އަދުހަމްގެ ސަބަބުން ވިޒިޓް މޯލްޑިވްސްގެ އަގުވެއްޓޭތީ އެމްބެސެޑަރުކަމުން ”ޓޫއޮފްއަސް“ ސަސްޕެންޑުކޮށްފި

އަދުހަމްގެ ސަބަބުން ވިޒިޓް މޯލްޑިވްސްގެ އަގުވެއްޓޭތީ އެމްބެސެޑަރުކަމުން ”ޓޫއޮފްއަސް“ ސަސްޕެންޑުކޮށްފި

ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދި ”ޓޫއޮފްއަސް“ އަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން އެ ބޭންޑާއެކު ހަދާފައިވާ އެމްބެސެޑާޝިޕް ޕްރޮގްރާމް މެދުކަނޑާލައިފިއެވެ.

ފައިސާގެ މައްސަލަތަކަކާ ގުޅިގެން ”ޓޫއޮފްއަސް“ގެ ގިނަ މެންބަރުން ވަނީ ދާދި ފަހުން ވަކިވެފައެވެ. އޭގެ އިތުރުން އެ ބޭންޑުގެ ލީޑު ވޯކަލިސްޓު އަހުމަދު އަދުހަމްއަށް ފައިސާގެ މުއާމަލާތްތަކަށް ހިޔާނާތްތެރިވެފައިވާ ކަމުގެ ތުހުމަތު ވެސް އެ ބޭންޑުގެ މެންބަރުން ވަނީ ކޮށްފައެވެ.

ވިޒިޓް މޯލްޑިވްސް އެމްބެސެޑަރަކަށް މިދިޔަ އަހަރުގެ ޖުލައި މަހު ހަމަޖެއްސި ”ޓޫއޮފްއަސް“، އަދިވެސް އެކި ހަރަކާތްތަކުގައި ބޭނުންކުރަމުންދާތީ ވެސް ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

އެމްބެސެޑާޝިޕް އެއްބަސްވުން ބާތިލުކުރިކަން އަންގައި މިދިޔަ މަހު 22 ގައި ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ، ”ޓޫއޮފްއަސް“ގެ އަދުހަމަށް އެޑްރެސްކޮށް ފޮނުއްވި ސިޓީގައި ވިދާޅުވީ، އެ ބޭންޑާ ގުޅޭގޮތުން ފެތުރެމުންދާ ނޭދެވޭ ވާހަކަތަކުގެ އަސަރު އެ ކުންފުންޏަށް ފޯރާތީ އެމްބެސެޑާޝިޕް ޕްރޮގްރާމް ވަގުތީގޮތުން މެދުކަނޑާލަން މެނޭޖްމަންޓުން ނިންމާފައިވާ ކަމަށެވެ.

އެ ސިޓީ ފޮނުވި ތާރީހުން ފެށިގެން ”ޓޫއޮފްއަސް“ ގެ އެއްވެސް ހަރަކާތެއްގައި އަދި އެއްވެސް ސިފައެއްގައި ވިޒިޓް މޯލްޑިވްސްގެ އެމްބެސެޑަރު ކަމަށް ދައްކައިގެން ނުވާނެ ކަމަށާއި ވިޒިޓް މޯލްޑިވްސްގެ ނަމާއި ލޯގޯ އައި ބްރޭންޑިން އަދި އެއްވެސް އިންޓެލެކްޗުއަލް ޕްރޮޕަޓީއެއް ބޭނުންކޮށްގެން ނުވާނެ ކަމަށް އެ ސިޓީގައި ވިދާޅުވިއެވެ.

”ޓޫއޮފްއަސް“ ބޭންޑަށް ބޮޑު މަގުބޫލުކަމެއް ލިބިގެންދިޔައީ އިންޑިއާގެ ރިއަލިޓީ ޝޯ ”ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް“ އިންނެވެ. އެ ޝޯ އިން ”ޓޫއޮފްއަސް“ ވަނީ ތިންވަނަ ހޯދައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *