‏ބޭރު ގައުމުތަކުގައި ހިންގާ އަނިޔާއާ ދެކޮޅަށް އަޑު އުފުލާއިރު، ރާއްޖޭގައި ހިންގާ އަނިޔާއަށްވެސް އަޅާލަންޖެހޭ: ދުންޔާ

‏ބޭރު ގައުމުތަކުގައި ހިންގާ އަނިޔާއާ ދެކޮޅަށް އަޑު އުފުލާއިރު، ރާއްޖޭގައި ހިންގާ އަނިޔާއަށްވެސް އަޅާލަންޖެހޭ: ދުންޔާ

ބޭރުގެ ގައުމުތަކުގައި ހިންގަމުންދާ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް އަޑު އުފުލާފަދައިން، އަމިއްލަ ގައުމުގައި ހިނގާ އަނިޔާވެރި އަމަލުތަކާ ދެކޮޅަށްވެސް އަޑު އުފުލަންޖެހޭ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ތިލަފުށީގައި ދާދިފަހުން ކުނިތަކެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ މަރަށް އިޝާރާތް ކުރައްވައި، ދުންޔާ ވިދާޅުވީ، އެ ހާދިސާގައި މަރުވި އަމީން މިއާގެ މަރަކީ ހިތާމަވެރި މަރެއް ކަމަށެވެ. އަދި އެ މައްސަލަ ކުރިން ތަހުގީގު ނުކުރެވުން ކުށްވެރި ކުރެއްވިއެވެ.

"ބޭރު ޤައުމެއްގައި ހިނގާ އަނިޔާއާ ދެކޮޅަށް އަޑުއުފުލުމަކީ، އަމިއްލަ ޤައުމުގައި ހިނގާ ހިތާމަވެރި ހާދިސާތަކަށް އަޅާނުލުމެއް ނޫން. ތިލަފުށީގައި މަރުވި އަމީން މިއާގެ މަރަކީ ހިތާމަވެރި ކަމެއް. މި މައްސަލަ މީގެ ކުރިން ތަޙުޤީޤު ނުކުރެވުނުކަން ކުށްވެރިކުރަން." ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ވިދާޅުވީ، ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަކީ އެންމެން ގުޅިގެން ޙައްލު ކުރަންޖެހޭ ނިޒާމީ މައްސަލައެއް ކަމަށެވެ.

ކ. ތިލަފުށިން ގެއްލިގެން ހޯދަމުން ދަނިކޮށް ކުނިތަކެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ބަންގަލަދޭޝް މީހާ މަރުވެފައި ވަނީ ކުނިނަގަން އުޅުނު އެކްސްކަވޭޓަރުން ޖެހިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނިގޮތުގައި، އެމީހާ ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނުނީ ކުނި ތަކެއްގެ ތެރެއިންނެވެ. ފުލުހުން ބުނީ ބަންގްލަދޭޝްއަށް އުފަން އަމީން މިއާ ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނުނު މައްސަލައިގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަމީން މިއާ މަރުވުމަށް މެދުވެރި ވެފައިވަނީ ހުސްވި ޖެނުއަރީ 26 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތް ކުރަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓި ގެންނެވެ.

އަދި އެކްސްކެވޭޓަރުން ކުނިތައް އެތަނުން އެހެން ދިމާލަކަށް ބަދަލު ކުރުމުގެ ތެރޭގައި އެ މީހާގެ ހަށިގަނޑާއެކު ކުނިތައް ބަދަލު ކުރެވި، މީހާގެ ގައިމައްޗަށް ކުނިތަކެއް އެޅިގެން މި ހާދިސާ ހިނގީ ކަމަށްވެސް ބުނެފައިވެއެވެ.

ހާދިސާ ހިނގި ސަރަހައްދު ފެންނަ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލައާއި ގުޅިގެން އެކްސްކެވޭޓަރު އޮޕަރޭޓްކުރި ފަރާތް ކޯޓު އަމުރެއްގެ ދަށުން މިހާރު ވަނީ ހައްޔަރު ކޮށްފައެވެ. ހައްޔަރު ކޮށްފައިވަނީ 32 އަހަރުގެ ސްރީލަންކާގެ ރައްޔިތެކެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *