ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ނެރޭ ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވާ މައްސަލަ އިތުރުވެއްޖެ

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ނެރޭ ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވާ މައްސަލަ އިތުރުވެއްޖެ

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު (ނަންބަރު 2012/3) ގެ ދަށުން، އަނިޔާ ލިބޭ ފަރާތްތަކުގެ ހިމާޔަތުގައި ކޯޓުން ނެރޭ ރައްކާތެރިކުރުމުގެ އަމުރުތަކާ ހިލާފުވާ މައްސަލަތައް އިތުރުވަމުންދާކަން ފުލުހުން ފާހަގަކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ 2025 ވަނަ އަަހަރު ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރާ ހިލާފުވެގެން ޖުމްލަ 99 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މައްސަލަތަކާ ގުޅިގެން 38 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައިވާކަން ފުލުހުން ހާމަކުރިއެވެ.

ރައްކާތެރިކުރުމުގެ އަމުރަކީ، އަނިޔާގެ އަމަލެއް ތަކުރާރުވެދާނެކަމުގެ ބިރު އޮތް ހާލަތްތަކުގައި، އަނިޔާ ލިބޭ ފަރާތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކޯޓުން ނެރޭ ގާނޫނީ އަމުރެކެވެ. މި އަމުރު މެދުވެރިކޮށް، އަނިޔާކުރާ ފަރާތުން ވަކި ކަންތައްތަކެއް ކުރުމަށް ނުވަތަ ވަކި ކަންތައްތަކެއް ނުކުރުމަށް އަންގައެވެ. މީގެ މައިގަނޑު މަގުސަދަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކުގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާއި، އެ ފަރާތްތަކުގެ އަސާސީ ހައްގުތައް ހިމާޔަތްކޮށްދިނުމެވެ.

ކޯޓުން ނެރޭ "ރައްކާތެރިކުރުމުގެ ވަގުތީ އަމުރު" ނުވަތަ "ރައްކާތެރިކުރުމުގެ އަމުރު" އާ އެއްވެސް ފަރާތަކުން ހިލާފުވެއްޖެނަމަ، އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ތަހުގީގު ކުރެވޭނެ ކަމަށް ފުލުހުން ބުންޏެވެ. މިފަދަ މައްސަލަތައް ތަހުގީގު ކުރުމަށްފަހު، ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވޭނެއެވެ.

އެގޮތުން 2025 ވަނަ އަހަރުގެ ތެރޭގައި މިފަދަ 24 މައްސަލައެއްގައި ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވާނީ ހުށަހަޅާފައި ކަމަށް ފުލުހުން ބުންޏެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *