އީރާނުގެ 1979ގެ އިންގިލާބު ކާމިޔާބުވިޔަސް މިފަހަރު ކާމިޔާބެއް ނުވާނެ!

އީރާނުގެ 1979ގެ އިންގިލާބު ކާމިޔާބުވިޔަސް މިފަހަރު ކާމިޔާބެއް ނުވާނެ!

އީރާނުގެ އެކި ސަރަހައްދުތަކުގައި ކުރިއަށްދާ މުޒާހަރާތަކާ ގުޅިގެން، ބައެއް މީހުން މި ހަރަކާތްތަކާއި 1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބާ އަޅާކިޔަމުން އެބަގެންދެއެވެ.

ވެރިކަމާ ދެކޮޅަށް ރައްޔިތުން ނުކުމެ، ލީޑަޝިޕަށް ފާޑުކިއުމަށް ގޮވާލަމުންދާ ޝިއާރުތަކުގެ ސަބަބުން، އީރާނާއި މުޅި މެދުއިރުމަތީގެ ސިޔާސީ މަސްރަހު ބަދަލުކޮށްލި އެ ތާރީޚީ ދުވަސްވަރުގެ ހަނދާންތައް ވަނީ އާވެފައެވެ.

ނަމަވެސް، މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި ދެ ހަރަކާތުގެ މެދުގައި ހުރި އެއްގޮތްކަމަކީ ހަމައެކަނި ބޭރުފުށުން ފެންނަ ކަންތައްތަކެކެވެ. ރައްޔިތުންގެ މެދުގައި ބޮޑު ނުރުހުމެއް އޮތް ނަމަވެސް، 1979 ގެ އިންގިލާބު ކާމިޔާބުވުމަށް މަގުފަހިވި ސިޔާސީ އަދި މުއައްސަސާވީ ހާލަތްތައް މިއަދުގެ އީރާނަކު ނެތް ކަމަށް އެ ފަރާތްތަކުން ދެކެއެވެ.

1970 ގެ އަހަރުތަކުގެ ފަހުކޮޅު، އޭރުގެ ރަސްގެފާނު (ޝާހު) ގެ ވެރިކަމާ ދެކޮޅަށް ތެދުވި ފަރާތްތައް ތިބީ ސާފު ލީޑަޝިޕެއްގެ ދަށުގައި އެއްގަލަކަށް އަރައެވެ. އާޔަތުﷲ ރުހުﷲ ޚުމައިނީ އަކީ އެއްވެސް ދެބަސްވުމެއް ނެތް ފަދަ ވަރުގަދަ ލީޑަރެއްގެ ގޮތުގައި ފާހަގަވެ، ދީނީ، ސިޔާސީ އަދި އިޖުތިމާއީ ހުރިހާ ގުރޫޕްތަކަކަށް ފިކުރީ އަދި ރޭވުންތެރިކަމުގެ ގޮތުން މަގު ދައްކަވައިދެއްވިއެވެ.

މިއާ ޚިލާފަށް، މިއަދު ކުރިއަށްދާ މުޒާހަރާތައް ފެންނަނީ ވަކި މަރުކަޒީ އިސްލީޑަރެއް ނެތް ގޮތަކަށެވެ. އިގްތިސާދީ ދަތިތަކާއި، އިޖުތިމާއީ ހުރަސްތަކާއި، އަދި ސިޔާސީ ފިއްތުންތަކާ މެދު ރައްޔިތުންގެ ހިތްހަމަނުޖެހުން އިންތިހާއަށް އޮތް ނަމަވެސް، މި ހުރިހާ ޝުއޫރުތަކެއް އެއްކޮށްލައި، ދައުލަތާ ދެކޮޅަށް އިންތިޒާމުވެގެން ކުރިމަތިލާނެ ވަރުގަދަ ލީޑަރެއް ނުވަތަ ހަރަކާތެއް މިއަދަކު ނެތެވެ.

"ހަމައެކަނި މުޒާހަރާއަކުން އިންގިލާބެއް ނުވަތަ ބޮޑު ބަދަލެއް ނުގެނެވޭނެ،. ލީޑަޝިޕަކާއި ހަރުދަނާ އޮނިގަނޑެއް ނެތި، އާންމުންގެ މި ދެކޮޅުވެރިކަން ނިޒާމީ ބަދަލަކަށް ބަދަލުކުރުމަކީ ވަރަށް ދަތި ކަމެއް." މެދުއިރުމަތި ދިރާސާކުރާ އިނގިރޭސިވިލާތުގެ ޕްރޮޕެސެރެއްކަމަށްވާ އެންސިން ޖީ މައިކަލް ވިދާޅުވިއެވެ.

ދެ ނިޒާމުގެ މެދުގައި އޮތް އަނެއް ބޮޑު ތަފާތަކީ ދައުލަތް ބިނާވެފައި އޮތް ގޮތެވެ. ޝާހުގެ ސަރުކާރު ބިނާވެފައި އޮތީ ހަމައެކަނި ސަގާފީ އަސްކަރީ ބާރުތަކުގެ މައްޗަށެވެ. އެހެންކަމުން، ގައުމުގެ ހަލަބޮލިކަން އިތުރުވެގެން ދިޔަ ދަނޑިވަޅުގައި އެ ނިޒާމު ރޫޅިގެން ދިޔައެވެ. 1979 ވަނަ އަހަރުގެ ފަހުން، އީރާނުގެ ލީޑަޝިޕުން ވަނީ ދައުލަތް ރޫޅިގެން ދިޔަ ނުދިނުމަށްޓަކައި ސަލާމަތީ ކަންކަން އެތައް ފަންތިއަކަށް ބަހާލައިގެން ވަރުގަދަ ގޮތެއްގައި ބައްޓަންކޮށްފައެވެ. މިގޮތުން، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އާއި، ބަސީޖް މިލިޝިއާ އަދި އިންޓެލިޖެންސް އިދާރާތަކަކީ ގައުމުގެ ދާޚިލީ ހަމަޖެހުން ދެމެހެއްޓުމުގައި އެންމެ މުހިންމު ދައުރު އަދާކުރާ ފަރާތްތަކެވެ. އަދި މި މުއައްސަސާތަކަކީ މިހާރުގެ ސިޔާސީ ނިޒާމަށް ފުރިހަމައަށް ވަފާތެރި ބައެކެވެ.

މި މުއައްސަސާތައް ވަނީ އީރާނުގެ ސިޔާސީ އަދި އިގްތިސާދީ ނިޒާމުގެ ތެރެއަށް ވަރަށް ފުންކޮށް ވަދެފައެވެ. މީގެ ސަބަބުން، ހަލަބޮލި ދަނޑިވަޅުތަކުގައިވެސް އެ މުއައްސަސާތައް ބައިބައިވެގެން ދިއުމުގެ ފުރުސަތު ވަރަށް ކުޑައެވެ.

އިންގިލާބުތަކާ ގުޅޭ ތާރީޚީ ދިރާސާތަކުން ދައްކާ ގޮތުގައި، ގައުމެއްގެ އާންމު ރައްޔިތުން ނުކުމެ ކުރާ އިހުތިޖާޖުތައް ކާމިޔާބުވަނީ، އެ ގައުމެއްގެ ސިޔާސީ އަދި އަސްކަރީ އިސްވެރިންގެ ތެރޭގައި ބައިބައިވުން އުފެދި، ދައުލަތާ ދެކޮޅުވެރިވުމުންނެވެ. ނަމަވެސް، މިއަދުގެ އީރާނުގައި މިފަދަ ކަމެއް ފެންނާކަށް ނެތެވެ. އަސްކަރިއްޔާ، ޝަރުއީ ދާއިރާ އަދި ސިޔާސީ ދާއިރާގެ އިސްވެރިން އަދިވެސް ތިއްބެވީ އިސްލާމީ ޖުމްހޫރިއްޔާގެ ލީޑަޝިޕާއެކު ސާބިތުކަމާއެކުގައެވެ. މިއީ ޝާހުގެ ވެރިކަމުގެ ފަހު އަހަރުތަކާ އަޅާބަލާއިރު ވަރަށް ބޮޑު ތަފާތެކެވެ. އެ ދުވަސްވަރު އިސްވެރިންގެ މެދުގައި އުފެދުނު ބައިބައިވުންތަކުގެ ސަބަބުން، ކުރިމަތިވި އިހުތިޖާޖުތަކަށް އެކަށީގެންވާ ރައްދެއް ދިނުމަށް ދައުލަތުގެ ބާރު ކެނޑިގެން ދިޔައެވެ.

ތަޖުރިބާކާރުން ދެކޭގޮތުގައި ބޭރުގެ ބާރުތަކުން ކުރިމަތިކުރާ ފިއްތުންތައް އިތުރުވުމަކީ އީރާނުގެ ސަރުކާރު ބަލިކަށިވެގެން ހިނގައިދާނެ ކަމެކެވެ. އެހެންނަމަވެސް، ތަޖުރިބާކާރުން އިންޒާރުދޭ ގޮތުގައި ބޭރުގެ ނުރައްކާތަކުގެ ސަބަބުން ގިނަ ފަހަރަށް ނުކުންނަނީ އޭގެ އިދިކޮޅު ނަތީޖާއެވެ. އެގޮތުން، މިފަދަ ކަންކަމުގެ ސަބަބުން ގައުމީ ރޫހު އާލާވެ، ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވެގެންދެއެވެ. އީރާނުގެ ކަމާބެހޭ ފަރާތްތަކުން ގައުމުގެ އެތެރޭގައި ހިނގާ ހަމަނުޖެހުންތަކަކީ ބޭރުގެ ބާރުތަކުން އަޑީގައި ތިބެގެން ހިތްވަރުދޭ ނުވަތަ ރާވައިގެން ހިންގާ ކަންތައްތަކެއްގެ ގޮތުގައި ގިނަފަހަރަށް ސިފަކުރެއެވެ. މިއީ ސަލާމަތީ ބާރުތަކުގެ ތާއީދު ސަރުކާރަށް ހޯދުމަށް ބޭނުންކުރާ ވަރުގަދަ އުކުޅެކެވެ.

އީރާނަށް ސިޔާސީ ބޮޑު ބަދަލެއް އައި ކަމުގައިވިޔަސް، 1979 ވަނަ އަހަރު ފެނިގެންދިޔަ ފަދަ މުއައްސަސާތައް މުޅިން އިނދަޖެހިގެންދާ މަންޒަރެއް ނުފެންނާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ވޭތުވެދިޔަ ސާޅީހަކަށް އަހަރު ދުވަހުގެ ތެރޭގައި، އިސްލާމީ ޖުމްހޫރިއްޔާއިން ވަނީ ކާރިސާއެއްގެ ވަގުތުގައިވެސް ދައުލަތް ހިންގުމުގެ ނިޒާމު މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ފަދަ ވަރުގަދަ އިދާރީ އަދި ހިންގުމުގެ އޮނިގަނޑުތަކެއް ގާއިމުކޮށްފައެވެ. ދައުލަތުގެ މުއައްސަސާތަކުގެ މި ވަރުގަދަކަމާއި، ގައުމީ ވަންތަކަމުގެ އިހުސާސް، މިހާރުގެ އީރާނާއި އިންގިލާބުގެ ކުރީގެ އީރާނާ ތަފާތުކޮށްދެއެވެ.

އީރާނުގައި ކުރިއަށްދާ މުޒާހަރާތަކުން އެގައުމުގެ އިޖުތިމާއީ އަދި އިގްތިސާދީ ބޮޑެތި މައްސަލަތައް ހާމަވި ނަމަވެސް، އެއީ އަދި އިންގިލާބެއް ގެނެވޭ ފަދަ ހާލަތަކަށް ގޮސްފައިވާ ކަންކަން ނޫން ކަމަށް ގިނަ މުހައްލިލުން އެއްބަސްވެއެވެ.

އެއްބައިވަންތަ ލީޑަރޝިޕެއް ނެތުމާއި، ދައުލަތުގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން ވަކިވެވަޑައިނުގަތުމާއި، އަދި ސަލާމަތީ ބާރުތައް ބައިބައިނުވާހާ ހިނދަކު، އީރާނުގެ މި ނުތަނަވަސްކަމުގެ ނަތީޖާއަކަށް ވާނީ ސިޔާސީ ނިޒާމު ކުއްލިއަކަށް ބަދަލުވުމުގެ ބަދަލުގައި، ދިގު މުއްދަތަކަށް ދެމިގެންދާ ނުތަނަވަސްކަމެކެވެ.

މިވަގުތަށް ބަލާއިރު ތާރީޚު އިއާދަވަމުންދާ ތަނެއް ނުފެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *