މާލެއާއި މާލޭގެ ރައްޔިތުންނަޑް ދިމާވެފައިވާ މައްސަލަތައް އެނގިވަޑައިގަންނަވާ ކަމަށާއި، މޭޔަރުކަމަށް ވާދަކުރައްވަނީ އެ ކަންކަން ހައްލުކޮށް މާލޭ ރައްޔިތުންގެ ހިތްތައް ފަތަހަކުރައްވަން ކަމަށް ޕީއެންސީގެ ފަރާތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރުގެ މަގާމަށް ވާދަކުރައްވާ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް، އަދި ކުރީގެ ޑިފެންސް މިނިސްޓަރު މޭޖާ ޖެނެރަލް ރިޓަޔަޑް މޫސާ އަލީ ޖަލީލު މިރޭ ވިދާޅުވެއްޖެ އެވެ.
މޫސާ ޖަލީލުގެ ކެމްޕޭން ޖަގަހަ ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ މޭޔަރުގެ މަގާމަށް ވާދަކުރައްވަން ނިންމީ މާލޭގެ މޭޔަރުކަމުގެ މަގާމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރެއްވި މަސައްކަތް އިންފާރެއްގެ ގޮތުގައި ބައްލަވައިގެން ކަަމަށެވެ.
އޭނާ ވިދާޅުވީ ރައީސް މުއިއްޒު މާލޭގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުންތަކުގައި މާލޭގެ ރައްޔިތުން ވަނީ ނުހަނު ގިނަ ކަންބޮނޑުވުންތަކެއް ފާޅުކޮށްފައި ކަމަށެވެ. މާލޭގެ ރައްޔިތުން ފާޅުކުރި ކަންބޮޑުވުންތައް އެނގިވަޑައިގަންނަވާ ކަމަށާއި، އެއާއެކު ވެސް ރައްޔިތުންގެ ޚިދުމަތުގައި އެތައް ގުރުބާނީއެއްވީ މީހެއްގެ ހައިސިއްޔަތުން ވީ "ފިލަންތޯ" އެއީ އުފެދުނު ސުވާލެއް ކަމަށް މޫސާ ޖަލީލް ވިދާޅުވި އެވެ.
"މި ދެންނެވި ބައްދަލުވުންތަކުގެ އަޑުއަހަން އަޅުގަނޑު އިން އިރު، ހިތަށް ވެރިވި ޝުއޫރުތައް ވަރަށް ގިނަ. ގައުމީ ޚިދުމަތުގައި ރެއާއި ދުވާލު ވަރަށް ބުރަކޮށް މަސައްކަތްކުރި، ވަރަށް ހިތްވަރާއެކު އެތައް ގުރުބާނީއެއްވި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ހިތާހިތާ ކުރެވުނު އެއް ސުވާލަކީ ރައްޔިތުންނަށް ޚިދުމަތް ކުރަމުންދާ ރިޓާޔާވެފައިހުރި މީހަކު މިހާރުވީ ގެޔަށްވަދެ ފިލަންހޭ،" އޭނާ ވިދާޅުވިއެވެ.
ނަމަވެސް، މިއަދުވެސް ހިތްވަރާއި ފަންވަރާއި، ޚިދުމަތުގެ ތަޖުރިބާ އެބަހުރި ކަމަށާއި، ޚިދުމަތްކުރަން ބޭނުންފުޅުވާ ކަމަށް ޖަލީލު ވިދާޅުވިއެވެ. އެ ފުރުސަތު މި ފަހިވީ ރައީސް މުއިއްޒާ އެކު ކަމަށް އޭނާ ވިދާޅުވިއެވެ.




