ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދެމުން އަންނަ އިސްލާމް މާއްދާ ދިވެހި ބަހުން ކިޔަވައިދިނުމުގެ ބަދަލުގައި އިނގިރޭސި ބަހުން ކިޔަވައިދޭން ފެށުމަކީ ރަނގަޅު ކަމެއް ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިފަދައިން ވިދާޅުވީ، މިހާރަކަށް އައިސް ދިވެހި ދަރިވަރުން ދިވެހި ބަހަށް ކޮށިވެ، އިސްލާމް މާއްދާގައި ހުންނަ ބައެއް ވާހަކަތައް ދިވެހި ބަހުން ކިޔަވައިދިނުމުން ފަހުމްވުން ކުޑަކަން ގިނަބަޔަކު ފާހަގަކޮށް، އިސްލާމް މާއްދާ އިނގިރޭސިބަހުން ކިޔަވައިދިނުމާ އެއްކޮޅަށް އަދި ދެކޮޅަށްވެސް ބަހުސް ކުރަމުންދާ ވާހަކައަށް އިޝާރާތް ކުރައްވައެވެ.
ބަޔެއް ފަރާތްތަކުން ދެކެނީ އިސްލާމް މާއްދާ ދިވެހި ބަހުން އޮތުމަކީ ދިވެހި ބަސް ނެތިދިއުމަށް އޮތް ބިރަށް މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް އަނެއް ބަޔަކު ދެކެނީ ދީނީ ކަންކަމުގައި މުހިންމީ ދަރިވަރުންނަށް އޭގައި އެބުނާ އެއްޗެއް ފަހުމްވާން ފަސޭހަ ބަހަކުން ގެނެސްދިނުން ކަމަށެވެ. މިކަމުގައި ޝަހީމް ބޮޑަށް ބުރަވެވަޑައިގަންނަވަނީ ދިވެހި ބަހުން ބުނާ އެއްޗެއް ދަރިވަރުންނަށް ފަހުމްވާން އުދަނގޫނަމަ، އިސްލާމް މާއްދާ އިނގިރޭސި ބަހަށް ބަދަލު ކުރުމަށެވެ. އެއީ ދަރިވަރުންނަށް ބޮޑަށް ފަހުމްވާނީ އެ ބަހުން ކަމަށްވާތީއެވެ.
"އިސްލާމް މާއްދާ ބޮޑަށް ދަރިވަރުންނަށް ފަހުމް ވަނީ އިނގިރޭސި ބަހުން ކަމަށް ވާނަމަ އެ މާއްދާ އިނގިރޭސި ބަހުން ކިޔަވާ ދިނުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އިސްލާމް މުޤައްރަރު ޒަމާނަށް ފެތޭ ގޮތަށް އަދި މި ޒަމާނުގެ ޖީލަށް ވިސްނޭނެ ގޮތަށް ފަސޭހަ އިބާރާތަކުން އަލުން ލިޔަންވެސް ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި އިސްލާމް ފޮތުގެ ލޭއަައުޓްވެސް މުޅިން ބަދަލުވާންޖެހޭ ކަމަށް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ، އިސްލާމް މުޤައްރަރުގެ ކޮންމެހެން މުހިއްމު ބައިތައް ހިމަނާފައި ގްރޭޑު އަދި އުމުރާ ގުޅޭގޮތަށް އަލުން ތަރައްގީކުރަންވެސް ފެނިވަޑައިގަންނަވާ ކަމަށާއި އަދި އިސްލާމް މާއްދާގައި އެއް ފޮތެއްގެ ތެރޭގައި އިސްލާމީ އެކި ދާއިރާތަކުގެ ބައިވަރު މައުޟޫތައް ހުރި ހުރުންވެސް އެކި މަރުހަލާތަކަށް ވަކި މާއްދާތަކުގެ ގޮތުގައި ބަހާލުންވެސް ރަނގަޅު ކަމަށެވެ.




