ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރު ކަމަށް އެމްޑީީގެ ޓިކެޓުގައި ނުކުމެވަޑައިގަންނަވާ މިހާރުގެވެސް މޭޔަރު އާދަމް އާޒިމްގެ ކެމްޕޭނުގައި، އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ހެންވޭރު އުތުރުގައި "ދޮރުން ދޮރަށް" ކެމްޕޭންގައި ބައިވެރިވެވަޑައިގެންފިއެވެ.
ޝާހިދުވެސް އެ ދާއިރާއަކަށް ނިސްބަތްވެވަޑައިގަންނަވާ ހެންވޭރު އުތުރުގައި މިއަދު ކުރިޔަށް ގެންދިޔަ ކެމްޕޭން ހަރަކާތުގައި އާޒިމްއާއެކު ޝާހިދު ވަނީ އެ ދާއިރާގެ ބަޔެއް ގެތަކަށް ވަޑައިގެން އެ ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރައްވާފައެވެ. އަދި މަގުމަތިންވެސް އެ ދާއިރާގެ މެމްބަރުންނާ ބައްދަލު ކުރެއްވިއެވެ.

މި ކެމްޕޭން ހަރަކާތުގައި އާޒިމް އާއި ޝާހިދުގެ އިތުރުންވެސް އެމްޑީޕީގެ ކެމްޕޭންގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކެއް ބައިވެރިވިއެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެމްޑީީގެ ޓިކެޓުގައި އާޒިމް ނުކުމެވަޑައިގަންނަވާއިރު، ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި ނުކުމެވަޑައިގަންނަވަނީ ކުރީގެ މޭޖަރ ޖެނެރަލް މޫސާ އަލީ ޖަލީލެވެ. އަދި އަމިއްލަ ގޮތުން ކުރީގެ ގޯލްކީޕަރު އިސްމާއީލް ޒަރިޔަންދުވެސް ނުކުމެއެވެ.




