ހުޅުމާލޭ ފޭސް އެކެއްގެ، ގުދަނެއްގައި ރޯވި ހާދިސާއާ ގުޅުގެން ތިން އެޕާޓްމަންޓަކުން 25 މީހުންނަށް ވަގުތީ ބޯހިޔާވައިކަން ދޭންޖެހިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ، ހުޅުމާލޭ ޗަނބޭލީ، ފަސްވަނަ ގޯޅިތެރޭގައި ހުރި ލޮޓް ނަންބަރ 11154 ގޭގައި ހުރި ގުދަނެއްގައި ރޭ ފަތިހު ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަނުގެ ފަަޔަފައިޓަރުން ހަރަކާތްތެރިވެ ނިއްވާލާފައވާ ކަމަށެވެ. އެހާދިސާގައި އެ ގުދަނުގައި ހުރި ތަކެއްޗަށްވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
އެންޑީއެމް އޭއިން ބުނީ، ޗަނބޭލީ ގޯޅީގައި ހަ ފަންގިފިލާއަށް ހަދާފައި ހުރި އިމާރާތެއްގެ ތިރީގައި ހުރި ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ އިމާރާތުގެ ކަރަންޓް ޕެނެލް ހަލާކުވުމުގެ ސަބަބުން މުޅި އިމާރާތުން ކަރަންޓް ކެނޑިފައިވާ ކަމަށެވެ.
އެހެންކަމުން އެ އިމާރާތުގެ ތިން އެޕާޓްމަންޓަކުން 25 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް ހަމަޖައްްސާފައިވާ ކަމަށްވެސް ބުންޏެވެ




