މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓުގައި ކުރިމަތި ލައްވާފައިވާ މޫސާ އަލީ ޖަލީލަކީ ފަސްބައިގައި އެއްވެސް ހަޑިކަމެއް ނެތް ބޭފުޅެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިންގާ ޕާޓީން ރޭ ބޭއްވި ކެމްޕޭން ހަރަކާތެއްގައި ވާހަކަ ދައްކަވަމުން ޖަލީލު ވިދާޅުވީ، ޖަލީލަކީ ސީދާ ރައީސްގެ ޗޮއިސްއެއް ކަމަށާއި، އެއީ ގައުމު ފަޚުރުވެރިވާ ފަދަ ބޭފުޅެއް ކަމަށެވެ.
"ފަސްބައިގަ އެއްވެސް ކަހަލަ ހަޑިކަމެއް ނެތް، ހީވާގި ގައުމީ ޖޯޝު ހުރި ގައުމީވަންތަ ގައުމު ފަހުރުވެރިވާ ފަދަ ބޭފުޅެއް. އެހެންވެ އަޅުގަނޑު އެދުނީ ކުރިމަތިލެއްވުމަށް." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓުގައި ނުކުންނެވުމަށް ޖަލީލަށް ދެންނެވީ، މާލޭގެ ރައްޔިތުންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގައި ޖަލީލަކީ ސަރުކާރަށް އެއްބާރުލުން ދިނުމުގައި އަމާނާތްތެރިކަމާއި އިހުލާސްތެރިކަމާއެކު މަސައްކަތް ކުރައްވާނެ ބޭފުޅަކަށް ވާތީ ކަމަށެވެ.
ރޭގެ ކެމްޕޭން ހަރަކާތުގައި ރައީސް އެދިވަޑައިގަތީ، އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓުނުދީ، ސަރުކާރުން ދައްކާ ކެންޑިޑޭޓުން ހޮވައިދިނުމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ، އިދިކޮޅު ކެންޑިޑޭޓުން ހޮވައިފިނަމަ، ސަރުކާރުން ރާވާ ކަންކަމަށް ހުރަސް އެޅޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ކާމިޔާބު ލިބޭނެ ކަމަށެވެ. އެކަމަށް އަތުކުރި އޮޅާލަންވެސް އެދިވަޑައިގެންނެވިއެވެ.
"މި ސަރުކާރަކީ ގައުމީ ފިކުރުގެ ގައުމީ ވިސްނުމުގެ ގައުމު ދެކެ ލޯބިވާ ފިކުރުގެ ސަރުކާރެއް. އެގޮތުގައި ކުރިއަށް ގެންގޮސް ކެމްޕެއިން ކުރާށޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ކާމިޔާބު ލިބޭނެ،" ރައީސް ވިދާޅުވިއެވެ.




