެވޭނެކަން އެނގުމުން، ޓްރަމްޕްގެ އާދައިގެ މަތިން ސޯޝަލް މީޑިއާގައި "ކާމިޔާބު ލިބިއްޖެ" ކަމަށް އިއުލާނުކޮށް، ހަނގުރާމަ ހުއްޓާލުމުގެ މަގު ހޯދަން މަސައްކަތް ކުރާނެ ކަމަށް ބެލެވެއެވެ. ނަމަވެސް، ދެ ފަހަރަށް އޮޅުވާލުމުގެ ޝިކާރައަކަށްވެފައިވާ އީރާނުން، ދެން މަޝްވަރާގެ މޭޒަށް އަންނާނީ މާ ވަރުގަދަ ޝަރުތުތަކަކާއެކުގައެވެ. މިއަދު ފޭލްވި ޑިޕްލޮމެސީއަކީ މާދަމާ އީރާނަށް ލިބޭނެ އެންމެ ބޮޑު ސިޔާސީ ހަތިޔާރަށް ވުމުގެ ފުރުސަތު ބޮޑެވެ.





