ސަރުކާރުން ލޮޖިސްޓިކްސް ވިޔަފާރިއަށް ވަނުމަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ކުރާކަމެއްނޫން، އެކަން ހުއްޓާލުމަށް ގޮވާލަން: ޝާހިދު

ސަރުކާރުން ލޮޖިސްޓިކްސް ވިޔަފާރިއަށް ވަނުމަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ކުރާކަމެއްނޫން، އެކަން ހުއްޓާލުމަށް ގޮވާލަން: ޝާހިދު

މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސްގެ ނަމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަނީ ލޮޖިސްޓިކްސް ކުންފުންޏެއް ތައާރަފް ކުރުމާގުޅިގެން، އެމްޑީީގެ ރައީސް އަބްދުﷲ ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިކަމާގުޅިގެން ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުން ލޮޖިސްޓިކްސް ކުންފުންޏެއް އުފައްދައިގެން މަސައްކަތް ކުރަން ނިންމުމަކީ ކަންބޮޑުވާންޖެހޭ ކަމަށެވެ. އަދި މިފަދަ ނިންމުމަކީ މިނިވަން ވިޔަފާރީގެ އުސޫލުތަކާ މުޅިން ޚިލާފު، ދުނިޔޭގެ އެއްވެސް ޤައުމެއްގައި ޤަބޫލު ކުރާނެ ކަމެއް ނޫން ކަމަށެވެ.

‏"ސަރުކާރުގެ ދައުރަކީ ވިޔަފާރިއާ ވާދަކުރުމެއް ނޫން. އެއާޚިލާފަށް އަދާކުރަންޖެހޭ ދައުރަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހިތްވަރުދީ، އެފަދަ ވިޔަފާރިތައް ކުރިއެރުވޭނެ މަގު ފަހިކޮށްދިނުން. ސަރުކާރަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ ސީދާ ވާދަވެރިވުމަކީ ބާޒާރުގެ ވާދަވެރިކަމުގެ ހަމަ ނައްތާލާ، އިޤްތިޞާދީ ހަމަތައް ފުނޑުފުނޑުކޮށްލާ ކަމެއް." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ސަރުކާރުން ލޮޖިސްޓިކްސްގެ ވިޔަފާރިއަށް ވަނުމުން އެ ވިޔަފާރީގައި އުޅޭ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހޭނެ ކަމަށެވެ.

‏"އެމަސައްކަތުން އާމްދަނީ ހޯދައިގެން ދިރިއުޅެމުންދާ އެތައް އާއިލާތަކަށް މާލީގޮތުން އެތައް ތަކުލީފެއް އުފުލަން ޖެހޭނެ. ދިވެހި އެތައް އާއިލާއެއްގެ އާމްދަނީ ހުއްޓި، ރައްޔިތުންގެ ދިރިއުޅުން އިތުރަށް ނިކަމެތިވެގެން ދާނެ." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވަނީ އެކަމުގެ ގެއްލުން ވަކިވަކި ފަރުދުންނަށްވެސް ކުރާނެކަން ފާހަގަ ކުރައްވައި، އެކަމާއި ގުޅިގެން އަންނާނެ ނޭދެވޭ އަސަރުކުރާނެ ބަޔެއް ކަންކަންވެސް ފާހަގަ ކުރައްވާފައެވެ. އެގޮތުން ފާހަގަ ކުރައްވާފައި ވަނީ…

– ޕްރައިވެޓް ސެކްޓަރގެ އިންވެސްޓްމަންޓްތައް މަދުވާނެ

ވަޒީފާގެ ފުރުޞަތުތައް ގެއްލިގެން ދާނެ

އިޤްތިޞާދީ ދުވެލި މަޑުޖެހިގެން ދާނެ

ވިޔަފާރީގެ އިތުބާރު ގެއްލިގެން ދާނެ

‏މިކަންކަން ފާހަގަ ކުރައްވައި ޝާހިދު ވިދާޅުވީ، މި ކަންކަމުން ދިވެހި ރައްޔިތުންނަށް ކުރިމަތިވާނެ ގެއްލުންތަކުން ސަލާމަތް ކުރުމަށާއި، އިޤްތިޞާދީ ހަމަތައް ނެގެހެއްޓުމަށް ސަރުކާރުން ވިޔަފާރި އުސޫލުން ހިންގާ ލޮޖިސްޓިކްސް ކުންފުނި އުފެއްދުމުގެ ނިންމުން އަވަހަށް ބަދަލު ކުރުމަށް ގޮވާލައްވާ ކަމަށެވެ.

ޝާހިދު ކަންބޮޑުވުން ފާޅުކުރެއްވިއިރު، ސަރުކާރުން ވަނީ ލޮޖިސްޓިކްސް ކުންފުންޏެއް އުފައްދައި އެ ކުންފުނި ތައާރަފްވެސް ކޮށްފައެވެ. އެގޮތުން މި ކުންފުނި އުފެއްދީ މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސްގެ ނަމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިންނެވެ.

ސަރުކާރުން ތައާރަފްކުރި ލޮޖިސްޓިކްސް ކުންފުނިން ބުނެފައި ވަނީ، އެ ކުންފުނި އުފެއްދި މައިގަނޑު ބޭނުމަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގާއިމުކޮށްފައިވާ ގުދަންތަކަށް އަސާސީ މުދަލާއި ކާޑުގެ ބާވަތްތައް ދަތިކަމެއް ނެތި ފޯރުކޮށްދިނުން ކަމަށެވެ. އަދި މުދާ އުފުލުމާއި، ގުދަން ކުރުމާއި، އަދި މުދާ ފޯރުކޮށްދިނުމުގެ ހުރިހާ މަރުހަލާއެއް އެއް ވިއުގައަކުން ގުޅާލައި، ލޮޖިސްޓިކްސްގެ ޚަރަދުތައް ކުޑަކޮށް ވިޔަފާރިވެރިންނަށާއި އާންމުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުން ކަމަށްވެސް ސަރުކާރުން އުފެއްދި ލޮޖިސްޓިކްސް ކުންފުނިން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *