އެމްއެމްއޭ އިން ސަރުކާރަށް ފައިސާ ދޫނުކުރެވޭނެ ގޮތެއް އެއްވެސް ގޮތެއް މިހާރަކު ނެތް ކަމަށާއި އެމްއެމްއޭއަށް ކަނޑައެޅިފައި އޮންނަ ތުރެޝްހޯލްޑް މިހާރު ހަމަވެފައިވާ ކަމަށް މާލޭގެ މޭޔަރު ކަމަށް އަމިއްލަ ގޮތުން ކުރިމަތި ލައްވާފައިވާ އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފްގެ ތާއީދާއެކު އަމިއްލަ ގޮތުން މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ގޯލްކީޕަރު ޒަރިޔަންދު ވިދާޅުވީ، ބަޖެޓު ފޫބެއްދަން ދައުލަތަށް 24 ބިލިއަން ރުފިޔާގެ ފައިނޭންސިން ބޭނުން ވާއިރު، އެ އަދަދަށް އާމްދަނީ އުފެއްދުމުގެ ގާބިލުކަން ދައުލަތުގެ ކިބައިގައި ނެތް ކަމަށެވެ. މިކަން މިހެން އޮއްވައި ޕެންޝަން އޮފީހުން ނިންމި ނިންމުމަކީ ގާނޫނީ ހުރަސްތަކުން ސަލާމަތްވުމަށް ސަރުކާރުން އޮޅުވާލައިގެން ކުރިކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޒަރިޔަންދު ވިދާޅުވީ، ޕެންޝަން އޮފީހުން މިހާރު ހިންގަން ނިންމާފައިވާ 2.4 ބިލިއަން ރުފިޔާގެ މާލީ މުއާމަލާތަކީ މަނީ ލޯންޑަރިންގެ އަމަލެއް ކަމަށެވެ. އޭނާ ވިދާޅުވީ، މިކަމަކީ ދައުލަތަށް އިތުރަށް ފައިސާ ހޯދޭނެ ހުރިހާ މަގެއް ބަންދުވުމުން ގާނޫނުން ރެކެންވެގެން ކުރި ކަމެއް ކަމަށެވެ.




