ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އާމިރަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ން ދައްކަންޖެހޭ 4 މިލިއަން ރުފިޔާގެ ދަރަނި އެ ޕާޓީގެ ލީޑަރަކަށް އެންމެ ފަހުން ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) ދައްކަން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ އާމިރު ހިންގި ޕްރޮޑަކްޝަންގެ ދެ ކުންފުންޏަކުން 2007 ވަނަ އަހަރުން ފެށިގެން 2009 އާ ހަމައަށް ޑީއާރުޕީގެ ބައެއް ހަރަކާތްތައް ވީޑިއޯ ކުރުމާއި އެޑިޓް ކުރުމާއި ސާމާނު ފޯރުކޮށްދީގެން ދީފައިވާ ހިދުމަތްތަކަށް ދައްކަންޖެހޭ 4.04 މިލިއަން ރުފިޔާ ޑީއާރުޕީން ނުދައްކައި އޮތް މައްސަލައެކެވެ.
އެ ފައިސާ ނުދެއްކުމުން ޖޫރިމަނާ ގޮތުގައި އިތުރު 16.3 މިލިއަން ރުފިޔާ އެރި ނަމަވެސް ހައި ކޯޓުން ކުރިން ނިންމާފައިވަނީ ޖޫރިމަނާ އެއްކޮށް އުނި ކުރުމަށްފަހު، ހިދުމަތުގެ އަގު އެކަނި ނަގައިދިނުމަށެވެ. އެ ހުކުމަށް ސުޕްރީމް ކޯޓުން ވެސް ތާއިދުކުރި އެވެ. އެހެންކަމުން އާމިރު ސިވިލްކޯޓުގައި ދައުވާކުރީ، ހިދުމަތުގެ އަގަށްވާ ހަތަރު މިލިއަން ރުފިޔާ ހޯދަން ކުރި ތަންފީޒީ މައްސަލައެއްގެ ގޮތުގައެވެ.
ނަމަވެސް، އެ މައްސަލަ ކޯޓުގައި އޮއްވާ ސިޔާސީ ޕާޓީއެއްގެ ޝަރުތުތައް ފުރިހަމަ ނުވެގެން ޑީއާރްޕީ ވަނީ އުވާލައިފަ އެވެ.
އެ ޕާޓީ އުވާލިއިރު ގިނަ އަދަދެއްގެ ދަރަނި އޮތެވެ. އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވަނީ އެ ދަރަންޏަށް ޒިންމާވާން ޖެހޭނީ ޕާޓީ އުވާލިިއިރު އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުރި މީހާ ކަމަށް ބުނެފައެވެ. ޑީއާރްޕީ އުވާލިއިރު އެ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވީ މުހައްމަދު ނަޝީދެވެ.
އެހެންކަމުން ނަޝީދުގެ ގައިރު ހާޒިރުގައި ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފައިވަނީ އެ ހިދުމަތުގެ އަގަށްވާ 4.04 މިލިއަން ރުފިޔާއަކީ އާމިރަށް ލިބެންޖެހޭ ފައިސާ ކަމަށް ކަނޑައަޅައި، އެ ފައިސާ 14 ދުވަސް ތެރޭގައި ދައްކައި ހަލާސް ކުރުމަށެވެ.





