32 މެމްބަރުންނާއެކު އިންތިޚާބުގައި ލަފާދޭ ގައުމީ ކޮމިޓީ އުފައްދައިފި

32 މެމްބަރުންނާއެކު އިންތިޚާބުގައި ލަފާދޭ ގައުމީ ކޮމިޓީ އުފައްދައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ޚާއްސަކޮށް، އިންތިޚާބާބެހޭ ލަފާދޭ ޤައުމީ ކޮމިޓީ އުފައްދައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ކޮމިޓީ އުފައްދައި، ކޮމިޓީގެ ބައްދަލުވުމެއްވެސް މިދިޔަ ބުރާސްފަތި ދުވަހު  ބާއްވާފައިވާ ކަމަށެވެ. ބައްދަލުވުން އޮތީ  އިންތިޚާބާބެހޭ މަރުކަޒުގެ ހޯލުގައެވެ.

މި ކޮމިޓީއަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ގަވާއިދުގެ 3 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އިންތިޚާބާގުޅޭ ލަފާހޯދުމަށާއި މަޝްވަރާ ކުރުމަށް އެކުލަވާލެވިފައިވާ ކޮމިޓީއެކެވެ.

މި ކޮމިޓީގައި އިލެކްޝަންސް ކޮމިޝަނުގެ އިތުރުން، ދައުލަތުގެ އެކި މުއައްސަސާތަކާއި، މިނިވަން މުސްތަޤިއްލު ކޮމިޝަންތަކާއި އަދި ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ ތެރެއިން މިކޮމިޝަނުން ކަނޑައަޅާފައިވާ 2 ޖަމްއިއްޔާއަކުން ޖުމްލަ 32 މެންބަރުން ބައިވެރިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާ ގުޅޭ މުހިންމު މައުލޫމާތުވަނީ ޙިއްސާކޮށްފައިވާ ކަމަށެވެ.

އެގޮތުން، އިންތިޚާބާބެހޭ ލަފާދޭ ޤައުމީ ކޮމިޓީގެ މަޝްވަރާތަކުގައި އެކަކު އަނެކަކަށް އިޚްތިރާމް ކުރުމަށާއި ބައްދަލުވުމުގެ މަޤްސަދާއި އިންތިޚާބު އޮންނަ ތާރީޚާއި ކުރިއަށްދާނެ ގޮތުގެ މައުލޫމާތު ފޯރުކޮށްދީފައިވެއެވެ. އަދި ކެންޑިޑޭޓުންނަށް ވުމަށް ބޭނުންވާ ފަރާތްތަކުން ފޯމު ފުރިހަމަ ކުރުމުގައި އަމަލު ކުރަންވީ ގޮތާއި ސަމާލުކަން ދޭންޖެހޭ ކަންތައްތަކާ ގުޅޭގޮތުންނާއި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހަކު، އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްޓަކައި ޓެމްޕްލޭޓް މެދުވެރިކޮށް ވޯޓުލުމުގެ ފުރުޞަތު ފަހިކޮށްދީ، މިކަމަށް ރަޖިސްޓަރީވުމުގެ މުހިންމުކަމާއި ރަޖިސްޓަރީކުރުމަށް އަމަލުކުރަންޖެހޭ ގޮތާގުޅޭ ގޮތުން ވަނީ މަޝްވަރާ ކޮށްފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ކޮމިޓީގެ ބައްދަލުވުންތައް ކުރިއަށް އޮތް ތަނުގައިވެސް ކަނޑައަޅާ ވަކި ދުވަސްތަކަކު އޮންނާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *