ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ސްޓައިންމަޔަރގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިހިނގާ ފެބްރުއަރީ މަހުގެ 9 އިން 13 އަށް ޖަރުމަނުވިލާތަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ރައީސްގެ މި ދަތުރުފުޅުގައި، ޖަރުމަނުވިލާތުގެ ރައީސް ސްޓައިންމަޔަރގެ އިތުރުން ޖަރުމަނު ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލު ކުރައްވާނެ ކަމަށެވެ. އަދި އެ ގައުމުގެ ސަރުކާރުގެ ވެރިންނާއެކު މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ.
މީގެއިތުރުން މި ބައްދަލުވުން ތަކުގައި ދިވެހިރާއްޖެ އާއި ޖަރުމަނުލިވާތުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވުމަށް އެޅޭ ބާރަކަށް ވެގެންދާނެ ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސް އޮފީހުން ބުނީ، ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގެ ބައެއްގެ ގޮތުގައި ހިމެނިގެން، ބަރލިންގައި ހުންނަ ހަމްބޮލްޓް ޔުނިވަރސިޓީއަށް ވަޑައިގެން "މޫސުމީ ބަދަލަށް ހޭނުމުގައި ދިވެހިރާއްޖޭގެ ތަޖުރިބާ" ހިއްސާކުރައްވައި އެ ޔުނިވަރސިޓީގައި ރައީސް ތަޤުރީރު ކުރައްވާނެ ކަމަށެވެ. އަދި ޖަރމަން ކައުންސިލް ފޮރ ފޮރިން ރިލޭޝަންސަށްވެސް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތް ކުރައްވައި ތަޤުރީރު ކުރެއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން ދިވެހިރާއްޖޭގެ ވިޔަފާރިވެރިންގެ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ޖަރުމަނުވިލާތުގައި ބިޒްނަސް ފޯރަމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބިޒްނަސް ފޯރަމުގައި ދެޤައުމުގެ ވިޔަފާރިވެރިން ބައިވެރިވެވަޑައިގެން، ދިވެހިރާއްޖޭގައި ވިޔަފާރި އާއި އިންވެސްޓްމަންޓް ތަކަށް ހުރި ފުރުސަތުތަކުގެ ތަފްސީލު މަޢުލޫމާތު ދެއްވާނެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ދަތުރުފުޅު މި ދިމާވަނީ ދިވެހިރާއްޖެ އާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތާއެވެ. ދިވެހިރާއްޖެ އާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމު ކުރެވުނީ 5 ޖުލައި 1966 ގައެވެ.




