މުއިއްޒު ބޭނުންވަނީ މޭޔަރަކަށް ޖަލީލު ހޮވާކަށްނޫން، މުއިއްޒު ބޭނުން ވަނީ އާޒިމް ހޮވަން: ޔާމީން

މުއިއްޒު ބޭނުންވަނީ މޭޔަރަކަށް ޖަލީލު ހޮވާކަށްނޫން، މުއިއްޒު ބޭނުން ވަނީ އާޒިމް ހޮވަން: ޔާމީން

މާލޭގެ މޭޔަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވަނީ ޕީއެންސީގެ ޓިކެޓުގައި ކުރިމަތިލައްވާ މޭޖާ ޖެނެރަލް ރިޓަޔާޑް މޫސާ ޢަލީ ޖަލީލު ހޮވަން ނޫން ކަމަށާއި، ރައީސް މުއިއްޒު ބޭނުންފުޅު ވަނީ އެމްޑީޕީގެ ޓިކެޓުގައި މޭޔަރުކަމަށް ނުކުމެވަޑައިގަންނަވާ އާދަމް އާޒިމް ހޮވަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ބައްދަލުވުމުގައި ރޭ ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، ޖަލީލަކީ މޭޔަރު ކަމުގެ އިންތިޚާބަށް ރައީސް މުއިއްޒު "ކަތިލަން ނެރެފައިވާ ކަންބަޅިއެއް" ކަމަށެވެ.

"ދެން ޖަލީލަށް މިހާރު އެނގިވަޑައިގަންނަވަން ވާނެ ކީއްކަން މިވީ، ޖަލީލަކީ ކަތިލާ ކަންބަޅިއެއް، މުޢިއްޒު ބޭނުންވަނީ އާދަމް ޢާޒިމް ހޮވެން، އެހެންވީމާ ހަމަ އެ ސަބަބަށް ޓަކައި މާލެ ސިޓީ ކައުންސިލަށް ކުރިމަތިލައިގެން އުޅޭ ހުރިހާ ޕީއެންސީގެ ކައުންސިލަރުންނަށް އަންގައިފި މޫސާ ޖަލީލާއެކީ ކަލޭމެން ފޮޓޯނަގައިފައި ޕޯސްޓަރު ހަދައިގެން ނުވާނެއޭ،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، ޖަލީލުގެ އަގު ވެއްޓެން އެމަނިކުފާނު ބޭނުންފުޅު ނޫން ކަމަށެވެ. އަދި ޖަލީލަށް ތައުރީފް ކުރައްވައި ޔާމީން ވިދާޅުވީ، އެއީ ޚިދުމަތްތެރި، ޝަރަފުވެރި، ނަމޫނާ ބޭފުޅެއް ކަމަށެވެ. އެހެންވެ، ޕީއެންސީގެ ޓިކެޓުގައި މޭޔަރަކަށް ނުކުމެވަޑައިގަންނަވަން ޖަލީލު ނިންމެވީތީ ހިތާމަ ކުރައްވާ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ. ޖަލީލަކީ ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

ޕީއެންސީގެ ޓިކެޓުގައި މޭޔަރު ކަމަށް ޖަލީލު ނުކުންނައިރު، ޔަމީންގެ ޕީއެންއެފްގެ ޓިކެޓުގައި ނުކުންނަނީ ކުރީގެ ގޯލްކީޕަރު އިސްމާއީލް ޒަރިޔަންދެވެ. އަދި އެމްޑީޕީގެ ޓިކެޓުގައި ނުކުންނަނީ މިހާރުވެސް މާލޭގެ މޭޔަރު ކަމުގައި ހުންނެވި އާދަމް އާޒިމެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *