ޑްރަގް ފޮށިގަނޑާ ހަވާލުވާން ޕޯސްޓް އޮފީހަށް ދިޔަ މީހާ 18 އަހަރަށް ޖަލަށް

ޑްރަގް ފޮށިގަނޑާ ހަވާލުވާން ޕޯސްޓް އޮފީހަށް ދިޔަ މީހާ 18 އަހަރަށް ޖަލަށް

މަސްތުވާތަކެތި އަޅާފައި ހުރި ފޮތްތަކެއް ހުރި ފޮށިގަނޑެއް ނަގަން ޕޯސްޓް އޮފީހަށް ދިޔަ މީހަކު 18 އަހަރަށް ޖަލަށްލުމާއެކު 75،000 ރުފިޔާއިން ޖޫރިމަނާ ކުރަން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެ ކުރުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެ، ހުކުމްކުރީ ސ. މީދޫ ހުދުވިލާ އަލީ މުފާވިޒްގެ މައްޗަށެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް، ދައުވާ ކުރީ ޑިސެމްބަރު، 2023 ގައި މަސްތުވާތަކެތި ފޮރުވާފައިވާ ހުރި ފޮތްތަކެއް ހުރި ފޮށިގަނޑެއް ނަގަން ޕޯސްޓް އޮފީހަށް ދިޔަ މައްސަލައެއްގައެވެ.

އެ ފޮށިގަނޑަކީ އެހެން މީހެއްގެ ނަމުގައި އޮތް ފޮށިގަނޑަކަށް ވާތީ އޭނާ އެ ފޮށިގަނޑު ނަގަން ދިޔައީ ފޮށިގަނޑުގައި ނަން އޮތް މީހާގެ ސިޓީއަކާއި އައީޑީކާޑް ކޮޕީ ހިފައިގެން ކަމަށް ބުނެފައި ވެއެވެ.

ނަމަވެސް  އެއީ އިތުރަށް ބަލަންޖެހޭ ފޮށިގަނޑަކަށް ވާތީ މުފާވިޒުގެ ހާޒިރުގައި އެ ފޮށިގަނޑު ކަނޑައިގެން ކަސްޓަމްސުން ބެލިއިރު، ފޮށިގަނޑުގައި ހުރި ފޮތްތަކުގައި ފޮރުވާފައި މަސްތުވާތަކެތި ވަނީ ފެނިފައެވެ.

އެއީ ކިލޯއަކަށް ވުރެ ގިނަ ގްރާމްގެ މެތުކެތިނޯން ކަމަށް ތަހުލީލު ތަކުން ދައްކައެވެ.

އެހެން ކަމުން އެ ފޮށިގަނޑު ފުލުހުންނާ ހަވާލުކޮށް، މުފާވިޒުގެ އަތުން އެ ފޮށިގަނޑު ބަލާ އަންނަ މީހާ ހޯދުމަށްޓަކައި ކޮންޓްރޯލްޑް އޮޕަރޭޝަނެއް ކުރިއަށް ގެންދަން މަސައްކަތް ކުރި އެވެ.

ނަމަވެސް މުފާވިޒު އެ ފޮށިގަނޑާ ހަވާލުވާން އައީ މީހަކު ބުނެގެން ކަމަށް ބުނެ އެ މީހާއާ ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދިން ނަންބަރަށް ގުޅިއިރު ފޯނަށް ޖަވާބު ދީފައި ނުވާތީ އެ އޮަޕަރޭޝަން ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

ނަމަވެސް މުފާވިޒު ބުނެފައިވަނީ، އެ ފޮށިގަނޑުގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށާއި އެ ފޮށިގަނޑު ބަލާ ދިޔައީ ޕޭޖަށް ޑެލިވަރީ އޯޑަރެއް ފުރިހަމަ ކުރުމަށް ކަމަށެވެ.

އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ ކަންހިނގާފައިވާ ގޮތަށް ބަލާއިރު މުފާވިޒުގެ ދައުރަކީ މަސްތުވާތަކެތި ހުރި ފޮށި ވަކި މީހަކާ ހަމައަށް ގެންގޮސްދިނުމުގެ ދައުރު ކަމަށެވެ. އަދި އެ ފޮށި ރާއްޖެ އެތެރެކޮށް އޭގެ މަންޒިލާ ހަމައަށް ފޯރުކޮށްދިނުމުގެ ބައިވެރިއެއްގެ ދައުރު އަދާކޮށްފައިވަނީ އޭނާ ކަމަށެވެ.

މުފާވިޒުއަކީ އެ ސިލްސިލާގެ މެދުވެރިއެއްގެ ދައުރު އަދާކޮށްފައިވާ މީހަކަށް ވާއިރު، އެ ފޮއްޓާ ހަވާލުވެ ވަކި މީހަކާ ފޮށި ހަވާލު ކުރަން އުޅުނުކަން މުފާވިޒުގެ ބަހުންނާއި ހެކިންގެ ހެކިބަހުން އެނގޭ ކަމަށް ހުކުމްގައިވެ އެވެ.

އެހެންކަމުން ކުށުގެ އަމަލުގެ ރުކުން ފުރިހަމަވާ ކަމަށް ކަނޑައަޅައި، ފޮއްޓާ ގުޅޭގޮތުން ދޮގު މައުލޫމާތު ހިއްސާކޮށް، އެ މަސައްކަތް އޭނާއާ ހަވާލުކުރި މީހާ ސިއްރު ކޮށްފައިވުމުން މުފާވިޒުގެ ނިޔަތާ މެދު ސުވާލު އުފެދޭ ކަމަށް ހުކުމުގައިވެއެވެ.

އެހެންކަމުން ކުށުގެ ނިޔަތުގެ ރުކުން ފުރިހަމަވާ ކަމަށާއި، މުފާވިޒުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 18 އަހަރުގެ ޖަލަށްލުމާއެކު، 75،000 ރުފިޔާއިން ޖޫރިމަނާ ކުރަން ހުކުމް ކުރިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *