ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވައި އަޑުގަދަ ކުރުމުން މީކާއިލް އާއި ފިއްޓެ ބޭރުކޮށްފި

ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވައި އަޑުގަދަ ކުރުމުން މީކާއިލް އާއި ފިއްޓެ ބޭރުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު ރިޔާސީ ބަޔާން އިއްވަމުން ދަނިކޮށް، މަޖިލިސް ތަޅުމުގައި އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވައި، އަޑުގަދަކޮށް، ރިޔާސީ ބަޔާން ހުށަހެޅުމަށް ދަތިިކުރުމުން އިދިކޮޅު އެމްޑީޕީގެ ދެ މެންބަރުން ކަމަށްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދުގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފިއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން، މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަމުން ގެންދަވަނިކޮށް، ވަކި ހިސާބަކުން އެމްޑީޕީ މެންބަރުން އިހްތިޖާޖު ކުރަން ފެށިއެވެ.

ނަމަވެސް ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ފުރަތަމަކޮޅު އެކަމަށް މާބޮޅު އަހައްމިއްޔަތެއް ނުދެއްވިއެވެ.

އެމްޑީޕީ މެންބަރުން އަޑުގަދަކޮށް އިހްތިޖާޖު ކުރަމުން ގެންދިޔައީ، ރައީސް މުއިއްޒު ހައްދަވަނީ އިތުރުފުޅު ކަމަށް ވިދާޅުވެ، ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވަމުންނެވެ. އަދި އެ އިހުތިޖާޖުގެ ތެރެއިން ކަށިގަނޑުވެސް ފުންމަމުން ގެންދިޔައެވެ.

އެ އިހްތިޖާޖުގައި ޕޯސްޓަރު ހިފައިގެން ރައީސް މުއިއްޒު ވާހަކަ ދައްކަވަން ހުންނެވި ޕޯޑިއަމްގެ ކުރިމައްޗަށްވެސް ބައެއް މެންބަރުން އެރުއްވިއެވެ. އެކަމާ ގުޅިގެން ރައީސް މުއިއްޒުގެ ވާހަކަފުޅު މެދުކަނޑުއްވާލައްވައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސްއަށް އިޝާރާތެއް ކުރެއްވި އެވެ.

އެހިސާބުން މަޖިލިސް ރައީސް އަބްދުއްރަހީމް، މަޖިލިސް ގަވައިދުގައިވާ ގޮތަށް ތިން ފަހަރަކަށް މީކާއިލް އާއި ހުސައިން ޒިޔާދުގެ ނަން އިއްވައި މަޖިލިސް ތަޅުމުން ބޭރު ކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *