މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާ ސާބިތުވި މީހަކު 75 އަހަރަށް ޖަލަށް ލުމާއެކު ތިންލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި އިއްޔެ ހުކުމްކުރީ، ޏ. ފުވައްމުލައް / ދޫޑިގަން. ގަސްދޮށުގެ، އަބްދުލްބާސިތު (28އ) ގެ މައްޗަށެވެ.
އަބްދުލްބާސިތު ހައްޔަރު ކޮށްފައިވަނީ ފުވައްމުލައް ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ވިއްކައި ވިޔަފާރިކޮށް އެކަމުން ހޯދާ ފައިސާއިން މަނީލޯންޑަރކުރާ ނެޓްވޯކްތަކާ ދެކޮޅަށް 2024 ވަނަ އަހަރު ފުލުހުން ފަށާފައިވާ ހާއްސަ އޮޕަރޭޝަންގެ ތެރެއިންނެވެ. އަދި 2024 އޭޕްރީލް 27 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2024 ޖޫން 11 ވަނަ ދުވަހުއެވެ.
މި އޮޕަރޭޝަނާ ގުޅިގެން ފުލުހުން ކުރަމުންދިޔަ ތަހުގީގުގެ ތެރެއިން، ފުވައްމުލައް ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ދެ ނެޓްވޯކްގެ އިސްފަރާތްތައް ހިމެނޭހެން، އެ ނެޓްވޯކްތަކާ ގުޅުން ހުރި 174 މީހުން އެކި ދުވަސް މަތިން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވެއެވެ.
އަދި އެ މީހުންގެ މައްޗަށް 188 މައްސަލަ ތަހުގީގުކުރެވި 78 މައްސަލަ ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައިވެއެވެ.
ފުވައްމުލައް ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށް އެކަމުން ހޯދާ ފައިސާއިން މަނީލޯންޑަރކުރާ ކަމުގެ ތުހުމަތުކުރެވޭ ދެ ނެޓްވޯކްގެ އިސްފަރާތްތަކާ މެދު ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތަކެއް ހިންގާފައިވާކަން ތަހުގީގަށް ހޯދިފައިވެއެވެ. އެގޮތުން، ޢަބްދުލްބާސިޠުގެ ނަމުގައި ބެންކުތަކުގައި ހުޅުވާފައިވާ އެކައުންޓުތަކަށް އެކި ފަރާތަކުން ތިންމިލިއަނަށް ވުރެން ގިނަ ރުފިޔާއާއި ނަވާރަހާހަށް ވުރެ ގިނަ އެމެރިކާ ޑޮލަރުގެ މުއާމަލާތްކޮށްފައިވެއެވެ.
މި ފައިސާގެ މުއާމަލާތްތަކަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަން ފުލުހުންގެ ތަހުގީގަށް ހޯދިފައިވެއެވެ.





