މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި އިލެކްޝަންސް ކޮމިޝަނާ ދެމެދު ފަހުމުނާމާއެއްގައި ސޮއި ކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތުގައި، ފުލުހުންގެ ފަރާތުން މި ފަހުމުނާގައި ސޮއި ކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދުއެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި އިލެކްޝަންސް ކޮމިޝަންގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.
މި ފަހުމުނާމާއަކީ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ތާވަލު ކުރެވިފައިވާ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ދެ މުއައްސަސާގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ސޮއި ކުރެވިގެންދިޔަ ފަހުމުނާމާއެކެވެ. މި އެއްބަސްވުމުގެ ދަށުން، ވޯޓުލާ މަރުކަޒުތަކާއި، އިންތިހާބާ ގުޅޭ ތަކެއްޗާ އަދި ވޯޓުލާ މީހުންގެ ރައްކާތެރިކަން މުޅި ރާއްޖޭގައި ކަށަވަރުކުރުމަށްޓަކައި ފުރިހަމަ ސަލާމަތީ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެއެވެ.




