ސައުދީ ޕްރޮފެޝަނަލް ލީގުގެ މަޝްހޫރު ކްލަބް އަލް ނަސްރަށް ކުޅެމުން އަންނަ ޕޯޗުގީޒްގެ ގައުމީ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ، އެ ކްލަބުގައި ކުރިއަށްދިއުމަށް ހުށަހެޅި ޝަރުތުތަކަށް ކްލަބުން އެއްބަސްވުމާ ގުޅިގެން އޭނާ އަލުން ޓީމާ ގުޅިފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓްތަކުން ހާމަކޮށްފިއެވެ.
މިދިޔަ ދުވަސްތަކުގައި އަލް ނަސްރުން ކުޅުނު ފަހު ދެ މެޗުގައި ރޮނާލްޑޯ ފެނިފައިނުވަނީ، ސައުދީ ކްލަބްތައް ހިންގުމުގައި ގެންގުޅޭ ބައެއް އުސޫލުތަކާ މެދު ހިތްހަމަނުޖެހިގެންނެވެ. ހާއްސަކޮށް، އަލް އިއްތިހާދަށް ކުޅެމުންދިޔަ ކަރިމް ބެންޒެމާ ހިލޭ ޓްރާންސްފާއެއްގައި އަލް ހިލާލަށް ބަދަލުވުމުގައި ސައުދީގެ ކްލަބްތައް ހިންގާ ގޮތާ މެދު އޭނާ ހުރީ ނުރުހިފައެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯގެ އެންމެ ބޮޑު ޝަކުވާއަކަށްވީ، ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ކްލަބްތަކަށް ފައިސާ ދޫކުރުމުގައި ގެންގުޅޭ އޮނިގަނޑުގެ ސަބަބުން އަލް ނަސްރުގެ ހިންގުމަށް ދިމާވެފައިވާ ގޮންޖެހުންތަކެވެ. މިގޮތުން، ކްލަބުގެ ބައެއް މުވައްޒަފުންނަށް މުސާރަ ނުލިބި ހުރުމާއި، އޭނާއާ ގާތް ގުޅުމެއް އޮންނަ ދެ އެޑްމިނިސްޓްރޭޓަރުން ކަމަށްވާ ސިމާއޯ ކުޓީނިއޯ އާއި ޖޯސޭ ސެމޭޑޯގެ ބާރު ކަނޑުވާލަން މަސައްކަތް ކުރުން ހިމެނެއެވެ.
އީއެސްޕީއެން ބްރެޒިލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރޮނާލްޑޯ ހުށަހެޅި މި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ކްލަބުން ދިނުމާއެކު، އޭނާ މިހާރު ވަނީ އަލުން މެޗުތަކަށް ނުކުތުމަށް ތައްޔާރުވެފައެވެ.
މި އެއްބަސްވުމާއެކު، ސައުދީ ޕްރޯ ލީގުގައި ކުރިއަށް އޮތް ހޮނިހިރު ދުވަހު އަލް ފަތޭއާ ދެކޮޅަށް ކުޅޭ މެޗުން ރޮނާލްޑޯ ފެންނާނެ ކަމަށް ބެލެވެއެވެ. މިއީ އަލް ނަސްރުގެ ސަޕޯޓަރުންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.





