އެމެރިކާގެ ޓައިމް މެގަޒިން އިން ހޮއްވެވި ސިއްހީ ދާއިރާގެ ނުފޫޒުގަދަ 100 ބޭފުޅުންގެ ލިސްޓު 2026ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގެންފިއެވެ.
އެ ނޫހުން މިއަހަރަށް ހާއްސަކޮށް އެކުލަވާލި ލިސްޓުގައި ރައީސް ޑރ. މުއިއްޒުގެ ނަން ހިމަނާފައި ވަނީ އާއްމު ސިއްހަތަށް އެމަނިކުފާނު އިސްކަންދެއްވާ މިންވަރު ފާހަގަކޮށެވެ.
އެ ނޫހުން ފާހަގަކުރި ކަންކަމުގެ ތެރޭގައި ހިމެނެނީ
- ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އެޅި އެންމެ ވަރުގަދަ ފިޔަވަޅު ކަމުގައިވާ "ޖެނެރޭޝަން ބޭން" ތަންފީޒު ކުރުން
- ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެން ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ އެކު، ރާއްޖޭގައި ވޭޕް ބުއިމާއި އޭގެ ވިޔަފާރިކުރުން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މަނާ ކުރުން
އޭގެ އިތުރުން، އެ ނޫހުން ބުނީ އެމަނިކުފާނުހެ ސަރުކާރުން ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރުމުގެ އިތުރުން 2026 ވަނަ އަހަރު ކޮންމެ ރަށެއްގައި ހިލޭ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމުގެ ކްލިނިކްތަކެއް ގާއިމްކޮށް، 24 ގަޑިއިރު ހިލޭ ނަފްސާނީ އެހީ ލިބޭ ހެލްޕް ލައިނެއްވެސް ގާއިމްކޮށްފައިވާ ކަމަށެވެ. އަދި މާބަނޑު އަންހެނުންގެ ކިބައިން ދަރިންނަށް ފެތުރޭ އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ބަލި އެއްފަހަރާ ނައްތާލި ފުރަތަމަ ގައުމަކަށް ރާއްޖެވެފައިވާ ކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިއުލާނު ކުރިކަންވެސް އެ ނޫހުން ފާހަގަކޮށްފައި ވެއެވެ.





