ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު މައި ޕާޓީ، އެމްޑީޕީ އިން ކައުންސިލް ތަކަށް ވާދަކުރަން ނުކުންނަ މީހުންގެ ތެރޭގައި ރަނގަޅު ވިސްނުމުގައި ތިބީ 10 ވަރަކަށް ޕަސެންޓް މީހުން ކަމަށް ޕީއެންސީގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިޚާބަށް ޕީއެންސީ އިން މެދުހެންވޭރު ކެމްޕޭން އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، އެމްޑީީގެ ޓިކެޓުގައި ނުކުންނަ ގިނަ މީހުންނަކީ ސަރުކާރުން މިހާރު ފަށާފައިވާ މަޝްރޫއުތައް ހުއްޓުވަން އުޅޭނެ މީހުން ކަމަށެވެ. ނަމަވެސް ރަނގަޅު ވިސްނުމުގައިވެސް މަދު ބަޔަކު ތިބޭނެ ކަމަށެވެ.
"އޭގެ ތެރޭގައި ރަނގަޅު ވިސްނުމުގެ ބޭފުޅުން ތިބޭނެ. އެހެންނަމަވެސް އެއީ އެބޭފުޅުންގެ ތެރެއިން ކުރިމަތިލީ އަދަދުތަކަށް ބަލާއިރު، އެ ވެދާނެ ދިހަ ޕަސަންޓު ކަމަށް. އޭގެ ބޮޑު ބަޔަކީ ދެކޮޅު ހަދާނެ ބައެއް،" ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ، އެމްޑީޕީ އިން ކައުންސިލްތަކަށް ވާދަކުރަނީ ސަރުކާރުން މާލެ އާއި އަތޮޅުތަކުގައި ފަށާފައިވާ މަޝްރޫއުތަކާ ދެކޮޅު ހެދުމުގެ ނިޔަތުގައި ކަމަށެވެ.
"އެ މަޝްރޫއުތައް ހުއްޓާލަން، އެ ހިދުމަތްތައް ރައްޔިތުންނަށް ދިނުމަށް ދެކޮޅު ހެދުމުގެ ނިޔަތުގައި" ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ، އެމްޑީޕީގެ ޓިކެޓުގައި ނުކުންނަ މީހަކަށް ވޯޓު ދިނުމަކީ ރައްޔިތުން ކުރާނެ އެންމެ ބޮޑު މޮޔަ ކަންތައް ކަމަށެވެ. އޭނާ ވިދާޅުވީ، އެމްޑީޕީގެ ޓިކެޓުގައި ނުކުންނަ މީހުންގެ ތެރެއިން ދިހަ ވަރަކަށް ޕަސެންޓް ފިޔަވައި ދެން ތިބީ ރަނގަޅު ނޫން ވިސްނުމުގެ މީހުން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވަން ހޮވާ ބައެއްނޫނެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވަން ހަތަރުވަނަ ބާރެއް އޮންނާކަށް ނުޖެހޭނެއެވެ.




