ޗާގޯސް ލިބުން އެންމެ ހައްގުކަންބޮޑީ ރާއްޖެއަށް ކަމަށް ބުނެ އަދުގެ ސަރުކާރުން ވަކާލާތު ކުރާތީ، މޮރިޝަސް ސަރުކާރުން ރާއްޖެއާއެކު އޮތް ޚާރިޖީ ގުޅުންތައް ވަގުތުން މެދުކަނޑާލުމަށް ނިންމައިފިއެވެ.
މޮރިޝަސްގެ ކެބިނެޓުން މި ނިންމުން ނިންމާފައިވާކަން އެގައުމުގެ ބޮޑުވަޒީރުގެ އޮފީހުން މިއަދު ވަނީ އިއުލާންކޮށްފައެވެ.
އެގޮތުން ކެބިނެޓްގެ ނިންމުން އިއުލާންކޮށް ބޮޑުވަޒީރު އޮފީހުން ހާމަކުރި ގޮތުގައި، ޗާގޯސްގެ މައްޗަށް އެ ގައުމުގެ ސިޔާދަތީ ބާރު އޮތް ކަމަށް ކުރިން ރާއްޖެއިން ގަބޫލުކުރި ނަމަވެސް، ދިވެހި ސަރުކާރުގެ މިހާރުގެ ނިންމުމަކީ އެކަން ބަލައިނުގަތުމެވެ.
މީގެ އިތުރުން އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ވެފައިވާ އެއްބަސްވުމަށް ރާއްޖެއިން އިއުތިރާޒު ކުރަން ފެށުމަކީ ގުޅުން ކަނޑާލަން ޖެހުނު މައިގަނޑު ސަބަބު ކަމަށް އެ ގައުމުން ބުނެއެވެ.
ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރީ 15 ޖެނުއަރީ 1981ގަ އެވެ. އެ ގައުމަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަނީ ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު އިމާދެވެ.
ޗާގޯސް މައްސަލާގައި މޮރިޝަސް އިން ރާއްޖެއާއެކު ގުޅުން ކަނޑާލާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ހިނގަމުން މިދާ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އެ މައްސަލާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީ އަނބުރާ ގެންނެވުމަށް ނިންމަވާފައިވާކަން އިއުލާން ކުރައްވާފައެވެ. އެގޮތުން، ސަރުކާރުން ދެކޭ ގޮތުގައި ކަނޑުން ބައެއް ގެއްލުމުގައި އެ ސިޓީގެ ދައުރު ބޮޑެވެ.





