އަދާލަތު ޕާޓީގެ ރައީސް ކަމުގެ މަގާމު، އެ ޕާޓީގެ ނައިބު ރައީސް ކަމުގައި ހުންނެވި ޝައިޚް މުހައްމަދު ޝިފާން ހޮވައިފިއެވެ.
އަދާލަތު ޕާޓީން ބުނިގޮތުގައި، ޕާޓީގެ ރައީސް ކަމަށް ޝިފާން އިންތިޚާބުވީ ވޯޓުލީ މެމްބަރުންގެ 99 ޕަސެންޓް ވޯޓު ހޯއްދަވައިގެންނެވެ. ރައީސް ކަމަށް ޝިފާން އިންތިޚާބުވިއިރު، ޕާޓީގެ ނައިބު ރައީސް ކަމަށް ހޮވުނީ ޝައިޚް އަބްދުﷲ ރަޝީދެވެ.
އަދާލަތު ޕާޓީގެ ރައީސް އާއި ނައިބު ރައީސް ހޮވުމަށް ބޭއްވި ވޯޓު ކުރިއަށް ދިޔައީ އޮންލައިންކޮށެވެ. އިންތިޚާބުގައި ވޯޓުލީ މެމްބަރުންގެ އަދަދު އެ ޕާޓީން ހާމަކޮށްފައިނުވެއެވެ.
އަދާލަތު ޕާޓީގެ ރައީސް ކަމުގައި އެންމެ ފަހުން ހުންނެވީ ޝައިޚް އިމްރާން އަބްދުﷲއެވެ. ނަމަވެސް އެ ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުން މިފަހަރު އިމްރާނަށް ރައީސް ކަމަށް ކުރިމަތި ނުލެއްވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަލަށް ހޮވުނު ރައީސް އާއި ނައިބު ރައީސަށް އިމްރާން ވަނީ ތާއީދު ކުރައްވާފައެވެ.




