އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި، ކ. ތުލުސްދޫ ކައުންސިލްގެ އަންހެން މެންބަރު ކަމަށް އަމިއްލަ ގޮތުން ކުރިމަތިލާން ހުށަހެޅި ފާތިމަތު ސޫޒަންގެ ކެންޑިޑެންސީ ގަބޫލު ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މައްޗަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.
ސޫޒަން ގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ، އޭނާގެ ކެންޑިޑެންސީ އީސީން ބަލައި ނުގަތުމުންނެވެ. އެއީ ދަރަންޏެއްގެ މައްސަލައަކާ ގުޅިގެންނެވެ. ސޫޒަން ބުނެފައި ވަނީ އީސީން އޭނާގެ ކެންޑިޑެންސީ ބަލައިނުގަންނަން ނިންމީ ސައްހަ ގާނޫނީ އަސާސެއްގެ މައްޗަށް ނޫން ކަމަށެވެ.
ނަމަވެސް އެ މައްސައިގައި ތުލުސްދޫ ކޯޓުން އޭނާގެ މައްޗަށް ދަރަންޏެއް ދައްކަން ހުކުމް ކޮށްފައިވާއިރު، އޭގެ ރެކޯޑް ފިނޭންސް މިނިސްޓްރީއަކު ނެތެވެ.
އެހެން ކަމުން މި މައްސަލައިގައި ސުޕްރީން ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ، ދަރަނި ހޯދަން ތަންފީޒީ މައްސަލަ ހުށަހެޅުމާއި ރެކޯޑް ބެލެހެއްޓުމަކީ ފިނޭންސް މިނިސްޓްރީގެ ޒިންމާއަކަށް ވާއިރު، އެކަން ނުކޮށް އޮތުމަކީ ސޫޒަން ދަރަނި ދައްކާ ހަލާސްކޮށްފައި ނުވާކަމަށް ބެލޭނެ ހަމައެއް ނޫން ކަމަށެވެ.
އެހެންކަމުން ސޫޒަންއަކީ އިންތިހާބަށް ކުރިމަތިލާން ޝަރުތު ހަމަވާ މީހެއް ކަމަށާއި އޭނާގެ ކެނޑިޑެންސީ ގަބޫލު ކުރުމަސް ސުޕްރީމް ކޯޓުން ހުކުމް ކުރިއެވެ.





