ޝާހިދު، ސަރުކާރަށް: ރައްޔިތުންނަކީ މުށި ބުދުތަކެއްނޫން، ހިތުހުރި ގޮތެއް ނުހެދޭނެ

ޝާހިދު، ސަރުކާރަށް: ރައްޔިތުންނަކީ މުށި ބުދުތަކެއްނޫން، ހިތުހުރި ގޮތެއް ނުހެދޭނެ

ދިވެހި ރައްޔިތުންނަކީ "މުށި ބުދު" ތަކެއް ކަމަށް ހީނުކުރުމަށާއި، ރައްޔިތުންނަށް ހިތުހުރި ގޮތެއް ހެދޭނެ ކަމަށް ހީނުކުރުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، ސަރުކާރަށް ގޮވާލައިފިއެވެ.

ރޭ އެމްޑީޕީގެ ހަރުގޭގައި ކުރިއަށްދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ރާއްޖޭގެ ރަށްރަށަށް ޕީއެންސީގެ ކެންޑިޑޭޓުން ގޮވައިގެން ސަރުކާރުގެ ވަފްދުތައް ދިއުމުން، ރަށްރަށުގެ ރައްޔިތުން ނުކުމެ، އެ ރަށްރަށަށް ސަރުކާރުން ވައުދުވި ކަންތައް ނުކުރެވުނީ ކީއްވެގެންތޯ ސުވާލު ކުރަންޖެހޭ ކަމަށެވެ.

"ކީއްވެގެންހޭ މިރަށަށް ވައުދުވެފައި އޮތް ކަންތައް ނުކުރެވި މިއޮތީ. ގދ. ތިނަދޫގެ ރައްޔިތުން ނުކުމެ އަހަންވީ ކޮބައިހެއްޔޭ އެއްކަލަ ތިމަންމެން ކުރިމަތީގައި ރައްޔިތުންގެ މަޖިލީހަށް ހޮވުނީމަ ދެއަހަރު ތެރޭގައި އަޅާ ނިންމަން ބުނި އެއާޕޯޓް. ގައްދޫގެ ބޭފުޅުން އައްސަވަންވީ ހަމަ އެގޮތަށް ވައުދުވެފައި އޮތް ކަންތައް. ތުރާކުނުގެ ބޭފުޅުން އައްސަވަންވީ ހަމަ އެގޮތުން އޮތް ކަންތައް. އެ ވާހަކަތައް އެބަޖެހޭ ސުވާލު ކުރަން އަޅުގަނޑުމެން. އަޅުގަނޑުމެން މި ތިބީކީ މިކަންތައްތައް ނޭނގިގެނެއް ނޫން. ދިވެހިރާއްޖޭގެ ރައްޔިތުންނަށް މާބޮޑަށް މާސާފުކޮށް މިހާރު އެބައިނގޭ." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ރަށްތަކަށް އެންމެ ފަހުން ކުރެއްވި ދަތުރުފުޅުތަކުގައި "އުވަގަށާ މެޝިނަކާއި ދަތްގަނޑަކާ ހިފައިގެން" އަރާވަޑައިގެން "އުވަގަށާ މެޝިނުން ގަށާލާފައި ދަތްގަނޑުން އަޅާލާފައި" ފައިބަވަޑައިގަންނަވާއިރު ރައީސް މުއިއްޒުގެ ފަހަތްޕުޅުން "ދަތްގަނޑާ ގަށާ މެޝިނުވެސް" ފައިބައިގެން ދާކަމަށެވެ.

ޝާހިދު ވިދާޅުވީ، ރައްޔިތުން ސަރުކާރު ދިނުމުން ދެން އައި މަޖިލިސް އިންތިޚާބުގައިވެސް ސަރުކާރަށް ރައްޔިތުން ބޮޑު މެޖޯރިޓީއެއް ދީފައިވާ ކަމަށެވެ. މަޖިލިސް އިންތިޚާބުގައި ސަރުކާރުން ބުނަމުން ދިޔައީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނީ މަޖިލިސް މެޖޯރިޓީ ސަރުކާރަށް ދީގެން ކަމަށްވެސް ބުނި ކަމަށާއި މިހާރު ސަރުކާރުން ބުނަނީ ދެން އެކަންވާނީ ކައުންސިލް މެޖޯރިޓީ ދީގެންކަމަށް ބުނަމުންދާ ކަމަށެވެ.

"ދިވެހިރާއްޖޭގެ ރައްޔިތުންނަށް ތިމަންނަމެންނަށް ދެން ކޮށްދެވޭނީ މި ލޯކަލް ކައުންސިލް އިންތިޚާބުވެސް ތިމަންނަމެންނަށް ދީގެންނޭ. ކިތަށް ފަހަރުތޯ ދިވެހި ރައްޔިތުންނަށް އޮޅުވާލައްވަން މި މަސައްކަތް ކުރައްވަނީ. ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ތަންދޮރުފިލާ އެނގޭ ހޭލުންތެރި ބަޔެއް." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ކައުންސިލްތަކުގެ މެޖޯރިޓީ ހޯދަން ސަރުކާރުން އުޅޭއިރު، ކައުންސިލްތަކުގެ ބާރު ކަނޑުވާލައި ކައުންސިލްތަކަށް ލިބެމުންދިޔަ ގްރާންޓްތައްވެސް ކަނޑާލާފައިވާ ކަމަށެވެ.

"ފަސްއަހަރަށް އިންތިޚާބުވާ ކައުންސިލެއް އެންމެ ފަހު އަހަރަކީ ހަތަރެސްފައި ބަނދެފައި އޮންނަ އަހަރެއް ކަމުގައި ހައްދަވައިފި." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ކައުންސިލް އިންތިޚާބުގައި އެމްޑީޕީ އޮތީ ސަރުކާރު ބަލިކުރަން ހޭވައްލާ ތައްޔާރަށް ކަމަށެވެ.

" އަޅުގަނޑު މިއަދުގެ ސަރުކާރަށް ދަންނަވަން ބޭނުންވަނީ، ހީފުޅު ނުކުރައްވައްޗޭ ރާއްޖޭގެ ރައްޔިތުންނަކީ މުށި ބުދުތަކެކޭ ހިތުހުރި ގޮތެއް ހެދިދާނެ. އެއްގޮތަކަށްވެސް އެކަން އެބޭފުޅުން ތިޔަ ހީފުޅު ކުރައްވާ ގޮތަށް ވިޔަކަށް ނުދޭނަން. އަޅުގަނޑުމެން މި ސަރުކާރު ބަލިކޮށްލާނަން." ޝާހިދު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *