ހިފާފައިވާ ހުޅަނގު އައްސޭރީގެ އަލްފާރިއާ ރެފިއުޖީ ކޭމްޕުގައި، އިޒްރޭލުގެ ސިފައިން އުމުރުން އެންމެ 14 އަހަރުގެ ޖާދު ޖަދުﷲ އަށް ވަރަށް ގާތުން ބަޑިޖަހައި ޝަހީދުކޮށްލާފައިވާކަން ބީބީސީން ކުރި ތަހުގީގަކުން ހާމަވެއްޖެއެވެ.
މިދިޔަ ނޮވެމްބަރު މަހު ހިނގި މި ހާދިސާގެ ސީސީޓީވީ ފުޓޭޖުތަކާއި މަންޒަރު ދުށް މީހުންގެ ބަސްތަކުން އެނގޭ ގޮތުގައި، އިޒްރޭލު ސިފައިން ވަނީ އެ ކުއްޖާ ޒަޚަމްވެފައި އޮއްވައި ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ގަސްދުގައި ހުރަސްއަޅާފައެވެ.
ވީޑިއޯ ފުޓޭޖުތަކުން ފެންނަ ގޮތުގައި، އިޒްރޭލުގެ އަސްކަރީ އުޅަނދުތައް ކޭމްޕުން ފައިބައިފި ކަމަށް އަޑުފެތުރުުމާއެކު، ޖާދު އާއި އޭނާގެ ދެ އެކުވެރިން ގޯޅިއެއްގެ ކަނުގައި މަޑުކޮށްލައިގެން ތިއްބެވެ. ނަމަވެސް، އެ ކުދިންނަށް ނޭނގި ހަތަރު ސިފައިން އެ ސަރަހައްދުގައި ފިލާ ތިއްބެވެ. ސިފައިން ފެނުމާއެކު ޖާދުގެ ދެ އެކުވެރިން ފިލި ނަމަވެސް، ޖާދަށް އެ މީހުން ފެނުނީ މާ ލަހުންނެވެ. އެވަގުތު ސިފައިންގެ މީހަކު ޖާދާ ތިން މީޓަރަށްވުރެ ކައިރިން ނުކުމެ ބަޑިޖެހި މަންޒަރު ވީޑިއޯއިން ސާފުކޮށް ފެނެއެވެ.
ޒަޚަމްވި ޖާދު، އެހީއަށް އެދި އަތް ހޫރުވައި، އޭނާގެ ތޮފި ސިފައިންނާ ދިމާލަށް އެއްލައި އާދޭސްކުރަނިކޮށްވެސް، އިޒްރޭލު ސިފައިން ވަނީ ފަލަސްތީނުގެ އެމްބިއުލާންސްތައް އެ ސަރަހައްދަށް ވަނުމަށް ބަޑި ދިއްކޮށް ހުރަސްއަޅާފައެވެ. ފަލަސްތީނު ރެޑް ކްރެސެންޓުން ބުނި ގޮތުގައި، ލޭ އޮހޮރި އޮހޮރި އޮތް އެ ކުއްޖާއާ ހަމައަށް ދިއުމަށް ސިފައިން ވަނީ 35 މިނެޓަށްވުރެ ގިނަ އިރު ވަންދެން ހުރަސްއަޅާފައެވެ.
އިޒްރޭލު އަސްކަރިއްޔާއިން ޖާދު ސިފަކޮށްފައިވަނީ ސިފައިންނަށް ހަމަލާދޭން އުޅުނު "ޓެރަރިސްޓެއް"ގެ ގޮތުގައެވެ. ނަމަވެސް، ވީޑިއޯއިން ފެންނަ ގޮތުގައި ޖާދުގެ ގަޔަށް ބަޑިޖެހުމަށްފަހު، ސިފައިންގެ މީހަކު ވަނީ އޭނާގެ ކައިރީގައި ގަލެއް ބާއްވައި، އޭނާ ކުށްވެރިކުރުމަށްޓަކައި ހެކި އުފައްދަން މަސައްކަތް ކޮށްފައެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ "ބީޓްސެލެމް" އިން ބުނާ ގޮތުގައި، މިއީ އިޒްރޭލު ސިފައިން އާންމުކޮށް ހިންގާ ލާއިންސާނީ އަމަލެކެވެ.
އެންމެ ފަހުން އިޒްރޭލު ސިފައިން ޖާދު ގެންގޮސްފައިވަނީ އެ މީހުންގެ އަސްކަރީ އުޅަނދެއްގައެވެ. އޭނާ ޝަހީދުވީ ކޮން ވަގުތެއްގައި ކަމެއް އަދި އޭނާގެ ހަށިގަނޑަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއްވެސް އިޒްރޭލުން ހާމައެއް ނުކުރެއެވެ. އަދި އާއިލާގެ އެތައް އާދޭހަކަށް ބެލުމެއްނެތި، ޖާދުގެ ހަށިގަނޑު ހަވާލުކުރުމަށްވެސް އިޒްރޭލުން ދަނީ އިންކާރު ކުރަމުންނެވެ. އިޒްރޭލުން މިހާރުވެސް ދަނީ ފަލަސްތީނުގެ އެތައް ސަތޭކަ ބައެއްގެ ހަށިގަނޑު މިފަދައިން ހިފަހައްޓަމުންނެވެ.





