ގެއްލިގެން އުޅޭތާ ހަ ދުވަސް ވީ އިރުވެސް މާލެއިން ގެެއްލުނު މީހާ ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.
މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތުގައި އާންމުގެ އެހީ ހޯދުމަށް ފުލުހުން އިއުލާނު ކުރީ އިއްޔެގެ ވަގުތެއްގައެވެ.
ގެއްލިގެން ހޯދަމުން ދަނީ ހ. ފެވަރިޓްވިލާ / މާލެ، އިބްރާހީމް އިމްތިޔާޒް އަލީ (30އ) އެވެ.
ފުލުހުން މިއަދު ބުނީ ގެެއްލުނު މީހާގެ އަދިވެސް ނުފެންނަ ކަމަށެވެ.
ފުލުހުން ރޭ ބުނީ މިމަހުގެ 13 ވަނަ ދުވަހު މެންދުރު 12:00 އާއި 13:00 އާ ދެމެދުގެ ވަގުތެއްގައި އިބްރާހީމް އިމްތިޔާޒް އަލީ ގޭގައި އުޅެނިކޮށް އާއިލާގެ މެމްބަރުންނަށް ފެނިފައިވާ ކަމަށާއި ނަމަވެސް އެ ދުވަހު ގެއިން ބޭރަށް ދިޔަ ފަހުން ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް މިމަހުގެ 17 ވަނަ ދުވަހުގެ ހަވީރު 5:15 އެހައިކަންހާއިރު އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން، ފުލުހުންގެ ކަމާގުޅުން ހުރި ހުރިހާ ޑިޕާޓްމަންޓުތަކަށް އެ މައުލޫމާތު ހިއްސާކޮށް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
އިބްރާހީމް އިމްތިޔާޒް އަލީއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ހެންވޭރު ޕޮލިސް ސްޓޭޝަން ނަންބަރު 9400053 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅަައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.





